ޕާސްޕޯޓުގެ އަގު ބޮޑުކުރާތީ ހިދުމަތް ހޯދާ މީހުން ގިނަވެ، ކިޔޫ ދިގުވެއްޖެ

އަންނަ މަހުން ފެށިގެން ޕާސްޕޯޓް ހެއްދުމުގެ އަގު ބޮޑުކުރަން ނިންމާފައިވާތީ ޕާސްޕޯޓް ހައްދާ މީހުން އިތުރުވެ، ކިޔޫ ދިގުވެއްޖެ އެވެ. ޕާސްޕޯޓް ހެއްދުމަށްޓަކައި ވެލާނާގޭގައި ހަދާފައިވާ ކިޔޫގައި މިއަދު ތިބި ބައެއް މީހުން ބުނި ގޮތުގައި އެ މީހުން ކިޔޫގައި ޖެހުނީ ރޭ މެންދަމުގަ އެވެ. އަދި ޕާސްޕޯޓެއްގެ އަގު 1،000ރ. އަށް ހެދުމަކީ އެކަށީގެންވާ ވަރަށް ވުރެ ބޮޑު އަގެއް ކަމަށް ވެސް އެ މީހުން ބުންޏެވެ. "އެހެންވެ މި މަސް ނިމުމުގެ ކުރިން ޕާސްޕޯޓް އާކުރަން މި އުޅެނީ. ބޭސްފަރުވާ އަށް ވެސް ދާންޖެހިފައިވުމާ އެކު، މިކަން ކުރަން އުޅޭތާ މިއީ ދެ ވަނަ ދުވަސް. ކުރީ ދުވަހު ވެސް ނަންބަރެއް ނުލިބުނު. އެހެންވެ މި ހުންނަނީ ރޭ މެންދަމު 2:30 ގައި ކިޔޫގައި ޖައްސައިގެން،" ފުވައްމުލަކު، ސައުދުﷲ އަހްމަދު ބުންޏެވެ. ކިޔޫގައި ހުރި އަންހެނަކު ބުނި ގޮތުގައި އޭނާ ކިޔޫގައި ޖެއްސީ ރޭ ފަތިހު ފަހެއް ޖެހިއިރު އެވެ. މިފަހަކަށް އައިސް ކޮންމެ ދުވަހެއްގައި ވެސް ޕާސްޕޯޓް ހެއްދުމުގެ ކިޔޫ ވެލާނާގޭގެ މައި ގޭޓުން ފެށިގެން ޓްރޭޑާސް ހޮޓެލާ ހަމައަށް އޮވެ އެވެ. "އަހަރެން މިތަނުގައި މިހުރީ ތިން ކުދިންގެ ޕާސްޕޯޓްގެ މުއްދަތު ހަމަވެފައި ވާތީ. އަދި މަންމަ ޕާސްޕޯޓް ވަނީ ގެއްލިފައި. އެހެންވެ ޕާސްޕޯޓް އަގު ބޮޑުވުމުގެ ކުރިން އާކޮށްލާފައި ބާއްވަން ބޭނުންވަނީ،" އޭނާ ބުންޏެވެ. ޕާސްޕޯޓް ހެއްދުމަށްޓަކައި އިމިގްރޭޝަނުން މިހާރު ދޫކުރަނީ ދުވާލަކަށް 150 ނަންބަރެވެ. ނަމަވެސް އިމިގްރޭޝަން ކޮންޓްރޯލަރު ހަސަން އަލީ ވިދާޅުވި ގޮތުގައި ޕާސްޕޯޓް ހެއްދުމަށް ބޭނުންވާ މީހުންނަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން ކޮންމެ ނަންބަރަކަށް ދެ އެޕްލިކޭޝަން މިހާރު ވެސް ބަލައިގަންނާނެ އެވެ. އަދި އެއް އާއިލާއެއް ނަމަ އެންމެންގެ އެޕްލިކޭޝަން ވެސް ބަލައިގަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. "އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ނަންބަރު ދޫކުރުމުގެ ލިމިޓެއް ނުގެންގުޅޭނަން. މެންދުރު 12 ޖަހަންދެން ހުށަހަޅާ ހުރިހާ ފޯމެއް ބަލައިގަންނާނަން،" ކޮންޓްރޯލަރު ވިދާޅުވި އެވެ. އޭނާ ބުނި ގޮތުގައި މިދުވަސްވަރު ކޮންމެ ދުވަހަކު ވެސް 750 އަށް ވުރެ ގިނަ ޕާސްޕޯޓް ހައްދައި، މީހުންނާ ހަވާލުކުރެ އެވެ. އަންނަ މަހުން ފެށިގެން 32 ސޮފުހާގެ އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓުގެ އަގު 450ރ. އިން 1،000ރ. އަށް އަށް ބޮޑުވާނެ އެވެ. އޯޑިނަރީ (64 ސޮފުހާ) އިލެކްޓްރޯނިކް ޕާސްޕޯޓެއް ހަދައިދޭ އަގު 650ރ. އިން 1500ރ. އަށް ބޮޑުކޮށްފަ އެވެ. އަދި ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓުގެ އަގު 300ރ. އިން 600ރ. އަށް އަންނަ މަހުން ފެށިގެން ބޮޑުވާނެ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ. މީގެ އިތުރުން ޕާސްޕޯޓް ހަލާކުވުމުން ނުވަތަ ގެއްލުމުން ހަދައިދޭ އަގު ވެސް ވަނީ ބޮޑުކޮށްފަ އެވެ. އެގޮތުން އިހްމާލެއް އޮވެގެން ޕާސްޕޯޓް ގެއްލިއްޖެ ނަމަ ނުވަތަ ހަލާކުވެއްޖެ ނަމަ ކުރާ ޖޫރިމަނާ 2،000ރ. އިން 5،000ރ. އަށް ބޮޑުކުރަން ވަނީ ނިންމައިފަ އެވެ. އަދި ދެ ވަނަ ފަހަރަށް ޕާސްޕޯޓް ގެއްލިއްޖެ ނަމަ ޖޫރިމަނާ ކުރާނީ 10،000ރ. އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ