ކުވައިތުގެ އަމީރު ޝައިޚް ސަބާހް އަލް އަހްމަދު އަލް ޖާބިރު އައްސަބާހް މިއަދު އަވަހާރަވެއްޖެ

ކުވައިތުގެ އަމީރު ޝައިޚް ސަބާހް އަލް އަހްމަދު އަލް ޖާބިރު އައްސަބާހް މިއަދު އަވަހާރަވެއްޖެއެވެ.
ކުވައިތުގެ އަމީރު އަވަހާރަވިއިރު އުމުފުޅަކީ 91 އަހަރެވެ.
ކުވައިތުގެ އަމީރު ޝައިޚް ސަބާހް އަލް އަހްމަދު އަލް ޖާބިރު އައްސަބާހް އަވަހާރަވެއްޖެކަން އިޢްލާން ކުރެއްވީ، ކުވައިތު ސަރުކާރުގެ މިނިސްޓަރ އިންޗާޖް އޮފް ރޯޔަލް އެފެއަރޒް ޝައިޚް އަލީ ޖައްރާހް އައްސަބާހް ނެރުއްވި ބަޔާނެއްގައެވެ.
ކުވައިތުގެ އަމީރު އަވަހާރަވީ އާލާސްކަންފުޅެއް ޖެހިވަޑައިގެން ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
އަމީރު ޝައިޚް ސަބާހް އަލް އަހްމަދު އަލް ޖާބިރު އައްސަބާހްއަށް އާލާސްކަންފުޅެއް ޖެހިވަޑައިގެންފައިވާކަން ކުވައިތުން ހާމަކުރީ 2019 ވަނަ އަހަރުގެ ތެރޭގައެވެ. ނަމަވެސް، ޖެހިވަޑައިގެންނެވީ ކޮންކަހަލަ އާލާސްކަންފުޅެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.
ޝައިޚް ސަބާހް އަލް އަހްމަދު އަލް ޖާބިރު އައްސަބާހް މިއަހަރުގެ ތެރޭގައި ބޭސްފަރުވާއަށް އެމެރިކާއަށްވެސް ގެންދެވުނެވެ. ޝައިޚް ސަބާހް އަލް އަހްމަދު އަލް ޖާބިރު އައްސަބާހް އެމެރިކާއަށް ގެންދެވުނީ އެމެރިކާ ވައިގެ ސިފައިންގެ ޚާއްސަ ހޮސްޕިޓަލް މަތިންދާ ބޯޓެއްގައެވެ.
1929 ވަނަ އަހަރު އުފަންވެވަޑައިގެންނެވި އަމީރު ޝައިޚް ސަބާހް އަލް އަހްމަދު އަލް ޖާބިރު އައްސަބާހް ބެލެވިފައިވަނީ ކުވައިތުގެ ޚާރިޖީ ސިޔާސަތު މިޒަމާނުގެ ގޮތަށް ބައްޓަންކުރެއްވި މޭސްތިރީގެ ގޮތުގައެވެ. އެއީ، 1963-2003 އަށް އޭނާ ކުވައިތުގެ ޚާރިޖީ ވަޒީރުކަމުގައި ހުންނަވައިގެންނެވެ.
ޚާރިޖީ ވަޒީރުކަން 40 އަހަރު ކުރެއްވުމަށްފަހު ޝައިޚް ސަބާހް އަލް އަހްމަދު އަލް ޖާބިރު އައްސަބާހް ދެން ވަޑައިގެންނެވީ ބޮޑުވަޒީރު ކަމަށެވެ.
ކުވައިތުގެ އަމީރުގެ މަގާމަށް ޝައިޚް ސަބާހް އަލް އަހްމަދު އަލް ޖާބިރު އައްސަބާހް އިސްކުރެވުނީ 2006 ވަނަ އަހަރުގެ ޖެނުއަރީމަހުގެ ތެރޭގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ