ސިފައިންނާއި ފުލުހުން ހިމާޔަތް ކުރަން ޖެހޭ- ޑރ. މުއިއްޒު

ފަހަކަށް އައިސް ރާއްޖޭގެ ސިފައިންނާއި ފުލުހުންނަށް ޖިސްމާނީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ހަމަލާ ދިނުން އިތުރުވަމުން ދާ ކަމަށާއި އެފަރާތްތަކުން ހިމާޔަތް ކުރުމަށް ނުކުންނަން ޖެހޭ ކަމަށް ކުރީގެ ހައިސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޑރ. މުއިއްޒު މިހެން ވިދާޅުވެފައިވަނީ މިއަދު ހުޅުމާލޭގައި ހިނގާދިޔަ މުޒާހަރާގެ ތެރެއިން އެތަނުގައި އެވަގުތު ތިބި ބިދޭސީންތަކެއް ފުލުހުންނަށް ހަމަލާދީ، ފުލުހުންގެ ބައެއް ތަކެއްވަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ދަނޑިވަޅެއްގައެވެ.
އައިލެންޑް އެކްސްޕާޓް ޕްރައިވެޓް ލިމިޓެޑްގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީންތަކެއް މުސާރަ ނުލިބުމުގެ ސަބަބުން ހިންގާފައިވާ މި މުޒާހަރާގެ ތެރެއިން ބައެއް ފުލުހުންނާއި ފުލުހުންގެ ވެހިކަލާއި ދިމާލަށް ގާއުކާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.
ފުލުހުންނަށް ދިން މި ހަމަލާތަކާއި ގުޅިގެން ޑރ. މުއިއްޒު ވިދާޅުވީ، ދިވެހި ސިފައިންނާއި ފުލުހުންނަކީ ދިވެހިންގެ ފަހުރު ކަމަށާއި އެފަރާތްތަކަށް ކުރަމުން އަންނަ އަނިޔާތައް ހުޢްޓުވަން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
މިހާރަކަށް އައިސް ދިވެހި ފުލުހުންނަށް ޖިސްމާނީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ދެމުންދާ ހަމަލާތައް ކުށްވެރިކުރަން. ދިވެހި ސިފައިންނާއި ދިވެހި ފުލުހުންގެ ގަދަރާއި އިއްޒަތް ދިފާއުކޮށް ހިމާޔަތް ކުރުމަށް މަސައްކަތް ކުރަން ޖެހޭ،" މުއިއްޒު ކުރެއްވި ޓްވިޓުގައި ވިދާޅުވިއެވެ.
ހުޅުމާލޭ ހިނގި މި މުޒާހަރާގެ ތެރެއިން މިހާތަނަށް 40 ބިދޭސީން ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މީގެ ކުރިން މިމަހުގެ ހަވަނަ ދުވަހުވެސް ހުޅުމާލޭގައި ބިދޭސީންތަކެއްގެ މުޒާހަރާކޮށްފައި ވެއެވެ. އަދި މުސާރައިގެ މައްސަލާގައި ބޮޑުފިނޮޅުގައިވެސް ބިދޭސީންތަކެއް ދިވެހިންތަކެއް ރަހީނުކޮށް ހަމަނުޖެހުން ހިންގި މައްސަލަ މި ވަނީ ވަރަށް ބޮޑުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ