ސަލްޓަންސްގެ 654 މިލިއަން ރުފިޔާގެ ދަރަނި ކުޑަކުރީ ރަނގަޅަށް: ސުޕްރީމް ކޯޓު
ސަލްޓަންސް އޮފް ދަ ސީ އިން ބޭންކް އޮފް މޯލްޑިވްސްއަށް 654 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ދަށު ކޯޓުން ހުކުމްކޮށްފައި ވަނިކޮށް، އޭގެ ތެރެއިން ޖޫރިމަނާ ފައިސާ ނެގީ ރަނގަޅަށް ނޫން ކަމަށް ހައި ކޯޓުން ކުރި ހުކުމަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފި އެވެ. ޑީއާރުޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްމީނު އަލީގެ އާއިލީ މަސްލަހަތު އޮންނަ ސަލްޓަންސްގެ މައްޗަށް، ބީއެމްއެލް އަށް 654 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން 2009 ގައި ދަށު ކޯޓުން ހުކުމްކޮށްފައި ވަނިކޮށް، ހައި ކޯޓުން 2013 ގައި ވަނީ ދަށު ކޯޓުގެ ހުކުމް ބާތިލްކޮށްފަ އެވެ. ހައި ކޯޓުން އެ ހުކުމް ބާތިލްކުރީ ސަލްޓަންސް އިން ދައްކަންޖެހޭ ޖޫރިމަނާގެ ފައިސާ ބީއެމްއެލް އިން ގުނަން ފަށާފައިވަނީ އެއްބަސްވެފައިވާ ތާރީޚަށް ވުރެ ކުރިން ފެށިގެން ކަމަށް ވާތީ އެވެ. ދަށު ކޯޓުގެ ހުކުމް ހައި ކޯޓުން ބާތިލްކުރި ނަމަވެސް ސަލްޓަންސް އިން ނެގި ލޯނުތަކަށް ދައްކަންޖެހޭ ފައިސާތައް ގަވާއިދުން ދެއްކުމަށް އެ ކުންފުންޏަށް ވަނީ އަންގައިފަ އެވެ. އެ މައްސަލަ ބީއެމްއެލްއިން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން، މިދިޔަ ބުރާސްފަތި ދުވަހު އެ ކޯޓުން ވަނީ ހައި ކޯޓުގެ ނިންމުމަށް ތާއީދުކޮށް ހުކުމްކޮށްފަ އެވެ. ފައިސާ ދައްކަން ކުރި ހުކުމް ހައި ކޯޓުން ބާތިލްކުރީ، އެ ލޯނުތަކުގެ ޖޫރިމަނާ ބޭންކުން ގުނަން ފަށާފައިވަނީ ޖޫރިމަނާ ނަގަން ފެށުމަށް އެއްބަސްވެފައިވާ ތާރީޚުގެ ކުރީގެ ތާރީހަކުން ފެށިގެން ކަމަށް ވުމުންނެވެ. އެހެންވެ ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް ނިންމީ އެއްބަސްވި ތާރީޚުގެ ކުރިއަކުން ޖޫރިމަނާގެ ފައިސާ ގުނަން ނުފެށޭނެ ކަމަށެވެ. އެ ލޯނުތަކުގެ އިތުރުން ވެސް ސަލްޓަންސް އިން އެކި ފަހަރު މަތިން ނަގާފައިވާ ލޯނުތަކަށް އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ދައްކަން އެކި ކޯޓުތަކުން މީގެ ކުރިން ހުކުމްކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ