ސުޕްރީމް ކޯޓުގެ އަމުރާ މެދު އިނގިރޭސިވިލާތުން ކަންބޮޑުވުން ފާޅުކޮށްފި

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓު ފަސްކުރުމަށް ސުޕްރީމް ކޯޓުން ރޭ ކުރި އަމުރާ މެދު ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށާއި ލަސްކުރުމެއް ނެތި ދެވަނަ ބުރުގެ އިންތިޚާބު ކުރިއަށް ގެންދިޔުމަށް އިނގިރޭސިވިލާތުން މިއަދު ގޮވާލައިފި އެެވެ. އިނގިރޭސިވިލާތުގެ ފޮރިން އޮފީސް މިނިސްޓަރު އެލިސްޓެއާ ބާޓް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ އިންތިޚާބާ ގުޅޭ މައްސަލަތައް ބެލުމުގެ ހައްގު ރާއްޖޭގެ ކޯޓުތަކަށް ލިބިފައިވާ ކަން ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް، އިންތިޚާބީ ނިޒާމަށް "ބޭކާރު ހަމަނުޖެހުންތައް" ނުވެއްދުމަކީ ކޮންމެހެން ބޭނުން ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. ބާޓް ވިދާޅުވީ މިމަހު ހަތެއްގައި ބޭއްވި އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓަކީ މިނިވަން، އިންސާފުވެރި އިންތިޚާބެއް ކަމަށް ރާއްޖެ އާއި ބޭރުގެ އޮބްޒާވަރުން ފާހަގަކޮށްފައިވާ އިރު ގާނޫނުއަސާސީގައި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ދެވަނަ ބުރުގެ ވޯޓު ބޭއްވުމަކީ މުހިއްމު ކަމެއް ކަމަށެވެ. "ފުރަތަމަ ބުރުގައި ފެނިގެންދިޔަ އަމާން، ހުޅުވާލެވިފައިވާ މާހައުލުގައި މި ޑިމޮކްރެޓިކް އަސާސް ފުރިހަމަ ކުރުމުގެ ފުރުސަތު ރާއްޖޭގެ ރައްޔިތުންނަށް ދިނުމަށް ހުރިހާ ފަރާތްތަކަކަށް އަޅުގަނޑު ބާރުއަޅަމެވެ،" ބަޔާނުގައިވެ އެވެ. ލަސްކުރުމެއް ނެތި ދެވަނަ ބުރު ބޭއްވުމަށް އިނގިރޭސިވިލާތުން ގޮވާލާފައިވާ އިރު އިންޑިއާއިން ވެސް މިރޭ ބުނެފައިވަނީ ކުރިން ކަނޑައަޅާފައިވާ ގޮތަށް އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން އަންނަ ހޮނިހިރު ދުވަހު ބޭއްވުމާއި އެ އިންތިޚާބުން ހޮވޭ ބޭފުޅަކު ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން ނޮވެމްބަރު 11ގައި ހުވާ ކުރެއްވުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން ރާއްޖޭގެ ހަމަޖެހުމާއި ސަލާމަތާއި ރައްކާތެރިކަމަށް އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އެ ގައުމުން ބުނެފައިވެ އެވެ. ކޮމަންވެލްތުން މިއަދު ބުނެފައިވަނީ ސުޕްރީމް ކޯޓުގައި ކުރިއަށްދާ މައްސަލައިގައި އަވަސް ހުކުމެއް ކުރުމަށާއި ދެވަނަ ބުރުގެ އިންތިޚާބު ލަސްނުކޮށް ބާއްވާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ޝަރީއަތް ކުރިއަށްދާ އިރު ގާނޫނީ ހަމަތަކަށް ހުރުމަތްތެރިކޮށް ހިތުމަށާއި ރައްޔިތުންގެ ނިންމުމަށް އިހުތިރާމްކުރުމަށް ސިޔާސީ ޕާޓީތަކަށް އެމެރިކާއިން ވަނީ ރޭ ގޮވާލާފަ އެވެ. ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެރެއިން ހަތަރު ފަނޑިޔާރަކު ސޮއިކުރައްވައި ނެރުއްވި އަމުރުގައި ވަނީ އިންތިހާބުގެ ފުރަތަމަ ބުރު ބާތިލްކުރުމަށް ޖުމްހޫރީ ޕާޓީން ހުށަހަޅައި ބަލަމުން ދާ މައްސަލަ ވަކި ގޮތަކަށް ނިމެންދެން، ގާނޫނު އަސާސީގެ 144 ވަނަ މާއްދާގެ ށ. ގެ ދަށުން، އިންތިޚާބު ފަސްކުރަން އިލެކްޝަންސް ކޮމިޝަނަށާއި ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް އަމުރުކުރާ ކަމަށެވެ. އިންތިޚާބަށް އިލެކްޝަނުން ތައްޔާރުވަމުން ދަނިކޮށް ކޯޓުން އިންތިހާބު ފަސްކޮށްފައިވާތީ އެކަމާ އިހްތިޖާޖުކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ފާސްކޮށް އެ ޕާޓީން މުޒާހަރާ ކުރިއަށް ގެންގޮސްފައިވެ އެވެ. ނަމަވެސް، އެމްޑީޕީ އާއެކު ދެވަނަ ބުރުގައި ވާދަކުރާ ޕީޕީއެމުން ބުނެފައި ވަނީ ސުޕްރީމް ކޯޓުގެ އަމުރަކީ ސައްހަ އިންތިޚާބަކަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ