ސަބްސިޑީ ނުލިބޭ ނަމަ ނިލަންދު އަށް ކަރަންޓު ދެވޭނީ އިތުރު ދެ މަހު: ކައުންސިލް

އިންޖީނުގެ ހިންގުމަށް ސަރުކާރުން ސަބްސިޑީ ނުދޭނަމަ ރަށަށް ކަރަންޓު ދެވޭނީ އިތުރު ދެ މަހު ކަމަށް ގއ. ނިލަންދޫ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ. ނިލަންދޫ ކައުންސިލުން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެ ރަށު ރައްޔިތުންގެ އިންޖީނުގެ ސަރުކާރުން ކުރިން އައްޔަންކުރި ކައުންސިލަރު ޔުޓިލިޓީސް ކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް މާޗް ،29 2009ގައި ޔުޓިލިޓީސްގެ ބެލުމުގެ ދަށުން ރަށު ކައުންސިލްގެ ބެލުމުގެ ދަށަށް އިންޖީނުގެ ގެނެސްފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ. އެ ބަޔާނުގައި ބުނެފައިވަނީ ކައުންސިލްގެ ބެލުމުގެ ދަށަށް ގެނައި ދުވަހުން ފެށިގެން، ސަރުކާރުގެ ދެ މުއައްސަސާ ކަމަށްވާ ރަށު ސްކޫލާއި ސިއްހީ މަރުކަޒުން 2011ގެ މާޗް މަހުގެ ބިލު ފިޔަވައި އެހެން ބިލެއް ނުދައްކާ ކަމަށެވެ. އަދި އެ ރަށު ސުނާމީ ހައުސިން ޕްރޮޖެކްޓު ހިންގާ ސައިޓުން ވެސް ކަރަންޓު ބިލަށް ފައިސާ ނުދައްކާ ކަމަށް ކައުންސިލުން ބުނެ އެވެ. އެ ތަންތަނުން ބިލަށް ފައިސާ ނުދައްކަނީ އެނާޖީ އޮތޯރިޓީން ހުއްދަނުކުރާ އަގަކަށް ފައިސާ ނަގާތީ އެ ގޮތަށް ފައިސާ ނުދޭންވެގެން ކަމަށް އެ ބަޔާނުގައިވެ އެވެ. ކައުންސިލުން ބުނެފައިވަނީ ރަށު ރައްޔިތުންގެ މަޝްވަރާއާ އެކު ކަރަންޓަށް ފައިސާ ނަގާނެ ރޭޓެއް ކަނޑައެޅުމަށް ފަހު ފާސްކުރުމަށް އެނާޖީ އޮތޯރިޓީ އަށް ފޮނުވުމުން، އެއަށް ވުރެ މާ ދަށް އަގެއް ކަނޑައަޅާފައިވާ ކަމަށެވެ. އެހެންކަމުން މިހާރު އެ އޮތޯރިޓީން ކަނޑައެޅި ރޭޓަށް ބިލް ހަދާތީ މަހަކަށް 80،000ރ. ގެއްލުންވަމުންދާ ކަމަށް ކައުންސިލުގެ ބަޔާނުގައިވެ އެވެ. ކައުންސިލުން ބުނެފައިވަނީ އިންޖީނުގެ އަށް ސަބްސިޑީ ދިނުމަށް ތަކުރާރުކޮށް މަދަނައިގައި އެދިފައިވާނެ ކަމަށެވެ. ނަމަވެސް މަދަނައިގެ ފަރާތުން ނުދޭނެ ކަމަށް އެ ބުނާ ފައިސާއަކީ ރައްޔިތުން ހިންގާ އިންޖީނުގެތަކަށް ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ފައިސާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. އަދި ސަބްސިޑީ ނުލިބި އެ ގޮތަށް ގެއްލުމުގައި އިންޖީނުގެ ހިންގޭނީ އިތުރު ދެ މަހު ކަމަށް ވެސް ކައުންސިލުން ބުނެ އެވެ. "...ދަންނަވަން މި އުޅޭ ވާހަކައަކީ މިއަދުގެ ސަރުކާރުގެ ބޭނުމަކީ ގއ. ނިލަންދޫ ރައްޔިތުން ކަރަންޓުގެ ހިދުމަތުން މަހުރޫމްކޮށް ކަނު އަނދިރިކުރުން،" ނިންމާލަމުން އެ ބަޔާނުގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ