މަޑަވެލި ދާއިރާގެ މެމްބަރު މުއާޒް ޖޭޕީ އަށް ސޮއިކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގައި މިހާތަނަށް އެއްވެސް ޕާޓީއަކާ ގުޅިވަޑައިނުގެން ހުންނެވި ހަމައެކަނި މެމްބަރު މަޑަވެލި ދާއިރާގެ މުއާޒް މުހައްމަދު ރަޝީދު ދެންމެ ޖުމްހޫރީ ޕާޓީ އަށް ސޮއިކުރައްވައިފި އެވެ. އޭނާ އެ ޕާޓީ އަށް ސޮއިކުރެއްވީ ޕެރަޑައިސް އައިލެންޑް ރިސޯޓުގައި މިހާރު ކުރިއަށް ގެންދާ ރަސްމިއްޔާތުގަ އެވެ. ޖޭޕީ އަށް ސޮއިކުރެއްވުމަށް ފަހު މުއާޒް ވިދާޅުވީ އޭނާ އެ ފިޔަވަޅު އެޅުއްވީ، މިހާތަނަށް ރާއްޖޭގައި އެންމެ ޑިމޮކްރެޓިކްކޮށް މަސައްކަތް ކުރަނީ އެ ޕާޓީން ކަމަށް ވާތީ ކަމަށެވެ. އަދި މަޑަވެލި ދާއިރާގެ ގޮނޑި އަށް އޭނާ ހޮވުނީ މިނިވަން މެމްބަރެެއްގެ ގޮތުގައި ކަމަށް ވިޔަސް، މިނިވަން މެމްބަރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރެއްވުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށް ވިދާޅުވި އެވެ. "ޖުމްހޫރީ ޕާޓީ އަކީ ގުޅިގެން މަސައްކަތް ކުރެވިދާނެ އެންމެ ރަނގަޅު ޕާޓީ،" މުއާޒް ވިދާޅުވި އެވެ. މުއާޒް ޖޭޕީ އަށް ސޮއިކުރެއްވުމާ އެކު، ޖޭޕީގެ މަޖިލިސް މެމްބަރުންގެ އަދަދު 13 އަށް އަރާނެ އެވެ. މި ރަސްމިއްޔާތުގައި ކިނބިދޫ ކައުންސިލްގެ ރައީސް އަބްދުއްނާސިރު އަލީ އާއި ކިނބިދޫ ކައުންސިލްގެ ނައިބު ރައީސް ހަސަން ރަޝީދާއި އެ ކައުންސިލްގެ މެމްބަރު ފާރޫގު އަލީ އާއި ގދ. މަޑަވެލީ ކައުންސިލްގެ މެމްބަރު ނިޔާޒް ހަސަނާއި ޑިފެންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަހުމަދު މަނިކު ވެސް ވަނީ ޖޭޕީ އަށް ސޮއިކުރައްވައިފަ އެވެ. މީގެ އިތުރުން މެމްބަރު މުއާޒާ އެކު ހަރަކާތްތެރިވާ ޓީމުން ވެސް ޖޭޕީ އަށް ސޮއިކޮށްފައިިވާ ކަމަށް އެ ޕާޓީން ބުންޏެވެ. މި ރަސްމިއްޔާތުގައި ޖޭޕީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ ގާސިމް އިބްރާހީމް ވިދާޅުވީ އެ ޕާޓީ އަށް އަދިވެސް އިތުރު މެމްބަރުން ސޮއިކުރައްވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ ޝަރުއީ ނިޒާމާ މެދު "ތަފާތު ނަޒަރިއްޔާތަކުން" ބަލަމުން އަންނާތީ ހިތާމަ ކުރައްވާ ކަމަށެވެ. އަދި އެއިން އެނގެނީ އިންވެސްޓަރުން އައުމާއި އެތެރޭގެ މައްސަލަތަކާ މެދު ވިސްނަންޖެހުން ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި ޓީޗަރުން މޯޓިވޭޓް ކުރެވޭނެ އުސޫލުތަކެއް ގާއިމް ކޮށްދިނުމަށް ގާސިމް ވަނީ ސަރުކާރަށް ގޮވާލައްވައިފަ އެވެ. ގާސިމް ވިދާޅުވީ ސަރުކާރުގެ ކޯލިޝަނުން ޖޭޕީ ވަކިކޮށްފައިވާ ކަމަށް ސަރުކާރުން އިއުލާން ކުރިޔަސް، އޭގެ ނިކަމެތިކަން ރައްޔިތުންނަށް ލިބިގެން ނުވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ