ޗައިނާގައި ހަތަރު އަހަރުގެ ކުއްޖަކު ކަރަންޓް ސިޑިއަކުން ވެއްޓި މަރުވެއްޖެ

ބެއިޖިން (އޮކްޓޯބަރު 10) - ޗައިނާގެ ސިޓީއެއް ކަމަށްވާ ޗޮންގިންގެ މެޓްރޯ ސްޓޭޝަނެއްގެ ކަރަންޓް ސިޑިއަަކަށް ބެލެނިވެރިއަކު ނެތި އަރައިގެން އުޅުނު ހަތަރު އަހަރުގެ ކުއްޖަކު ވެއްޓި މަރުވެއްޖެ އެވެ. ކުއްޖާ ވެއްޓުނީ ކަރަންޓް ސިޑި އަށް އަރައިގެން އޭގެ މަތީގައި ހަރުކޮށްފައި ހުރި ހޭންޑްރޭލްއާ ކުޅެނިކޮށެވެ. ސްޓޭޝަނުގެ ސްޓާފުންނަށް އެކަން އެނގުމާ އެކު ސިޑި ވަނީ ހުއްޓުވައިފަ އެވެ. އޭރު ކުއްޖާ ވެއްޓުނުތާ 20 ސިކުންތު ވެއްޖެ އެވެ. އެ ކުއްޖާ މަރުވީ ހޮސްޕިޓަަލަށް ގެންދިޔަ ފަހުންނެވެ. ޗައިނާގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ މި ހާދިސާ ވަރަށް ރަނގަޅަށް ތަހްގީގު ކުރާނެ ކަމަށް ބުނެފަ އެވެ. އަދި ބެލެނިވެެރިންގެ ރޯލު ބޮޑު ކުރުމަށް ވެސް ވަނީ ގޮވާލައިފަ އެވެ. ކަރަންޓް ސިޑިން ކުޑަ ކުއްޖާ ވެއްޓިފައި މި ވަނީ އެ ކުއްޖާ ސިޑި ކައިރި އަށް ދޫކޮށްލުމަށް ފަހު މަންމަ ޓިކެޓް ގަންނަން ދިޔަ ވަގުތު އެވެ. މަންމަ ޓިކެޓް ހޯލަށް ދިޔައީ ފިރިހެން ކުއްޖާއާ އެކު ތިން އަހަރުގެ އަންހެން ކުއްޖަކު ވެސް ދޫކޮށްލައިފަ އެވެ. ޗޮންގިން ރޭލް ޓްރާންސްޕޯޓް އޮތީރިޓީން ނެރުނު ބަޔާނެއްގައި ވަނީ މި ހާދިސާއާ ގުޅިގެން ހިތާމަކުރާ ކަމަށް ބުނެފަ އެވެ. އަދި ބެލެނިވެރިއަކާ ނުލައި ކުޑަ ކުދިން ކަރަންޓް ސިޑިތަކުގެ ކައިރި އަށް ދޫކޮށްފައި ނުދިއުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ. ޗައިނާގެ ހުބެއި ޕްރޮވިންސްގައި މިދިޔަ ޖުލައި މަހު ވެސް ވަނީ ސުޕަ މާކެޓެއްގެ ކަރަންޓް ސިޑިއަކުން އަންހެނަކު ވެއްޓި މަރުވެފަ އެވެ. މި އަންހެން މީހާ ވެއްޓުނީ ސިޑީގެ މަތީގައިވާ މެޓަލް ޕްލޭޓް ހަރުނުކޮށް ހުރުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ