ފަރުވާ ހޯދާ އެޑިކްޓުންނަށް ޗާޔާ އައިލެންޑުން ތަމްރީނު ދެނީ

މަސްތުވާތަކެތިން ސަލާމަތްވުމަށް ފަރުވާ ހޯދަމުން އަންނަ މީހުންނަށް އަމާޒުކޮށްގެން ޗާޔާ އައިލެންޑް ދޮންވެލި ރިސޯޓުން ހިންގާ ތަމްރީން ޕްރޮގްރާމުގެ އެއްބަސްވުމުގައި އެ ރިސޯޓާއި ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)އާ ދެމެދު އިއްޔެ ސޮއިކޮށްފި އެވެ. ޗާޔާ އައިލެންޑް ދޮންވެލި ރިސޯޓުގައި އޮތް ރަސްމިއްޔާތުގައި އެންޑީއޭގެ ފަރާތުން ސޮއިކުރެއްވީ އެ އެޖެންސީގެ ބޯޑުގެ ޗެއާމަން އަދި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލުބްނާ މުހައްމަދު ޒާހިރު ހުސައިން އެވެ. ރިސޯޓުގެ ފަރާތުން ސޮއިކުރެއްވީ ރިސޯޓު ހިންގަމުން އަންނަ ޖޯން ކީލްސް ހޯލްޑިންގްސްގެ އެގްޒެކެޓިވް ވައިސް ޕްރެސިޑެންޓް ސުނިމަލް ސެނަނަޔަކޭ އެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް މުހައްމަދު ވަހީދުގެ އަނބިކަނބަލުން އިލްހާމް ހުސައިން ވިދާޅުވީ މިއީ ސަރުކާރަށް ގޮންޖެހުން ބޮޑު ދުވަސްތަކެއް ކަމަށާއި މި ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން ދަނީ އަމިއްލަ ފަރާތްތަކާ ގުޅިގެން ތަފާތު އެތައް މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. ޗާޔާ އައިލެންޑާ އެކު ވީ އެއްބަސްވުމަކީ ވެސް އެ މަސައްކަތުގެ ތެރެއިން އެރިސޯޓުން އިސް ނަގައިގެން ކުރިއަށް ގެންދާ މުހިންމު މަސައްކަތެއް ކަމަށް އެކަމަނާ ވިދާޅުވި އެވެ. އިލްހާމް ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ އިންތިހާ އަށް ބޮޑުވުމުގައި ތަފާތު އެތައް ސަބަބުތަކެއް އެބަހުރި ކަމަށާއި އޭގެ ތެރޭގައި އަޅާލުން ކުޑަވުމާއި އެކަށީގެންވާ ވަރަށް އާމްދަނީ ނުލިބުން ފަދަ ކަންކަން ހިމެނޭ ކަމަށެވެ. މަސްތުވާތަކެތިން މުޖުތަމައު ސަލާމަތްކުރުމަށް ކުރާ މަސައްކަތް ކުރިއަށް ގެންދިއުން މުހިންމު ކަމަށާއި ފަރުވާ ހޯދާ މީހުންނަށް ކުރިމަތިވާ ގޮންޖެހުންތައް ކުޑަކޮށް އެމީހުންނަށް ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހިފައިވާ ކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ. އިލްހާމް ވިދާޅުވީ ފަރުވާ ހޯދައިގެން ނުކުންނަ މީހުންނަށް މަސްތުވާތަކެއްޗާ ދުރުގައި ތިބެވޭނީ އާންމުން ވެސް ހޭލުންތެރިވެ މުޖުތަމައުން އެމީހުން ބަލައިގަނެގެން ކަމަށެވެ. އަދި ޗާޔާ އިން ފެށި މި މަސައްކަތަކީ އެކަމަށް ވަރަށް ރަނގަޅު ޕްރޮގްރާމެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. ދޮންވެލީގެ އިތުރުން ޗާޔާ ރީފް އެއްލައިދު އާއި ޗާޔާ ލެގޫން ހަކުރާ ހުރާ ރިސޯޓު ވެސް ހިންގަމުން އަންނަ ޖޯން ކީލްސްގެ ފަރާތުން ސެނަނަޔެކޭ ވިދާޅުވީ މި ޕްރޮގްރާމުގެ ހިޔާލު އުފެދިގެން އައީ ކ. ހިންމަފުށީގައި ހުންނަ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރަށް އެ ރިސޯޓުގެ ޓީމެއް ކުރި ޒިޔާރަތެއްގައި ކަމަށެވެ. އަލަށް ފަށާ މި ޕްރޮގްރާމްގެ ދަށުން މަސްތުވާތަކެތިން ސަލާމަތްވުމަށް ފަރުވާ ހޯދަމުން އަންނަ މީހުންނަށް ހައުސްކީޕިން އާއި ފުޑް އެންޑް ބެވަރޭޖް ދާއިރާ އިން އެ ރިސޯޓުގެ ތަޖުރިބާކާރުން ތަމްރީނު ފޯރުކޮށްދޭނެ އެވެ. މި ގޮތުން ހިންމަފުށީ ސެންޓަރުގެ އޮފިޝަލުންނާއި ފަރުވާ ހޯދާ މީހުން އެ ރިސޯޓަށް ގެނެސް ތަޖުރިބާ ހޯދުމުގެ ފުރުސަތު ހުޅުވައިލައްވާނެ ކަމަށް ވެސް ސެނަނަޔެކޭ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ތަމްރީނު ހޯދާ ފަރާތްތަކަށް ރިސޯޓުތަކުގައި މަސައްކަތްކުރުމުގެ ފުރުސަތު ވެސް ހުޅުވިގެންދާނެ ކަމަށެވެ. ލުބްނާ ވިދާޅުވި ގޮތުގައި ހަގީގީ ގޮންޖެހުމަކީ ފަރުވާ ހޯދައިގެން މުޖުތަމައު އަށް ނުކުންނަ މީހުން ސަލާމަތުން ދެމެހެއްޓުމެވެ. މިފަދަ މީހުންނަށް އެންޑީއޭ އިން އެހީތެރިކަން ފޯރުކޮށްދޭ ކަމަށާއި ތަފާތު ދާއިރާތަކުން ތަމްރީނު ދިނުމަކީ ވެސް ފަރުވާ ހޯދައިގެން ނުކުންނަ މީހުން މުޖުތަމައު އަށް އަލުން އަހުލުވެރިކުރުވުމުގެ އެއްބައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ލުބްނާ ވިދާޅުވީ މިއީ ވަރަށް ކާމިޔާބު ޕްރޮގްރާމަކަށް ވާނެ ކަމަށް އުންމީދުކުރައްވާ ކަމަށާއި ހިންމަފުށީ ސެންޓަރުގައި ފަރުވާ ހޯދަމުންދާ 18 މީހަކު މިހާރު ވެސް މި ޕްރޮގްރާމުގައި ބައިވެރިވާން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ