ކޮމަންވެލްތުގެ ސެކްރެޓެރީ ޖެނެރަލް ކަމަލޭޝް ޝަރުމާގެ މަންދޫބު ޑޮން މެކިނަން އާއި ޖުމުހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ބައްދަލުކުރައްވައިފި އެވެ.
މިބައްދަލު ކުރެއްވުން އޮތީ މިއަދު ހަވީރު ޖުމުހޫރީ ގުޅުމުގެ މާލަން މ. ކުނޫޒުގަ އެވެ.
ދޮޅު ގަޑިއެއްހާއިރަށް ކުރިޔަށް ދިޔަ މި ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނާއި ބައްދަލުކުރައްވައި ގާސިމް ވިދާޅުވީ އެ ބައްދަލުވުމަކީ ކޮމަންވެލްތުގެ މަންދޫބުގެ އެދިވަޑައިގަތުމަކަށް ބޭއްވި ބައްދަލުވުމެއް ކަމަށާއި އެބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ވާހަކަ ދެކެވުނީ ރާއްޖޭގެ ސިޔާސީ މަޝްރަހާއި ރިޔާސީ އިންތިހާބާހޭ ގޮތުން ކަމަށެވެ.
ޤާސިމް ވިދާޅުވީ، އެ ބައްދަލު ކުރެއްވުމުގައި، ޖުމުހޫރީ ޕާޓީގެ ފަރާތުން ފާހަގަކުރާ ކަންބޮޑުވުންތައް މެކިނަންއަށް ދެންނެވި ކަމަށާއި އެގޮތުން ވޯޓާސް ރެޖިސްޓްރޭޝަންގެ މައްސަލަތަކާއި އިންތިހާބުގެ ކަންކަން ރޭވި ހިނގަމުންދިޔުމުގައި ފާހަގަކުރެވިފައިވާ ކަންކަން ކަމަށާއި ވޯޓާސް ލިސްޓާއި އިންތިޒާމްތައް ރަނގަޅުނަމަ އިންތިޚާބު ބޭއްވުމަށްޓަކައި ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދޭނެ ކަމަށް މެކިނަންއަށް ދެންނެވި ކަމަށެވެ.
"އަޅުގަނޑުމެން ދެންނެވިން އަޅުގަނޑުމެން ބޭނުންވަނީ ވޯޓަސްލިސްޓް ރަނގަޅަށް އޮތުމާއި، ދެފުށް ފެންނަ ގޮތަށް ކަންކަން އިންތިޒާމްވުން ކަމަށް. އަދި އަޅުގަނޑު ދެންނެވިން އަޅުގަނޑުމެން ބޭނުންވަނީ ސްޕްރީމްކޯޓުގެ ގައިޑްލައިނާއި އެއްގޮތަށް ބޭއްވޭ އިންތިޚާބެއް ކަމަށް،" ގާސިމް ވިދާޅުވި އެވެ.
ޖުމުހޫރީގުޅުމުގައި ހިމެނިވަޑައިގަންނަވާ އަދި އެބައްދަލުކުރެއްވުމުގައި ބައިވެރިވެ ވަޑައިގެންނެވި ޑރ. މުހައްމަދު ސައުދު ވިދާޅުވީ އޮބްޒާވަރުންގެ ބައިނަލް އަގުވާމީ އޮބްޒާވަރުން ކަންކަން ކުރެއްވި ގޮތާބެހޭ ގޮތުގެ މައުލޫމާތުވެސް މެކިނަންއަށް ދެއްވި ކަމަށާއި އަދި އިންތިޚާބުގެ ކެމްޕެއިންތެރޭގައި ރައީސް މުހައްމަދު ނަޝީދު ދައްކަވާފައިވާ ބައެއް ވާހަކަފުޅު ތަކުގެ ސަބަބުން އީޔޫއާއި ކޮމަންވެލްތު އަދި އިނގިރޭސި ވިލާތުން ވަކި އަތަކަށް ބުރަވެފައިވާކަން ފާހަގަކުރެވިފައިވާތީ، ރާއްޖޭގެ ސިޔާސީ ކަންކަން ދިވެހިން އަމިއްލައަށް ނިންމުމުގެ ފުރުޞަތު ދެއްވުމަށް މެކިނަންގެ އަރިހުން އެދިވަޑައިގެންނެވިކަމަށެވެ. އަދި ވިދާޅުވީ ބައިނަލް އަގުވާމީ އޮބްޒާވަރުން 7 ސެޕްޓެމްބަރުގެ އިންތިހާބު އޮބްޒާވްކުރުމުގައި އދ. އިން ކަނޑައަޅާފައިވާ އުސޫލުތަކާއި ޚިލާފުވެފައިވާތީ އެވާހަކަތައް ވެސް ދަންނަވާފައިވާނެ ކަމަށެވެ.
"އދ. ގައި އޮންނާނެ ޑެކްލަރޭޝަން އޮފް ޕްރިންސިޕަލްސް ފޯ އިލެކްޝަންސް އޮބްޒަވޭޝަން ކިޔާ ޑެކްލަރޭޝަނެއް. 7 ސެޕްޓެމްބަރުގައި ބޭއްވުނު އިންތިޚާބުގައި އެޑެކްލަރޭޝަނާއި އެއްގޮތަށް އިންޓަނޭޝަނަލް އޮބްޒާވަރުން އަމަލުކޮށްފައި ނުވާކަން ދެންނެވިން. އަދި އިންތިޚާބުގެ ކުރިން ސިޔާސީ ފަރާތްތަކުން ފާހަގަކުރި މައްސަލަތަކާއި ވޯޓުލައި ނިމުނު އިރު ކިއުނަމްބަރާއި ވޯޓުލީ މީހުންގެ އަދަދުގައި ބޮޑު ފަރަގެއް ހުރި އިރު އެކަމަށް ވެސް އޮބްޒާވަރުން ސަމާލުކަން ދީފައި ނުވާކަމުގައި ދެންނެވިން،" ސައުދު ވިދާޅުވި އެވެ.
މެކިނަންއާ ގާސިމް ބައްދަލު ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ