ދައުރުގެ ފަސް އަހަރު ހަމަވުމުގެ ކުރިން މިހާރު އޮތް ކޯލިޝަން ރޫޅޭނެ ކަމަށާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދާ ދެ ބޭފުޅުން ވެރިކަމާ ހެދި ދެކޮޅުވެރިވާ މަންޒަރު ފެނިގެން ދާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު މިހެން ވިދާޅުވީ އަވަސްގެ ހެނދުނު ޝޯ "ފަށަމާ" ގައި މިއަދު ހެނދުނު ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
ކޯލިޝަން ސަރުކާރެއް އެންމެ ދިގު މުއްދަތަކަށް ހިފެހެއްޓެވި ރައީސަކަށް ރައީސް ސޯލިހު ވެވަޑައިގެފާނެ ކަމަށާ ނަމަވެސް ރިޔާސީ ދައުރު ނިމެންދެން މި ކޯލިޝަން ދެމި އޮންނާނެ ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށް އުމަރު ވިދާޅުވި އެވެ. އޭނާ ގަބޫލު ކުރައްވާ ގޮތުގައި އެންމެ ދުރަށް ވެސް މި ކޯލިޝަން ދެމި އޮންނާނީ ހަތަރު އަހަރާ ހަމައަށެވެ.
އުމަރު ވިދާޅުވީ ކޯލިޝަން ދެމެހެއްޓުމަށް ރައީސް ސޯލިހަށް މަޖުބޫރުވެފައިވާ ކަމަށާ ރައީސް ނަޝީދުގެ އުނދަގޫތަކުން މިހާރު ވެސް ކޮންމެވެސް ވަރަކަށް ސަރުކާރު ސަލާމަތްވަނީ އެ ކޯލިޝަން އޮތުމުން ކަމަށެވެ. އެކަމަކު ހަތަރު އަހަރުވާއިރު ކޯލިޝަންގެ ބައިވެރިން އަމިއްލައަށް ކޯލިޝަނުން ވަކިވެގެން ދާނެ ކަމަށެވެ.
"އަޅުގަނޑަށް ހީވަނީ ރައީސް އިބޫ ހިފަހައްޓަވާނެހެން ކޯލިޝަން ހަތަރު އަހަރުވަން ދެން. ހިފެހެއްޓެވީމަ ކޯލިޝަންގެ ބޭފުޅުން ދެން ނުކުންނަވާނެ. އެއީ އެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ މިއީ ފިއުޗާއެއް ނޫންކަން. މަޑުމަޑުން ކައިރިވަމުން އައިސް ހަތަރު އަހަރަށް ކައިރިވާއިރު އެ ބޭފުޅުން [ރައީސް މައުމޫން، ގާސިމް އިބްރާހިމް، އިމްރާން އަބްދުﷲ] އެނގިވަޑައިގަންނަވާނެ މިއީ އަތް ދޫކޮށްލަންވީ ވަގުތު ކަމަށް. އެހިސާބުން ނުކުންނަވާނެ،"
ދެ ރައީސުންގެ ގުޅުން ގޯސްވާނެ
މިއަދުގެ ޝޯގައި އުމަރު ވަނީ ރައީސް ސޯލިހާއި ރައީސް ނަޝީދުގެ ގުޅުމާ ގުޅޭގޮތުން ވެސް ވާހަކަފުޅު ދައްކަވާފަ އެވެ.
އުމަރު ވިދާޅުވީ ރައީސް ސޯލިހާއި ރައީސް ނަޝީދުގެ ގުޅުން މިހާރު ވެސް ރަނގަޅު ނޫން ކަމަށެވެ. އެ ދެ ބޭފުޅުންގެ ވާދަވެރި ކަމާއި ދެކޮޅުވެރިކަން މިހާރު އޮތީ އެތެރޭގައި ނަމަވެސް އެ ދެކޮޅުވެރިކަން މަގުމައްޗާ ހަމައަށް ދާނެ ދުވަސް އަންނާނެ ކަމަށެވެ.
"ބައްލަވާތި އިނގޭތޯ މި މީހުން މި މީހުންނަށް ނޭފަތުން ލޭ އަންނަންދެން ތަޅާނެ އިނގޭތޯ. އަދި ތެޅުން އެ ހިނގަނީ އެތެރޭގައި. އަދި މަގުމައްޗަށް ވެސް ނުކުންނާނެ އެ ތެޅުން. ހަގީގަތުގައި މި ސަރުކާރަށް އޮތް އެންމެ ބޮޑު ތްރެޓަކީ އޮޕޮޒިޝަން ޕީޕީއެމެއް ނޫން. ނަޝީދު ހުރިހާ ވެސް ތްރެޓަކީ. އޭނާގެ މަޖިލީހުން ހުރިހާ އުނދަގުލެއް ކުރާނީ،"
އުމަރު ވިދާޅުވީ މަޖިލީހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީއަށް އޮތް ނަމަވެސް އެކަމުން ސަރުކާރަށްވީ ފައިދާއެއް ނެތް ކަމަށާއި ބަދަލުގައި މަޖިލީހުން ދަނީ ސަރުކާރަށް ޖެއްސުންކޮށް އުނދަގޫ ކުރަމުން ކަމަށެވެ. އޭގެ އަޑީގައި ހުންނެވީ ނަޝީދު ކަމަށެވެ.
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އަވަސްގެ "ފަށަމާ" ޝޯގައި ބައިވެރިވެވަޑައިގަންނަވަނީ: ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި
-- އާއިމް ޒާމިރު | އަވަސް
އެއްވެސް ވައުދެއް ނުފުއްދޭނެ
އުމަރު ވިދާޅުވީ މިއީ ދިވެހި ތާރީހު ދެކޭނެ އެންމެ ދެރަ ސަރުކާރަށް ވާނެ ކަމަށާއި މި ސަރުކާރަށް ނެރެވޭނެ ނަތީޖާއެއް ނެތް ކަމަށެވެ. އަދި މޮޅަށް ސަރުކާރެއް ހިންގާ މަންޒަރު މިދިއަ ދޮޅު އަހަރުތެރޭ ފެނިގެން ގޮސްފައިނުވާ ކަމަށެވެ. އަދި ވިދާޅުވީ އެމްޑީޕީއަކީ ކިތަންމެ މޮޅަށް ކެންޕޭން ހިންގި ނަމަވެސް ކާމިޔާބު ވެރިކަމެއް ކުރަން އެނގޭ ޕާޓީއެއް ނޫން ކަމަށެވެ.
"ސަރުކާރާ ހަމައަށް މި އާދެވުނީ ދެވަނަ ފަހަރަށް. ކުރީ ފަހަރު ވެސް މިފަހަރު ވެސް ޑެލިވާއެއް ނުކުރެވޭ. އެއްވެސް ކަމެއް ނުވޭ. ކަންކަން ކޮށްލުމުގެ ގާބިލްކަމެއް ނެތް. އެ މުރާލިކަމެއް، އެ ހީވާގިކަމާއި އެ ވިސްނުމާއި ޖެހިލުން ކުޑަކަމާއި ހުޝިޔާރު ކަމެއް ނުފެނޭ. އަޅުގަނޑަށް ފެންނަނީ ވަރަށް ވަރަށް މަޑު ސްޕީޑެއްގައި ދަތުރުކޮށްފައިދާ، ބޮއްކުރާ ސްޕީޑްގައިދާ އެއްޗެއް،"
މި ސަރުކާރަށް ޑެލިވާ ކޮށްނުދެވޭނެ އަޅުގަނޑު ދެކޭ ގޮތުގައި އެއް ކަމެއް ވެސް. އެމީހުންގެ އެއްވެސް ޕްރޮމިސްއެއް ޑެލިވާކޮށެއް ނުދެވޭނެ. މިހެން މަޑުމަޑުން މަޑުމަޑުން އޮވެގެން ނިމިގެންދާނީ. ފަސް އަހަރު ނިމުނީމަ ނިމުނީ... ވަރަށް އަންޑަޕާފޯމިން ސަރުކާރެއް މިއީ،
އުމަރު ނަސީރު | ކުރީގެ ހޯމް މިނިސްޓަރު
ރައީސް ސޯލިހުގެ ސަރުކާރަށް ވަރަށް ބޮޑަށް އުމަރުވ ފާޑުވިދާޅުވި އެވެ. ވިދާޅުވީ މި ސަރުކާރަށް ނަތީޖާ ނުނެރެވޭނެ ކަމަށާ ވެރިކަމަށް އައުމަށްވީ އެއްވެސް ވައުދެއް ވެސް ނުފުއްދޭނެ ކަމަށެވެ. އަދި ސަރުކާރާމެދު ރައްޔިތުންގެ އުންމީދު މިހާ ކުރިން ގެއްލިފައިވާ ކަމަށެވެ.
"މި ސަރުކާރަށް ޑެލިވާ ކޮށްނުދެވޭނެ އަޅުގަނޑު ދެކޭ ގޮތުގައި އެއް ކަމެއްވެސް. އެމީހުންގެ އެއްވެސް ޕްރޮމިސްއެއް ޑެލިވާކޮށެއް ނުދެވޭނެ. މިހެން މަޑުމަޑުން މަޑުމަޑުން އޮވެ ނިމިގެންދާނީ. ފަސް އަހަރު ނިމުނީމަ ނިމުނީ... ވަރަށް އަންޑަޕާފޯމިން ސަރުކާރެއް މިއީ،"
ކޯލިޝަން ރޫޅޭނެ، ދެ ރައީސުން ތަޅައި ގަންނާނެ: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ