ރައީސަށް ޝާހިދު ފޮނުވި ސިޓީގެ މައްސަލައިގަ ސުޕްރީމް ކޯޓުގެ ލަފައަކަށް އެދޭނަން: އަދީބު

ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު ވަހީދުގެ ގާނޫނީ ހައިސިއްޔަތާއި މެދު ސުވާލު އުފައްދާ ރައީސުލް ޖުމްހޫރިއްޔާގެ ދައުރު ހަމަވެފައިވާކަމަށް ބުނެ ދައުލަތުގެ މުއައްސަސާތަކަށް ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ފޮނުއްވި ސިޓީގެ މައްސަލައިގަ ސުޕްރީމް ކޯޓުގެ ލަފައަކަށް އެދޭނެކަމަށް ސަރުކާރުން ބުނެފި އެވެ.
ރައީސް އޮފީހުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވީ، ޝާހިދަށް އެފަދަ އިބާރާތަކުން ދައުލަތުގެ މުއައްސަސާތަކަށް ސިޓީ ނުފޮނުއްވޭނެ ކަމަށާއި، އެ މައްސަލައަކީ ވަކި ގޮތަކަށް އަމަލު ކުރަން ސުޕްރީމް ކޯޓުން އަމުރުކޮށްފައިވާ ކަމެއް ކަމަށެވެ.
އަދީބު ވިދާޅުވީ، އެފަދަ ސިޓީއެއް މަޖިލީހުގެ ރައީސް ރައީސަށް ފޮނުވާފަވާނަމަ އެއީ ފޮނުވޭނެ ސިޓީއެއް ކަމަށް ގަބޫލް ނުކުރާ ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސައްކަތް ކުރަމުންގެންދަވަނީ، ބޭރުގެ ފަރާތްތަކާއި ގުޅިގެން ގައުމުގެ ވެރިކަމަށް ވަޑައިގަތުމަށް ވެސް އަދީބު ތުހުމަތު ކުރެއްވި އެވެ. އަދި ވިދާޅުވީ، މަޖިލީހަކީ "މިނީ ކޫ" އެއް ކަމަށާއި މަޖިލީހުން ގާނޫނު އަސާސީއާއި ހިލާފަށް އެތައް ނިންމުންތަކެއް ނިންމަމުންދާ ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހަކީ ގާނޫނާ ހިލާފު އެތައް ނިންމުންތަކެއް ނިންމަމުންދާ ތަނެއް. އެކަން މީގެ ކުރިން ނިންމާފައިވާ ނިންމުންތަކުން އެހުރީ ހާމަވާން. އެހެންވީމަ މިގޮތަށް ސިޓީއެއް ފޮނުވާފައިވާނަމަ އަޅުގަނޑުމެން ސުޕްރީމް ކޯޓަށް ދާނަން. މި މައްސަލައިގަ އެންމެ ފަހުބަސް ބުނާ ސުޕްރީމް ކޯޓުން ވަނީ ނޮވެމްބަރު 11 އަށް ރައީސަކު އިންތިހާބު ނުކުރެއްވިއްޖެ ހާލަތެއްގައި ރައީސް ވަހީދުގެ ސަރުކާރު ދެމި އޮންނާނެކަމަށް ކަނޑައަޅާފަ،" އަދީބު ވިދާޅުވި އެވެ.
އަދީބު އިތުރަށް ވިދާޅުވީ ބައެއް ފަރާތްތަކުގެ ހިންހަމަ ނުޖެހުމާއި އެކުވެސް އެންމެ ހަތަރު ދުވަހަށް ވެރިކަމުގައި ދެމި ހުންނެވުމަށް ރައީސް ނިންމެވީ ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކުރައްވާ އިތުރު ހަލަބޮލި ކަމުގެ ތެރެއަށް ގައުމު ވައްޓާ ނުލުމުގެ ގޮތުން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ރޭ ރައީސް ޑރ ވަހީދަށް ފިނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން ރިޔާސީ ދައުރު ހަމަވެފައިވާ ކަމަށާއި ގާނޫނު އަސާސީގައިވާ އެންމެހާ ކަންތައްތަކަށް ފުރިހަމައަށް ކިޔަމަންވެ އަމަލު ކުރުމަކީ ދައުލަތުގެ ތިން ބާރުގެ މައްޗަށާއި، ވެރިންނަށާއި، ރައްޔިތުންގެ މައްޗަށް ގާނޫނު އަސާސީއިން މަތިކޮށްފައިވާ ވާޖިބެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ