ށ. ފުނަދޫ ސްކޫލް ގްރޭޑް 9ގެ ދަރިވަރެއް، މޮޅު، ވަރަށް މޮޅު، މިއީ ދުނިޔޭގެ ފެންވަރުގެ ކުރެހުންތެރިޔެއް!

ކުރެހުމަކީ ވަރަށް އާދައިގެ ކަމެކޭ ފަހަރުގައި ހީވެދާނެއެވެ. ނަމަވެސް މޮޅު ކުރެހުމެއް އަސްލާ އެއްގޮތަށް ކުރެހުމަކީ އެކަމަށް ގިނަ ވަގުތު ހޭދަވާ ކަމެކެވެ. އެފަދަ މޮޅެތި ކުރެހުންތައް ކުރެހޭނީ ލިބިފައިވާ ހުނަރެއްގެ ސަބަބުންނެވެ. ކުރެހުމުގެ ދާއިރާއިގައި ރާއްޖޭގައި އާޓިސްޓުން ގިނައެވެ. އޭގެ ތެރެއިން ބައެއް އާޓިސްޓުންނަކީ ގިނަ ބައެއްގެ މެދުގައި މަގުބޫލު އާޓިސްޓުންނެވެ. އަނެއް ބަޔަކީ ފަރުދާނެ ނިވަލުގައި ތިބެ އެމީހުންގެ ހުނަރު ދައްކާ އާޓިސްޓުންނެވެ. އެގޮތުން ށ. ފުނަދޫ ސްކޫލުގެ ގްރޭޑް 9 އެއްގައި ތައުލީމު ހާސިލް ކުރަމުން އަންނަ އެރަށަށް އުފަން އުމުރުން 14 އަހަރުގެ އައިޝަތު ޝައިހާ އަބްދުﷲ އަކީ އެފަދަ ހުނަރުވެރިއެކެވެ.
އެންމެ ކުޑައިރުއްސުރެ ކުރެހުމަށް ހާއްސަ ލޯތްބެއް ޖެހިފައިވާ ޝައިހާއަކީ، ކިޔެވުމަށްވެސް މޮޅު ދަރިވަރެކެވެ. "ވަން" އަށް މައުލޫމާތު ދެމުން ޝައިހާ ބުނީ، އެންމެ ކުޑައިރުއްސުރެ ކާޓޫނު ފަދަ އެއްޗެހި ކުރެހުމަށް ޝައުގު ހުންނަ ކަމަށެވެ. ޝައިހާ އައީ އެއިރުއްސުރެ އޭނާގެ ކުރެހުންތައް އިތުރަށް ފުރިހަމަކޮށް، އާ ގޮތްގޮތަށް ކުރަހަން ދަސްކުރަމުންނެވެ. އެގޮތުން ތިމާގެ ކުއްޖެއްގެ ހިޔާލަށް ޝައިހާ ފުރަތަމަ ފަހަރަށް "ޕޯޓްރެއިޓް" ކުރެހުމެއް ކުރެހިއެވެ. ލިބޭ ހުސްވަގުތުގެ ބޭނުންކޮށްގެން ޝައިހާ ކުރެހި ޕޯޓްރެއިޓް ކުރެހުންވީ، ހުދު އޭނާއަށްވެސް އަދި އެ ކުރެހުމުގެ ހިޔާލުދިން ތިމާގެ ކުއްޖާއަށްވެސް ކަމުދިޔަ އަދި އެހާމެ ގަޔާވާ ކުރެހުމަކަށެވެ. އޭގެ ފަހުން ޕޯޓްރެއިޓް ކުރެހުންތައް ކުރެހުމަށް ޝައިހާ ޝައުގުވެރިކަން އުފެދުނެވެ.
ޝައިހާ އެންމެ ފުރަތަމަ ކުރެހި "ޕޯޓްރެއިޓް" ކުރެހުން ---
"މިދިޔަ އަހަރުން ފެށިގެން ވަރަށް ސިމްޕަލްކޮށް ފަންސޫރުން ޕޯޓްރެއިލް ކުރެހީ. އެކަމަކު އަސްލު ސީރިއަސްކޮށް މިކަން ނަގައިގެން ކުލަ ފަންސޫރުން އަދި ފަންސޫރުން ކުރަހަން ފެށީ މިއަހަރުގެ ފެބުރުއަރީ ހާތާނގައި" ޕޯޓްރެއިޓް ކުރެހުންތައް ކުރަހަންފެށި ގޮތް "ވަން"އާ ހިއްސާ ކުރަމުން ޝައިހާ ބުންޏެވެ.
ޝައިހާ ކުރަހާފައިވާ ކުރެހުމެއް---
ޝައިހާ ޕޯޓްރެއިޓް ކުރެހުންތައް ކުރަހަން ފެށީ އެހެން އެއްވެސް ކުރެހުމެއް ބެލުމެއް ނެތި އަމިއްލަ ތަސައްވަރަށެވެ. ނަމަވެސް މިހާރު ޔޫޓިއުބުންނާއި އެނޫންވެސް ގޮތްގޮތުން ކުރެހުމާ ބެހޭ ވީޑިއޯތައް ބަލައެވެ. އަދި އެގޮތަށް ކުރެހޭތޯ އޭނާ މަސައްކަތް ވެސް ކުރެއެވެ. ބައެއް ފަހަރު މަޝްހޫރު ތަރިންގެ ފޮޓޯ އެއްގޮތަށް ކުރަހައެވެ. އަނެއްބައި ފަހަރު އާއިލާގެ މީހުންނާއި ރަށްޓެހިންގެ ފޮޓޯ ކުރަހައެވެ. ޝައިހާގެ ކުރެހުންތައް އަސްލާ ވަރަށް އެއްގޮތެވެ. ބަލާ ބެލުމަށް އެއީ މޮޅު އެޑިޓެކޭވެސް ހީވާ ފަދައެވެ.
ޝައިހާ ކުރަހާފައިވާ ފޮޓޯއެއް (ޝައިހާގެ މާމަ)---
ޝައިހާ ބުނި ގޮތުގައި އޭނާ ކުރެހުމަށް ވަގުތު ހުސްކުރަނީ ކިޔެވުމުގެ ކަންކަމަށް ވަގުތު ދިނުމަށް ފަހު ލިބޭ ހުސްވަގުތުތަކުގައެވެ. ތަންކޮޅެއް ގިނަ ވަގުތު ހުސްކޮށް ލިބޭ ދުވަހެއްގައި 5-8 ގަޑިއިރާ ދެމެދުގެ ވަގުތެއް ކުރެހުމުގައި ޝައިހާ ހޭދަކުރެއެވެ. ޝައިހާ ކުރަހަނީ އޭނާގެ އާއިލާގެ މީހުން ހަދިޔާއަށް ދީފައި ހުންނަ ކުލަފަންސޫރާއި ފަންސޫރު ބޭނުންކޮށްގެނެވެ.
ޝައިހާ ކުރަހާފައިވާ ފޮޓޯއެއް--
"ބޭނުންވާ ގިނަ އެއްޗެހި ރަށަކު ނުހުރޭ. އެހެންވެ، މިހާރު ހުރި އެއްޗެހިން އެޑްޖަސްޓްކޮށްލަނީ. މިކަމުގަ އާއިލާގެ އެންމެންގެވެސް އަދި ރައްޓެހިންގެވެސް ބޮޑު އެއްބާރުލުމެއް ލިބޭ. ރަށުން ލިބެން ހުރި އެއްޗެއް ވިއްޔާ ހޯދައިދޭ" ޝައިހާ ބުންޏެވެ.
ޝައިހާގެ ކުރެހުންތައް ގިނަ ބަޔަކަށް ކަމުގޮސްފައިވާއިރު، އަގު ނަގައިގެންވެސް ބައެއް ފަހަރު ޝައިހާ ކުރަހައިދެއެވެ. ކުރަހައިގެން ލިބޭ ފައިސާ ހަރަދު ކުރަނީ ކުރެހުމަށް ބޭނުންވާ އިތުރު ސާމާނު ގަތުމަށް ކަމަށް ޝައިހާ ބުންޏެވެ.
ޝައިހާ ކުރަހާފައިވާ ފޮޓޯއެއް ---
ޝައިހާ އެންމެ ކުރާ ހިތްވާ ކަމަކީވެސް ކުރެހުމެވެ. ޝައިހާ ބުނި ގޮތުގައި އޭނާގެ އަމާޒަކީ، އާޓްގެ ދާއިރާއިން ގިނަ ފުރުސަތުތަކެއް ލިބި، އޭނާގެ އަމިއްލަ އާޓް އެގްޒިބިޝަންއެއް ކޮންމެވެސް ދުވަހަކުން ފެނިގެން ދިއުމާއި، ރާއްޖޭގެ އާޓް ކޮމިޔުނިޓީގެ ތެރެއިން ފާހަގަކޮށްލެވޭ އާޓިސްޓަކަށް ވުމެވެ.
ޝައިހާގެ ކުރެހުންތައް ވަރަށް ވެސް ފުރިހަމައެވެ. ބޭރު ދުނިޔޭގެ ގައުމުތަކުން ފެންނަ ފަދަ މޮޅުކަން މި ކުރެހުންތަކުން ފެނެ އެވެ. އެއްވެސް ޝައްކެއް ނެތެވެ. ޝައިހާއަކީ މުސްތަގުބަލު އޮތް މޮޅު އާޓިސްޓެކެވެ. މުހިންމީ މިފަދަ އާޓިސްޓުން ދެނެގަނެ ފުރުސަތުތައް ފަހިކޮށްދިނުމެވެ. ޝައިހާގެ ކުރެހުންތައް އޭނާގެ އިންސްޓަގްރާމް އެކައުންޓް،"aishathshaiha" އިން ބލައިލެވޭނެ އެވެ. ވަން ގެ ޓީމުން އެދެނީ ޝައިހާއަށް އިތުރު ކާމިޔާބާއި ކުރިއެރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ