ޑރ.ޖަމީލު ނަޝީދަށް: ރައްޔިތުން ރުޅިއައުމުން އައިއެސް ގެ ޓޭޕް އަޅުވާނެ ކަމެއް ނެތް.

ރައްޔިތުން ރުޅި އައުމުން ހައްދުފަހަނައަޅާފައިވާ ދީނީ ހަރުކަށި ޖަމާއަތް، އައިސިސްގެ ޓޭޕް އަޅުވާނެ ކަމެއް ނެތް ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު ރައްދު ދެއްވައިފިއެވެ.
ޖަމީލު މިހެން ވިދާޅުވެފައި މިވަނީ “އިންޑިއާ އައުޓް” އޭ ކިޔާ ގޮވަނީ ރާއްޖޭގައި ހަރަކާތްތެރިވާ ދީނީ ހަރުކަށި ޖަމާއަތެއް ކަމަށްވާ އައިސިސްގެ ސެލްތަކުން ކަމަށް ނަޝީދު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
އެކަމާ ގުޅިގެން ޖަމީލު މިއަދު ވިދާޅުވީ ގައުމަށް ފައިދާ ހުރި ކަމެއް ކޮށްނުދެވި، ޚިދުމަތް ސުމެއްގައި އަދި ކޮރަޕްޝަން ހިންގައި ރައްޔިތުން ރުޅި އައުމުން އައިސިސްގެ ޓޭޕް އަޅުވާނެ ކަމެއް ނެތް ކަމަށެވެ. އަދި އެމްޑީޕީގެ އިސްވެރިންގެ ވާހަކަތަކަށް ދިވެހިން ފަރިތަވެފައިވާ ކަމަށާއި ފޮރުވިފައި އޮތީ ފަންޑު ހޯދުމާއި ވަކި ބަޔަކު ރުއްސުންތޯ ވެސް ޖަމީލު ވަނީ ސުވާލު ކުރައްވާފައެވެ.
“ތިޔަ ދުވަސްވީ އައިސިސްގެ ޓޭޕުން އިގްތިސާދު އަދި ރާއްޖެ އަށް ކޮންމެ ފަދަ ގެއްލުމެއް ވިޔަސް ރައީސް ނަޝީދު އަދި އެމްޑީޕީ އަށް ސިޔާސީ ފައިދާ އަށް ނެގިދާނެ ކަމަށް ހީވާނަމަ އެ ނިމުނީތޯ؟ ” ޖަމީލު ވިދާޅުވިއެވެ.
ނަޝީދު ގެ މިވާހަކަތަކަށް ޖަމީލު ރައްދު ދެއްވާފައިވާއިރު ކުރީގެ މަޝްހޫރު ލަވަކިއުންތެރިޔާ އެކަމަކު މިހާރު ދީނީ ހޭލުންތެރިކަން އިތުރުކޮށް ދީނީ ދައުވަތު ފެތުރުމުގައި މަސައްކަތް ކުރާ އަލީ ރަމީޒުވެސް ވަނީ ނަޝީދުގެ މި ވާހަކައަށް ރައްދު ދެއްވާފައެވެ. އެގޮތުން އަލީ ވިދާޅުވީ ކާފަރުން ރުއްސުމަށް ނުވަތަ އަމިއްލަ އެޖެންޑާ ކުރިއެރުވުމަށް “އައިއެސް”އޭ ނުވަތަ “ޓެރެރިސްޓުން”ނޭ ކިތަންމެ ވަރަކަށް ކީ ނަމަވެސް މިއަދުގެ ޒުވާނުން މޮޔައެއް ނުހެއްދޭނެ ކަމަށެވެ. އަދި އައިއެސް ނުވަތަ ޓެރެރިސްޓުންނޭ ކިޔާ ޒުވާނުން މޮޔަ ނުހެއްދޭނެ ކަމަށް ބުނަމުން އަމިއްލައަށް މޮޔަ ނުވުމަށް އަލީ ރަމީޒު ވަނީ އެދިފައެވެ.
“އިންޑިއާ އައުޓް” ގެ ނަމުގައި ކެމްޕޭނެއް ފަށާފައިވަނީ ރާއްޖޭގައި ހަތިޔާރު އެޅި އިންޑިއާގެ ސިފައިން އެބަތިބި ކަމަށް ތުހުމަތުކޮށް އެ ފަރާތްތައް ރާއްޖެއިން ބޭރު ކުރުމަށް ގޮވާލައެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންޑިއާގެ އަސްކަރީ މަރުކަޒުތައް އަޅަން އުޅޭ ކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ތުހުމަތު ކުރަމުންނެވެ.
ނަމަވެސް ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރު ޖެނެރަލް އަބްދުﷲ ޝަމާލް ވަނީ ރާއްޖޭގައި އެހެން ގައުމެއްގެ މިލިޓަރީ ނުވަތަ އަސްކަރީ ޕްރެސެންސެއް ނެތް ކަމަށް ވިދާޅުވެފައެވެ.
“އަޅުގަނޑު ފާހަގަކޮށްލަން ރާއްޖޭގައި މިލިޓަރީ ޕްރެސެންސެއް ނުވަތަ އަސްކަރީ ޕްރެސެންސެއް އެއްވެސް ގައުމެއްގެ ނެތްކަން. އޭގެ ތަފްސީލަށް ދާނަމަ، ހަނގުރާމަވެރި ހަތިޔާރު އަޅައިގެން ތިބޭ ސިފައިންގެ ފައުޖެއް ރާއްޖެއަކު ނުއެއް ނެތް” ޝަމާލް ވިދާޅުވިއެވެ.
ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބުމާއި ދެކޮޅަށް އިދިކޮޅު ސިޔާސީ ފަރާތްތަކާއި ދީނީ ގިނަ އިލްމުވެރީންނާއި އާންމުންގެ ގިނަ ބަޔަކު ވެސް ދަނީ ޝުއޫރު ފާޅު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ