ތިމާވެށީގެ މައްސަލަތަކަށް ހައްލު ހޯދުމަށް ރައީސް ނަޝީދު މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އެބައޮތް: ގާސިމް

ދުނިޔެއަށް ކުރިމަތިވެފައިވާ ތިމާވެށީގެ މައްސަލަތަކަށް، ހައްލެއް ހޯދުމަށް ރައީސް ނަޝީދު މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ޖުމުހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް އިބްރާހީމް މިފަދައިން ވިދާޅުވެފައި މިވަނީ ކްލައިމެޓް ވަލްނަރަބްލް ފޯރަމްގެ އެމްބިޝަންގެ އެމްބެސެޑަރ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހަވާލުވުމުން، މަރުހަބާ ދަންނަވާ ކުރެއްވި ޓްވީޓެއްގައެވެ.
ގާސިމް އިބްރާހީމް ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެފައިވާއިރު މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަ ކުރުމަށް މަސައްކަތް ކުރާ ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ "ތީމެޓިކް އެމްބެސެޑަރު"ގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ އިއްޔެގެ ވަގުތެއްގައި ފައްޓަވާފައި ކަމަށެވެ.
ރައީސް މުހައްމަދު ނަޝީދުވަނީ ބަންގްލަދޭޝް ސީ.ވީ.އެފް.ގެ ޕްރެޒިޑެންސީ ސްޕެޝަލް އެންކޯއި މރ. އަބްދުލް ކަލާމް އާޒާދުއާއި، ބަންގްލަދޭޝްގެ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ފޮރެސްޓް، އެންޑް ކްލައިމެޓް ޗޭންޖްގެ ބޭފުޅުންނާއި، ސީ.ވީ.އެފް. ޕްރެޒިޑެންސީއާއި އެ އިދާރާގެ ބޭފުޅުންނާއި އަދި ދަ ގްލޯބަލް ސެންޓަރ އޮން އެޑަޕްޓޭޝަންގެ ބޭފުޅުންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައެވެ.
ކްލައިމެޓް ވަލްނަރަބަލް ފޯރަމް އުފެއްދުމަށް ރައީސް ނަޝީދު ކުރެއްވި ބުރަ މަސައްކަތް ޑރ. ކަލާމް ވަނީ ފާހަގަކުރައްވާފައެވެ. 2009 އަހަރުގައި އުފެއްދި މި ފޯރަމްގައި ހިމެނެނީ މޫސުމަށް އަންނަ ބަދަލުގެ އަސަރު އެންމެ ބޮޑަށް ކުރާ ގައުމުތަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ