ހުޅުމާލޭ ކޯޓުގެ ގާނޫނީ ހައިސިއްޔަތާ ގުޅޭ މައްސަލައިގެ ފައިލް ފޮނުވަން ސުޕްރީމް ކޯޓުން އަންގައިފި

ހުޅުމާލޭ ކޯޓުގެ ގާނޫނީ ހައިސިއްޔަތާ ގުޅިގެން ސިވިލް ކޯޓަށް ކުރިން ހުށަހަޅާފައިވާ މައްސަލައިގެ ލިޔުންތަކާއި ފައިލް ފޮނުވުމަށް ސުޕްރީމް ކޯޓުން ސިވިލް ކޯޓަށް މިއަދު އަންގައިފި އެވެ. ސުޕްރީމް ކޯޓުން އެގޮތަށް އެންގީ ހުޅުމާލޭ ކޯޓުގެ ގާނޫނީ ހައިސިއްޔަތާ ގުޅިގެން ގާނޫނީ ވަކީލުންތަކެއް ސިވިލް ކޯޓަށް ކުރިން ހުށަހަޅާފައި އޮތް މައްސަލަ ސުޕްރީމް ކޯޓުން ބަލައިދިނުމަށް އެދި ޖުޑީޝަލް ސާވިސް ކޮމިޝަން )ޖޭއެސްސީ(ން ސުޕްރީމް ކޯޓަށް އިއްޔެ މައްސަލައެއް ހުށަހެޅުމުން ނެވެ. އެ މައްސަލަ ކުރިން ސިވިލް ކޯޓުގައި ހިނގަމުން ދަނިކޮށް މައްސަލަ ބެލުން މަޑުޖައްސާލުމަށް ސުޕްރީމް ކޯޓުން ވަނީ ކުރިން އަންގާފަ އެވެ. ސުޕްރީމް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ ޖޭއެސްސީން މައްސަލަ ހުށަހެޅުމުގެ ހުއްދަ ދިނުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން މިއަދު ނިންމާފައިވާ ކަމަށެވެ. އަދި ސިވިލް ކޯޓުގައި ކުރިން އޮތް މައްސަލައިގެ ލިޔުންތަކާއި ފައިލް ސުޕްރީމް ކޯޓަށް ފޮނުވުމަށް މިއަދު އަންގާފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. ނަމަވެސް އެ މައްސަލައިގެ އަޑުއެހުންތައް ފަށައިގަނެވޭނެ ދުވަހެއް އަދި ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ. ސުޕްރީމް ކޯޓުގެ ގަވާއިދު ބުނާ ގޮތުން އެ ކޯޓަށް މައްސަލަ ހުށަހަޅާ ފޯމް ހުށަހެޅުމުން އޭގެ ލިޔުންތައް ފުރިހަމަވޭތޯ އެ ކޯޓުގެ ރަޖިސްޓްރާ ބައްލަވާނެ އެވެ. އަދި އޭގެ ފަހުގައި އެ މައްސަލައެއް ހުށަހެޅުމުގެ ހުއްދައާ މެދު ގޮތެއް ނިންމުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ފޮނުވުމުން އެ މައްސަލައެއް ހުށަހެޅުމުގެ ހުއްދަ ދިނުމާމެދު އެ މަޖިލީހުން ގޮތެއް ނިންމަވާނެ އެވެ. ހުޅުމާލޭ ކޯޓުގެ ގާނޫނީ ހައިސިއްޔަތުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިކަމަށް ޖޭއެސްސީން ބުނެފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ހުޅުމާލޭ ކޯޓުގައި ކުރާ ދައުވާއާ ގުޅިގެން ނަޝީދުގެ ފަރާތުން ހައި ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި ހުޅުމާލޭ ކޯޓުގެ ގާނޫނީ ހައިސިއްޔަތާ މެދު އޮތް ނުކުތާއާ މެދު ޖަވާބުދާރީވަމުން ހައި ކޯޓުގަ އެވެ. ޖޭއެސްސީގެ ވަކީލު އަބްދުލްފައްތާހު ހައި ކޯޓުގައި އިއްޔެ ވިދާޅުވެފައިވަނީ ހުޅުމާލޭ ކޯޓަކީ ގާނޫނާ ހިލާފަށް އުފައްދާފައިވާ ކޯޓެއް ނޫން ކަމަށާއި ވިލިމާލޭގައި ވެސް ކޯޓެއް ހުންނަންޖެހޭނެ ކަމަށް އެ ކޮމިޝަނުން ދެކޭ ކަމަށެވެ. އެއީ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކޯޓެއް ހުންނަންޖެހޭނެ ކަމަށް ގާނޫނުގައި ބުނާތީ ކަމަށް ވެސް ފައްތާހު ވިދާޅުވި އެވެ. ނަޝީދުގެ މައްޗަށް ހުޅުމާލޭ ކޯޓުގައި ދައުވާކުރާ މައްސަލައިގެ ޝަރީއަތް މަޑުޖައްސާލުމަށް ހައި ކޯޓުން އިއްޔެ ކުރި އަމުރާ ގުޅިގެން ހުޅުމާލޭ ކޯޓުން ބަލަމުންދިޔަ ހުރިހާ ބާވަތެއްގެ މައްސަލަތަކެއް ބެލުން ވަނީ މަޑުޖައްސާލާފަ އެވެ. ހުޅުމާލޭ ކޯޓުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ވަނީ ހައި ކޯޓުގެ އެ އަމުރާ ގުޅިގެން އެ ކޯޓުގެ މަސައްކަތްތަކުގެ ތެރެއިން ވަރިކައިވެންޏާއި ހަޟާނަތާއި އާއިލީ މައްސަލަތަކާއި ގޯތިގެދޮރުގެ މައްސަލަތަކާއި މަދަނީ މައްސަލަތަކުގެ އިތުރުން ޖިނާއީ މައްސަލަތަކާއި ބަންދާ މެދު ގޮތެއް ނިންމުމުގެ މައްސަލަތައް އަދި އެ ކޯޓުގެ ގާނޫނީ ހައިސިއްޔަތާ ގުޅިގެން އުފެދިފައިވާ ސުވާލުގެ ސަބަބުން އަސަރުކުރާނެ ފަދަ އެންމެހާ މަސައްކަތް ވަގުތީ ގޮތުން މަޑުޖައްސާލައިފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ