ޝަރުއީ ދާއިރާގެ ރަސްމީ މަސައްކަތު ގަޑި ހަ ގަޑިއިރަށް ބަދަލުކޮށް އަމަލުކުރަން ފަށައިފި

ޝަރުއީ ދާއިރާގެ މުވައްޒަފުން ދުވާލަކު ހަ ގަޑިއިރު މަސައްކަތް ކުރާ ގޮތަށް ނިންމާ މިއަދުން ފެށިގެން އެގޮތަށް އަމަލުކުރަން ފަށައިފި އެވެ.
މީގެކުރިން ޝަރުއީ ދާއިރާގެ މަސައްކަތު ގަޑިއަކީ ހެނދުނު 8:00 އިން މެންދުރުފަހު 3:00 އަށް ހަތް ގަޑިއިރެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ނެރެފައިވާ އެންގުމެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން ޝަރުއީ ދާއިރާގެ މަސައްކަތު ގަޑިއަކީ ހެނދުނު 8:00 އިން މެންދުރު ފަހު 2:00 އަށް ކަމަށް ސުޕްރީމް ކޯޓުން ހަމަޖައްސާފައިވާ ކަމަށެވެ.
މިބަދަލާ އެކު ޝަރުއީ ދާއިރާގެ މަސައްކަތު ގަޑި މިވަނީ ސިވިލް ސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުންގެ މަސައްކަތު ގަޑިއާ އެއް ވަގުތަކަށް ބަދަލުކުރެވިފަ އެވެ.
ޑީޖޭއޭ އިން ބުނީ ޝަރުއީ ދާއިރާގެ މަސައްކަތު ގަޑިއަށް ގެނެވުނު ބަދަލާއި ގުޅިގެން ވަޒީފާއާއި ބެހޭ ގާނޫނުގެ ދަށުން މެންދުރު 12:00 އިން 1:00 އަށް ކޮންމެ މުވައްޒަފަކަށް ވެސް 30 މިނެޓްގެ ހުސް ވަގުތުކޮޅެއް ލިބޭނެ ކަމަށެވެ. ޝަރުއީ ދާއިރާގެ މަސައްކަތްތަކަށް ހުއްޓުމެއް ނާންނާނެ ފަދަ ގޮތަކަށް ހުސް ވަގުތުކޮޅޫ ހަމަޖެއްސުމަށް ވެސް ޑީޖޭއޭ އިން ވަނީ އެދިފަ އެވެ.
ޑީޖޭއޭ އިން އިތުރަށް ބުނީ ޝަރުއީ ދާއިރާގެ މަސައްކަތު ގަޑިއަށް ބަދަލު ގެނައި ނަމަވެސް ޑިއުޓީ އުސޫލުން މަސައްކަތް ކުރާ މުވައްޒަފުންގެ ރަސްމީ މަސައްކަތު ގަޑިއަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ