އަލްގީންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ހުކުމް ކޮށްފި
ކުރީގެ ރައީސް މައުމޫނާއި ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީންގެ ކޮއްކޯފުޅު އަބްދުﷲ އަލްގީންގެ މައްޗަށް ދައުލަތުން އުފުލި ޚިޔާނާތުގެ ކުށް ޝަރީއަތަށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. އަލްގީންގެ މައްޗަށް ދައުލަތުން ދައުވާކުރީ އޭނާ މީޓިއޮރޮލޮޖީގެ ޑިރެކްޓަރަކަށް ހުންނެވިއިރު ޖަޕާންގެ ޖެމްސްޓެކް ނަމަކަށް ކިޔާ ކުންފުންޏަކުން ރާއްޖޭގައި ހިންގި މޫސުމާ ބެހޭ މަޝްރޫއަކުން ދިވެހި ސަރުކާރަށް ލިބެންޖެހޭ ކަމަށް ބުނާ ފައިސާތަކެއް އަލްގީންގެ އަމިއްލަ އެކައުންޓަށް ޖަމާކުރި ކަމަށް ބުނެ އެވެ. އެ ދައުވާގައި ބުނަނީ ހަތަރު ފަހަރެއްގެ މަތިން ޖެމްސްޓެކުން ފޮނުވި 177،460 ޑޮލަރު ( 2،280،361ރ.) އަލްގީންގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށާއި އެ ފައިސާ އަލްގީންގެ އަތުން ހޯދުމަށް ދައުވާގައި އެދިފައި ވެއެވެ. ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގައި ހުކުމް އިއްވަވަމުން އެ މައްސަލަ ބެއްލެވި ގާޒީ އަބްދުﷲ ދީދީ ވިދާޅުވީ ޖެމްސްޓެކާއި ދިވެހި ސަރުކާރާ ދެމެދުވެފައިވާ އެއްބަސްވުމަކީ ސަރުކާރުން ދޭ ހިދުމަތުގެ ބަދަލުގައި މި މަޝްރޫއު ހިންގުމަށް ޖެމްސްޓެކުން ބޭނުންކުރާ އާލާތްތައް ސަރުކާރަށް ދިނުމާ ގުޅޭ ގޮތުން ވެފައިވާ އެއްބަސްވުމެއްކަން ހުށަހެޅިފައިވާ ލިޔުންތަކުންނާއި ހެކިންގެ ބަހުން އެނގޭ ކަމަށެވެ. އަދި އެ މަޝްރޫއަށް ސަރުކާރުން އެއްވެސް ހަރަދެއްކޮށްފައިނުވާކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮންނަ ކަމަށް ހުކުމުގައިވެ ށެވެ. އަދި އެ ފައިސާއަށް އަލްގީން ހިޔާނާތްތެރި ވެފައިވާ ކަމަށް ބުނެ ޖެމްސްޓެކުން އެއްވެސް ޝަކުވާއެއް ހުށަހަޅާފައިވާކަން އެނގެން ނެތް ކަމަށް ގާޒީ ވިދާޅުވި އެވެ. މީގެ އިތުރުން އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ އެއްޗެއްކަން ދައުލަތަށް ޝަރީއަތަށް ސާބިތުކޮށްދެވިފައިނުވާ ކަމަށް ގާޒީ ވިދާޅުވި އެވެ. އެހެންކަމުން އެ ކުށް ސާބިތުވާވަރުގެ ކާފިއީ ހެކި ލިބިފައިނުވާތީ އަލްގީންގެ މައްޗަށް ދައުލަތުން އުފުލި އެ ދައުވާ ޝަރީއަތަށް ސާބިތުނުވާ ކަމަށް ހުކުމްކުރައްވާ ކަމަށް ގާޒީ ވިދާޅުވި އެވެ. އެ މައްސަލަ ފުރަތަމަ ބެއްލެވީ އިސްގާޒީ އަބްދުﷲ މުހައްމަދެވެ. އެހެން ނަމަވެސް އެ މައްސަލައިގެ އަޑުއެހުން 2010 ވަނަ އަހަރުގެ ތެރޭގައި ނިންމާލުމަށްފަހު އޭގެ ފަހުން އެ މައްސަލައިގެ އަޑުއެހުމެއް ބާއްވާފައި ވަނީ މިއަހަރުގެ ތެރޭގައި އެވެ. ނަމަވެސް އޭރު ވަނީ އެ މައްސަލަ ބެއްލެވުން ގާޒީ އަބްދުﷲ ދީދީއާ ހަވާލުކޮށްފަ އެވެ. އެ މައްސަލައިގެ އަޑުއެހުން ގާޒީ އަބްދުﷲ ދީދީ ނިންމަވާލެއްވީ މިދިޔަ އޭޕްރީލް މަހުގެ 11 ވަނަ ދުވަހު އެވެ. އެދުވަހުގެ އަޑުއެހުމުގައި ގާޒީ ވިދާޅުވެފައި ވަނީ އެ މައްސަލައިގެ ހުކުމް ދެ ހަފުތާގެ ތެރޭގައި އިއްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ