ނަޝީދު ހުންނެވީ ހިމާޔަތް ލިބިގެންނޫން، މެހްމާންދާރިގައި - މައުމޫން

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނަޝީދު އިންޑިއަން ހައި ކޮމިޝަންގައި ހުންނެވީ އެތަނުގެ ހިމާޔަތް ލިބިގެން ނޫން ކަމަށާއި އެމަނިކުފާނު އެތަނުގައި ހުންނެވީ އިންޑިއަން ހައި ކޮމިޝަންގެ މެހްމާންދާރީގައި ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްއަށް ކައުންސިލަރުންތަކެއް ސޮއިކުރުމަށް މިއަދު އެޕާޓީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތަކަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ރައީސް މައުމޫން ވިދާޅުވީ ނަޝީދު އެތަނުގައި ހުންނެވީ އިންޑިޔާގެ ސަފީރަށް ނަޝީދު އެތަނުން ފޮނުވާލަން ކެރިވަޑައިނުގަންނަވާތީ އެމީހުންގެ މެހްމާންދާރީގައި ކަމަށެވެ.
ނަޝީދު އިންޑިޔާގެ ހައިކޮމިޝަނަށް ވަދެ ވަޑައިގަތުމާއި ގުޅިގެން އިންޑިޔާއާއި ރާއްޖެއާއި ދެމެދު އޮތް ބަދަހިގުޅުމަށް ނުރަނގަޅު އަސަރުތަކެއް ކުރަމުންދާ ކަމަށާއި އިންޑިޔާއާއި ރާއްޖޭގެ ގުޅުން ކިލަނބު ކުރުމަށް މަސައްކަތް ކުރުމަކީ އެއްވެސް ދިވެހި ރައްޔިތަކު ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
އަދި އެއީ އިންޑިއާއިން ބޭނުންވާ ގޮތަކަށް ހިނގަމުންދާ ކަމެއް ނޫން ކަމަށް އިންޑިއާގެ އެސްޓާނަލް އެފެއާޒް މިނިސްޓަރު ސަލްމާން ހުރުޝިދު ވެސް ވިދާޅުވެފައިވާ ކަމަށާއި އިންޑިއާއިން މިމައްސަލަ ދާދި އަވަހަށް ހައްލުކޮށްދޭނެ ކަމަށް އެގައުމުން ބުނެފައިވާ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ އަމަލުފުޅުތައް ހުރިގޮތުން ލަދުވެތިވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ ރައީސް މައުމޫން އިތުރަށް ވިދާޅުވީ ގައުމުގެ އެތެރޭގައި ދިމާވާ މައްސަލަތައް އަމިއްލަ އަށް ހައްލު ކުރެވެން ޖެހޭނެ ކަމަށާއި ރާއްޖޭގެ ޝަރުއީ ނިޒާމަކީ އެންމެންގެ މައްޗަށް ހިނގާނެ ނިޒާމެއް ކަމަށެވެ.
"އަޅުގަނޑު ކުރީގެ ރައީސެއްގެ ހައިސިއްޔަތުން ވެސް އަދި ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ވެސް އެއީ އަޅުގަނޑު ވަރަށް ބޮޑަށް ލަދު ގަންނަ ކަމެކޭ. އަދި ކީއްކުރަންތޯ ރައީސް ނޫނަސް އެއްވެސް ރައްޔިތަކު ބޭރު ގައުމެއްގެ ހިމާޔަތަށް ދާން ޖެހުމަކީ ވަރަށް ލަދުވެތި ވާން ޖެހޭ ކަމެއް. އަޅުގަނޑުމެންގެ ރާއްޖޭގެ މައްސަތަށް އަޅުގަނޑުމެންނަށް ހައްލު ކުރެވޭނެ." މައުމޫން ވިދާޅުވި އެވެ.
ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ރައީސް މައުމޫން ވިދާޅުވީ ޝަރީއަތްތަކަކީ އެމަނިކުފާނުވިޔަސް ނަޝީދު ވިޔަސް އަދި ކޮންމެ ރައްޔިތެއްގެ މައްޗަށްވެސް ހިނގާނެ އަދި ހިނގަން ޖެހޭނެ އެއްޗެއް ކަމަށާއި އެއްވެސް މީހަކަށް ޝަރީއަތަށްވުރެން މަތީގައި ނުހުންނެވޭނެ ކަމަށެވެ.
ޝަރީއަތުގެ މަޖިލީހުގައި އެމީހަކު ކުށެއް ނެތް މީހެއްކަން ސާބިތުކޮށްދިނުމަކީ އެމީހެއްގެ ކަމެއް ކަމަށާއި އޭރުން ވެސް ޝަރީއަތަށް ހާޒިނުވެ ނުހުރެވޭނެ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ކުރީގެ ރައީސް ނަޝީދު މީގެކުރިން އެތައް ޝަރީއަތްތަކަށް ވަޑައިގެންނެވިތަން ފެނިވަޑައިގެންނެވި ކަމަށާއި އެހެންނަމަވެސް މިހާރު ކުއްލިޔަކަށް އެކަން ބަދަލުވެގެން ހައި ކޮމިޝަން ތެރޭގައި ދިރިއުޅުއްވުމަކީ ހިތާމަހުރި އަދި ކަންބޮޑުވާވެސް ކަމެއް ކަމަށެވެ.
"ޝަރުއީ ނިޒާމަކީ އެންމެންގެ މައްޗަށް ހިނގާ ނިޒާމެއް، އެއްވެސް މީހަކަށް ހައްގެއް ނޯންނާނެ ޝަރުއީ ނިޒާމުން ބޭރުގައި ކަމެއް ކުރާކަށެއް، ޝަރީއަތަށް މީހަކު ދާންޖެހިއްޖެއްޔާ ދާންޖެހޭނެ، އެމީހާ ކުށެއް ނެތްކަން ސާބިތުކޮށްދިނުމަކީ އެމީހާގެ ކަމެއް ދެއްތޯ، އެކަން ހިނގަން ޖެހޭނެ، އަޅުގަނޑުވެސް އެހެންމީހަކުވިޔަސް ޝަރީއަތަށް ދާންޖެހިއްޖެއްޔާ ދާންޖެހޭނެ،" ރައީސް މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ