ސުޕްރީމް ކޯޓުގެ ކުރީގެ އެސިސްޓެންޓް ރެޖިސްޓްރާ ވަކިކުރީ ރަނގަޅަށް: ހައި ކޯޓު

ސުޕްރީމް ކޯޓުގެ ކުރީގެ އެސިސްޓެންޓް ރެޖިސްޓްރާ ފާތިމަތު ލަތީފް އެ މަގާމުން ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމާފައި ވަނިކޮށް، އޭނާ ވަކިކުރީ ގާނޫނާ އެގޮތަށް ކަމަށް ހައި ކޯޓުން މިދިއަ އަންގާރަދުވަހު ހުކުމްކޮށްފި އެވެ. ފާތިމަތު އެ މަގާމުން ސެޕްޓެމްބަރު 2011 ގައި ވަކިކުރުމުން އެ މައްސަލަ ޓްރައިބިއުނަލުން ނޮވެމްބަރު 2012 ގައި ނިންމީ އޭނާ އެ މަގާމުން ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށެވެ. އެކަމަކު ހައި ކޯޓުން ވަނީ އެ ނިންމުން ބާތިލްކޮށްފަ އެވެ. ޓްރައިބިއުނަލުން އަންގާފައި ވަނީ އޭނާ ވަކިކުރި ދުވަހުން ފެށިގެން މައްސަލަ ނިމުނު ދުވަހާ ހަމައަށް އޭނާއަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބެން ޖެހޭ 248،000ރ އަށް ވުރެ ގިނަ ރުފިޔާ ފާތިމަތަށް ދޭށެވެ. އެކަމަކު އެ މައްސަލަ ދައުލަތުން އިސްތިއުނާފްކުރީ އެވެ. ހައި ކޯޓުގެ ހުކުމުގައި ވަނީ ސުޕްރީމް ކޯޓުގެ ރެޖިސްޓްރާގެ މަސްއޫލިއްޔަތު އަދާކުރުމަށް ތަކުރާރުކޮށް ފާތިމަތަށް އެންގުމުން ވެސް އެ މަސްއޫލިއްޔަތު އަދާކޮށްފައިނުވާ ކަމަށާއި އެއީ އޭނާގެ ވަޒީފާގެ އަޚުލާގާ އެކަށީގެންނުވާ އަމަލެއް ކަމަށް ބެލެވިދާނެ ކަމަށެވެ. އަދި ޝަރުއީ ދާއިރާގެ މުވައްޒަފަކު ވަޒީފާގެ އަޚުލާގާ އެކަށީގެންނުވާ އަމަލެއް ކޮށްފި ނަމަ ނޯޓިހެއް ދިނުމަކާ ނުލައި ވަކިކުރުމުގެ ބާރު ވަޒީފާ ދޭ ފަރާތަށް އޮންނަ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ. އެހެންކަމުން ފާތިމަތުގެ އެ އަމަލަކީ ނޯޓިސް ދިނުމަކާ ނުލައި އޭނާ ވަކިކުރެވެން އޮތް މަގުބޫލު ސަބަބެއް ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްވި ހުކުމުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ