ހުރިހާ ހަތިޔާރެއް ހުސްވެ ދައްކާނެ ވާހަކަ ނެތުނީމާ ދެންނަންގަވާފައިވަނީ "ކޮއްކޯފުޅުގެ ލޯގަނޑު" ކަމަށާއި އެހެން ނަމަވެސް ކޮއްކޯފުޅަށް ވީމަ ވޯޓު ދޭންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ޕީޕީއެމް ރިޔާސީ ޕްރައިމަރީއަށް ވާދަކުރައްވާ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރުގެ ޓީމުން ރޭ އާރޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި އުމަރު ނަސީރުއާ ވާދަކުރައްވާ ކެނޑިޑޭޓް ޔާމީން އަބްދުލްގައްޔޫމް އަށް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ރައްދު ދެއްވާފައެވެ.
"މިހާރު ނިކުންނަވާ، ހުރިހާ ހަތިޔާރު ހުސްވެ، ދައްކާނެ ހުރިހާ ވާހަކައެއް ނެތުނީމާ، ދެންމިދައްކާ ވާހަކައަކީ ކޮއްކޮއަށް ވޯޓުދޭށޭ. އަޅުގަނޑު ދަންނަވާނީ ތިޔައްވުރެ ރަނގަޅު ވާހަކައެއް ދައްކަވާށޭ، ކޮންމެވެސް އޮއްޓަރެއް ހުރި ބުރަދަނެއް ހުރި ވަހަކައެއް ހިފައިގެން އަޅުގަނޑުމެން ކައިރިއަށް ވަޑައިގަންނަވާށޭ. ޕީޕީއެމްގެ މެމްބަރުންނަށްކަށް ނޯޅޭނެ ހަގީގަތެއް." ޕީޕީއެމްގެ ޕްރައިމަރީއަށް ވާދަކުރައްވާ އުމަރު ވިދާޅުއެވެ.
"ކޮބާތޯ މިއިންނެވި އިލްޔާސް އިބްރާހިމްގެ ގެކޮޅުގައި ރައީސް މައުމޫން ގިނިކަންޖާ އެތާހުންނެވި އިރުގަ، އެމްޑީޕީގެ ހުރިހާ ގުންޑާއިންތައް ވަށައިގެންއައިސް، ޕިކަޕްތަކުގައައިސް މާދަމާއަކީ ރައީސް މައުމޫން ދަމާނެރޭނަމޭ ބުނި ދުވަހު ކޮއްކޮ ކޮންތާކުތޯ ހުންނެވީ. އަޅުގަނޑު މީ ދުރުހިލޭ މީހާ ތިޔަބޭފުޅުންގެ ތެރެއިން އެންމެ އާދައިގެ މީހުން ގޮވައިގެން ނިކުމެ، މިތާއުޅޭ ދަމާ ގާޑިޔާ ދަމާ މީހަކާ، މިއޮތްތާ އުޅޭ ދަނޑުވެރިޔަކާ، މިއޮތްތާ އުޅޭ އޮފީހެއްގެ ޕިޔޯނަކާ، ދުވަހަކުވެސް ރައީސް މައުމޫންގެ ވެރިކަމުގައި ޒައްރެއްގެ މިންވަރުވެސް ލިބިފަނެތް މީހުންތަކެއް ގޮވައިގެން، ދުރުހިލޭ ބަޔަކު ގޮވައިގެން ދުރުހިލޭ މީހަކު ނިކުމެ، އެވިދާޅުވާ ކޮއްކޮގެ ބޭބެ ހިމާޔަތް ކުރުމުގެ މަސައްކަތުގައި އަލިވާގޭގައި މައްސައްކަތް ކުރިއިރުގަ ކޮއްކޮގެ ހަބަރެއްވެސްނެތް،" ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ޔާމީން އަބްދުލްގައްޔޫމްއަށް ރައްދު ދެއްވަމުން ޔާމީންއާ ވާދަކުރައްވާ އުމަރު ނަސީރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ އޭނާ ރައީސް މައުމޫންގެ ހިމާޔަތުގައި އޭރު 200 މީހުންގެ ބޮޑު ފައުޖެއް ގެންގުޅޭ ކަަމަށާއި އެމީހުންނަށް ކުއްލިޔަކަށް އަންގާލީމަ އަލިވާގެ ދޮށަށް ޖަމާވާނެ ކަމަށެވެ. ރޭގެ ޖަލްސާގެ ބައެއް ބައިވެރިންނަށް އިޝާރާތްކޮށް އުމަރު ވިދާޅުވީ އެމީހުން މިތާއެބަ ތިއްބެވި ކަމަށާއި އެއީ ވަރަށް އާދައިގެ މީހުން ކަމަށެވެ. އަދި އެއީ ދުވަހަކުވެސް ރައީސް މައުމޫންގެ ވެރިކަމުގަ ބޮޑު ލާރިއެއްވެސް ލިބިފައި ނުވާ މީހުންކަމަށެވެ. އެކަމަކު އަޅުގަނޑުމެން އެސްއެމްއެސްއެއް ފޮނުވާލުމާއެކު އެމީހުން ގޭގައި ކުރަންހުރި މައްސަކަތް ވަގުތުން ހުއްޓާލާފަ އަލިވާގެ ކައިރިއަށް ދާކަމަށެވެ.
މީގެ އިތުރުން އުމަރު ވިދާޅުވީ އޭނާއަކީ ނިކަމެތިންގެ ކޮމާންޑަރު ކަމަށާއި އޭނާއާއިއެކު އެމަސައްކަތުގައި ބައިވެރިވީވެސް ނިކަމެތިން ކަމަށެވެ. އެމްޑީޕީ މީހުން ރައީސް މައުމޫން މަގުމައްޗަށް ނެރުމަށް ގޮވި ދުވަހު ރައީސް މައުމޫންގެ ހިމާޔަތުގަ އުމަރާއި އުމަރުގެ ބައިވެރިން އެދުވަހު ނިކުންނެވި ކަމަށެވެ. އަދި އުމަރުގެ ބައިވެރިންނަށް އެމީހުން ބޯލާނެ އެއްޗެއް ހޯދާދިނުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އެތައް މެމްބަރުން ކައިރީ އެފައުޖަށް އެހީތެރި ވުމުގެ ގޮތުން ފައިސާކޮޅެއް ބޭނުންވާ ވާހަކަ ބުނެފައިވާނެ ކަމަށާއި އެދުވަހު ކޮއްކޮ (މެމްބަރު ޔާމީން) ކައިރީގަ ދެންނެވީމަ ދެއްވީ 500 ރުފިޔާ ކަމަށެވެ.
"ދިވެހިރާއްޖެ ދުއްއެންމެ ވަރުގަދަ ރާއްޖޭގެ ތަރައްގީގެ ބާނީ ރައީސް އަލްއުސްތާޒު މުއުމޫން އަބްދުލްގައްޔޫމް ދަމާ މަގުމައްޗަށް ނެރުމަށް އެމްޑީޕީން ގޮވާ، އެމްޑީޕީގެ މީހުން އެތަނަށް އެއްވި ދުވަހު އެމަނިކުފާނުގެ ދިފާއުގަ ދިޔަ މީހުންނަށް މިނަރަލް ވޯޓަރ ފެންފުޅި ގަންނަންވެގެން ކޮއްކޮ ކައިރީގަ ބުނީމަ 500 ރުފިޔާ އުމަރު ނަސީރަށް ފޮނުވީ،" އުމަރު ވިދާޅުވިއެވެ.
"ކޮއްކޯ ފުޅަށް" ވީމަ ވޯޓް ދޭންޖެހޭ އެއްވެސް ސަބަބެއްނެތް: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ