ދެވަނަ ފަހަރަށް ވޯޓު ގުނައިގެން ވެސް، ނިލަންދޫ ދާއިރާގެ ގޮނޑި ހަލީލް ކާމިޔާބު ކުރައްވައިފި

ނިލަންދޫ ދާއިރާގެ ވޯޓު ފޮށިތައް އަލުން ގުނުމުން ވެސް، ކުރިއެކޭ އެެއްގޮތަށް އެ ދާއިރާގެ މިނިވަން ކެންޑިޑޭޓް އަބްދުﷲ ހަލީލް ކާމިޔާބު ހޯއްވައިފި އެވެ. މިދިޔަ ހޮނިހިރުދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ނިލަންދޫ ދާއިރާގެ ވޯޓުގެ ނަތީޖާއާ މެދު ހިތްހަމަނުޖެހިގެން، ހުށަހެޅި ޝަކުވާތަކާ ގުޅިގެން އަލުން ވޯޓު ފޮށިތައް މިއަދު ގުނުމުން، އަބްދުލް މުހްސިން (ޖޭފޯ) އަށް ވަނީ ތިން ވޯޓު މަދުވެފަ އެވެ. އެ ނަތީޖާއާ އެކު، ނިލަންދޫ ދާއިރާގެ ގޮނޑި މުހުސިނަށް ބޮޑުބޭބެ ވިދާޅުވާ ހަލީލް ކާމިޔާބު ކުރެއްވިކަން އިލެކްޝަންސް ކޮމިޝަނުން ވަނީ މިރޭ އިއުލާން ކޮށްފަ އެވެ. ނިލަންދޫ ދާއިރާގެ މީހުން ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވާ 50 ފޮށީގެ ނަތީޖާ ޝީޓްތައް އަލުން ޗެކްކުރުމަށް ފަހު، އިލެކްޝަންސް ކޮމިޝަނުން މިރޭ އިއުލާންކުރި ވަގުތީ ނަތީޖާ ދައްކާ ގޮތުން މުހުސިންގެ މައްޗަށް ހަލީލު ވަނީ ތިން ވޯޓުގެ ކުރިއެރުމެއް ހޯއްދަވައިފަ އެވެ. އެންމެ ފުރަތަމަ ނަތީޖާ ދެއްކި ގޮތުން ހަލީލް އެ ގޮނޑި ކާމިޔާބުކުރެއްވީ މުހުސިންއާ ވާދަކޮށް، 645 ވޯޓުންނެވެ. މުހުސިނަށް ލިބިވަޑައިގަތީ 644 ވޯޓެވެ. ނަމަވެސް ވޯޓު އަލުން ގުނުމަށް ފަހު މިރޭ އިއުލާންކުރި ވަގުތީ ނަތީޖާ ދައްކާ ގޮތުން ހަލީލަށް 646 ވޯޓު ލިބިވަޑައިގެންނެވިއިރު އިރު މުހުސިނަށް ލިބިވަޑައިގަތީ 643 ވޯޓެވެ. މުހްސިން ކުރިން ވިދާޅުވީ ބައެއް ވޯޓުތަކުގެ ނަތީޖާގައި މައްސަލަ އުޅޭ ކަމަށެވެ. އެގޮތުން ބައެއް ވޯޓުތަކަކީ ސައްހަ ވޯޓުގެ ގޮތުގައި، ވޯޓުފޮށީގެ ވެރިޔާ ނިންމެވި ނަމަވެސް ގަބޫލު ނުކުރެއްވޭ ވޯޓުތަކެއް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ. ވޯޓު އަލުން ގުނުމަށް ފަހު، ކޯޓަށް ދާން ޖެހިއްޖެ ނަމަ އެކަން ވެސް ކުރާނެ ކަމަށް މުހުސިން ވިދާޅުވި އެވެ. ހަލީލް ވިދާޅުވީ ވަނީ ނިލަންދޫ ދާއިރާގެ ވޯޓު އަލުން ގުނަން ޖެހޭ ސަބަބެއް އިލެކްޝަނުން ސާފުކޮށްދީފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް އިލެކްޝަނަށް ފުރިހަމައަށް އިތުބާރު އެބައޮތް ކަމަށާއި ނަތީޖާއާ ދޭތެރޭ އެއްވެސް މައްސަލައެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. ނިލަންދޫ ދާއިރާގެ ވަގުތީ ނަތީޖާ އިއުލާންކުރުމުން އާންމު އިންތިޚާބުގެ ހުރިހާ ދާއިރާއެއްގެ ވެސް ވަގުތީ ނަތީޖާ އިއުލާންކޮށް ނިމުނީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ