ކޮސޯވޯގެ މިނިވަންކަން ބަލައިގަތުމުގައި ޑރ.ޝަހީދު ރިޝްވަތު ނެންގެވި ކަމުގެ ތުހުމަތު

ކޮސޯވޯ މިނިވަން ދައުލަތެއްގެ ގޮތުގައި ދިވެހިރާއްޖެއިން ޤަބޫލުކުރުމުގައި ކުރީގެ ފޮރީން މިނިސްޓަރު ޑރ.އަޙްމަދު ޝަހީދު ރިޝްވަތު ނެންގެވި ކަމަށް ތުހުމަތުކުރައްވައި، އެމައްސަލަ ބެލުމަށް މަޖިލިހަށް ޤަރާރެއް ރައްޔިތުން މަޖިލިހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ) ހުށަހަޅުއްވައިފިއެވެ. މިއަދު އޮތް މަޖިލިހުގެ ޖަލްސާއަށް މިމައްސަލަ ހުށަހަޅުއްވަމުން ނޮޅިވަރަމް ދާއިރާގެ މެންބަރު ވިދާޅުވީ އެއިރު އެމައްސަލައިގައި ރިޝްވަތުގެ ތުހުމަތުކުރެވިގެން އެއިރުގެ ރައީސުލްޖުމްހޫރިއްޔާ އެމައްސަލަ ތަހުގީގުކުރަން ފުލުހަށް އެންގެވި ކަމުގައެވެ. އެއިރު ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނެވީ ރައްޔިތުން މަޖިލިހުގެ މިހާރުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދެވެ. މިއަދު އޮތް މަޖިލިހުގެ ޖަލްސާއަށް ޤަރާރު ހުށަހަޅުއްވަމުން މޮސްޓާ ވިދާޅުވީ އެއިރުގެ ޚާރިޖީވަޒީރާއި ބައެއް އިސް އޮފިޝަލުން ކޮސޯވޯގެ މިނިވަންކަން ބަލައިގަތުމަށް ރިޝަވަތު ނަންގަވާފައިވާ ކަމަށް ތުހުމަތުވާ ކަމުގައެވެ. އަދި އެގޮތުން އަވައްޓެރި އިންޑިޔާއާއި ލަންކާއިންވެސް ކޮސޯވޯ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަނެފައިނުވާ ކަމުގައާއި ނަމަވެސް ރާއްޖެއިން ކޮސޯވޯގެ މިނިވަންކަން ބަލައިގަތުމުން ސުވާލު އުފެދޭ ކަމުގައި ވިދާޅުވިއެވެ. އަދި ޝަހީދުގެ މައްޗަށް ރިޝްވަތުގެ ތުހުމަތުކުރެވިގެން ފުލުހަށް ހުށަހެޅުނު މައްސަލައިގެ ތަހުގީގުގެ އެއްވެސް ޚަބަރެއް ފަހުން ލިބިފައިނުވާ ކަމުގައާއި، އެމައްސަލާގައި ޖިނާއީ ދައުވާ އުފުލުމަށް އޮންނަ މުހުލަތު މިހާރު ފަހަނައަޅައި ގޮސްފައިވުމާއެކު، ފުލުހުން މިމައްސަލަ ތަހުގީގުކުރުމުގެ މާ ބޮޑު ބޭނުމެއް މިހާރު ނެތް ކަމުގައި މޮސްޓާ ވިދާޅުވިއެވެ. އަދި މިމައްސަލާގައި މިހާރު ކުރެވެން އޮތް ހަމައެކަނި ކަމަކީ މަޖިލިހުން މިމައްސަލަ ބަލައި ރައްޔިތުންނަށް ކަން ހިނގައިދިޔަ ގޮތް ހާމަކުރުން ކަމުގައި އޭނާ ވިދާޅުވިއެވެ. މިމައްސަލައިގެ ބަހުސް ވަގުތު ހުޅުވައިލައްވަމުން މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ އެކަން ހިނގައިދިޔައިރު ރައީސްގެ މަޤާމުގައި ހުންނެވީ އެމަނިކުފާނު ކަމުގައެވެ. އަދި ކޮސޯވޯގެ މިނިވަންކަން ބަލައިގަތުމުގައި އެއިރުގެ ޚާރިޖީވަޒީރު ރިޝްވަތު ނެންގެވިކަމަށް ޤަބޫލުކުރައްވަން ދަތިވާ ކަމަށއވެސ ްރައީސް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް މަޖިލިހުގެ މެންބަރުން އެކަން ބައްލަވަން އެދިވަޑައިގަންނަވާނަމަ އެކަން ބައްލަވަންވީ ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އޭގެ އިތުރަށް ކޮސޯވޯ އެދައުލަތުކުން ވަކިވާން ނިންމި ސާބިއާއަކީ އެމްޑީޕީއާ ވަރަށް ގާތް ގުޅުމެއް އޮތް ޤައުމެއް ކަމުގައިވީ ނަމަވެސް އެމްޑީޕީން ކޮސޯވޯ ބަލައިގަތް ކަމުގައިވެސް ނަޝީދު ފާހަގަކުރެއްވިއެވެ. ސަބަބެއް ކަމުގައި ވިދާޅުވީ އިސްލާމުންގެ ވަކި ޤައުމެއް ޤާއިމުކުރުމުގެ ފުރުޞަތު ލިބުމުން އެގޮތަށް ދިވެހިރާއްޖޭގެ ރައީސްގެ މަޤާމުގައި ހުންނަވާ ބޭފުޅަކު އަމަލުކުރައްވާނެ ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ