ރައްޔިތުން ކުރިމަތީގައި ދޮގު ހެދުމަށާއި ރައްޔިތުންނަށް ކަން ކަން އޮޅުވާލާފައި ނުވާނެ ކަމަށް މުލަކު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަން އިއުލާންކުރައްވާފައިވާ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.
ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނާޢި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރުކަން ވެސް ކުރައްވާ ޔާމީން ވިދާޅުވީ އޭނާއަކީ ސިޔާސީ މީހެއް ކަމަށްވިޔަސް ރާއްޖޭގައި އާންމުކޮށް މި އޮންނަ ސިޔާސީ ކަންތައްތައް އޭނާ ދެނެވަޑައިނުގަންނަވާ ކަމަށެވެ.
"އަޅުގަނޑަކީ ސިޔާސީ މީހެއް، އެކަމަކު އަޅުގަނޑު މިދަންނަވަނީ އަޅުގަނޑެއް ނުދަންނަމޭ ރާއްޖޭގައި މި އޮންނަ ސިޔާސީ ކަންކަމެއް، އަޅުގަނޑެއް ނުދަންނަން ރައްޔިތުން ކުރިމަތީގައި ދޮގު ހަދާކަށް، އަޅުގަނޑެއް ނުދަންނަން ރައްޔިތުން ކުރިމަތީ ދޮގު ހަދާކަށް، ރައްޔިތުންނަށް ކަން ކަމެއް އޮޅުވައެއް ނުލަން." ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ރައީސް ނަޝީދުގެ ޒައާމަތުގައި އާއިލާއިން ހިތްދަތި ދުވަސްތަކެއް ހޭދަކޮށްފައިވާ ކަމަށެވެ. ނަމަވެސް އެކަންކަމުގެ ތަފްސީލު މައުލޫމާތު ޔާމީން ރޭ އާންމު ރައްޔިތުންނާއި ހިއްސާކުރައްވާފައެއް ނުވެ އެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި ޔާމީން ދިރިއުޅުއްވާ ގެކޮޅަށް އެމްޑީޕީ ސަޕޯޓަރުންތަކެއް އެއްވި މައްސަލައިގައި އެކަމަށް އަލިއަޅުއްވާލަމުން ޔާމީން ވިދާޅުވީ މަސްތުވާތާ ތަކެއްޗާއި އެކި އެކި ގޭންގުތައް ގޮވައިގެން އުޅޭ މީހަކަށް އޭނާ ވާނަމަ ގެކޮޅު ހިމާޔަތްކޮށް ދޭނީ ގޭންގުތައް ކަމަށެވެ. އަދި އެގޭންގްތައް އެދުވަހު ކޮބައިތޯ އޭނާ ސުވާލުކުރެއްވި އެވެ.
"އޭރު ތިބި ތޯ ގޭންގުތައް، ކޮބައިތޯ އެގޭންގުތައް، ކޮބައިތޯ އަޅުގަނޑު މަސްތުވާތަކެތި ވިއްކާން ތިބި މީހުންތައް، ކީއްވެގެންތޯ މިލިއަނުން ލާރި ދީގެން ވެސް އެމީހުން އަޅުގަނޑާއި ދެކޮޅަށް އެންމެ ބަހެއް ވެސް ނުބުނީ." ޔާމީން ސުވާލުކުރެއްވި އެވެ.
ޕީޕީއެމްގެ ޕްރައިމަރީ އާއި ބެހޭގޮތުން ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ އޭނާއަށް ވުރެން އިހްލާސްތެރި ކަމާއިއެކީ އޭނާއަށް ވުރެން ގާބިލުކަމާއި އެކީގައި ޕާޓީއިން މީހަކު ނިކުމެއްޖެ ކަމަށްވަންޏާ އޭނާ ފަހަތަށް ޖެހިވަޑައިގަންނަވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރައްވާ އަނެއް ކެންޑިޑޭޓު ކަމަށްވާ އުމަރު ނަސީރަށް ބުރަށް ބަހެއް ވިދާޅުވާން ބޭނުންނުވާ ކަމަށާއި ނަމަވެސް ސިޔާސީ ލީޑަރުންނަކީ ރައްޔިތުންނަށް ކަންކަން އޮޅުވާލައިގެން ވާނެ ބައެއް ނޫން ކަމަށެވެ.
"މިހެން އެކަނި ނިކުމެ އުޅޭއިރު އަޅުގަނޑު ދަންނަވާލަން އުޅޭ ވާހަކައަކީ އަޅުގަނޑުމެން ސިޔާސީ ލީޑަރުން ދައްކާ ވާހަކަ ވާންވާނީ ރައްޔިތުންނަށް ހެޔޮ ހިތުން ބުނެދޭ ވާހަކައަކަށް، އުސޫލުތަކަށް، ސިޔާސަތުތަކަށް، ގައުމު ބައްޓަން ކުރާނެ ހިޔާލެއް އޮތްކަމަށްވަންޏާ އެ ހިޔާލާއި ބެހޭ ވާހަކަ ދައްކާ." ޔާމީން ވިދާޅުވި އެވެ.
ޔާމީން އެހެން ސިޔާސީ ލީޑަރުންނަށް ގޮންޖެއްސެވުމަށްފަހު ވިދާޅުވީ ޕޯޑިއަމެއްގައި ދިވެހި ރާއްޖޭގެ ކުރިމަގު އުޖާލާ ކުރާނެ ސިޔާސަތުގެ ވާހަކަދައްކަން އަންނަން ކެރޭނެ ސިޔާސީ ލީޑަރެއް ނުވެސް ހުންނާނެ ކަމަށާއި ނުވެސް އަންނާނެ ކަމަށެވެ.
ޔާމީން ވިދާޅުވީ ދިވެހި ރާއްޖޭގައި މިހާރު ހުރި ސިޔާސީ ޕާޓީތަކުގެ ތެރެއިން އިދިކޮޅު އެންމެ ވަރުގަދަ ޕާޓީއަކީ އެމްޑީޕީ ކަމަށާއި އެޕާޓީއަށް ގޮން ޖަހާލެވޭ ވަރުގެ ޕާޓީއެއް ޕީޕީއެމް ފިޔަވައި ނެތް ކަމަށާއި ޕީޕީއެމް އާއި ވަކިން އެހެން ޕާޓީތަކުން ނިކުތް ކަމުގައިވިޔަސް ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެއްވޭނެ ކަމަށެވެ.
ޕީޕީއެމްގައި ގާތް ގަނޑަކަށް 30،000 މެންބަރުން ތިބިކަން ފާހަގަކުރައްވާ ޔާމީން ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވޯޓުލާ މީހުންގެ އަދަދަކީ 230،000 ކަމަށާއި މީގެތެރެއިން ވޯޓު ލާނެ ކަމަށް ބެލެވެނީ 215،000 މީހުން ކަމަށެވެ. އަދި ރައީސް ކަމުގައ ހުވަޔާއި ހަމައަށް އާދެވޭނީ އެމީހަކު 107،000 ވޯޓު ހޯދައިގެން ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
އެހެންކަމުން ޕީޕީއެމްގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓަށް 30،000 މީހުންގެ އިތުރަށް 77،000 ވޯޓު ހޯދަން ޖެހޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ.
"އެހެންވީމަ އަޅުގަނޑުމެންގެ ޕާޓީއިން އެމްޑީޕީއަށް ވެރިކަން ދޭން ބޭނުންނުވާ ކަމަށްވަންޏާމު އަޅުގަނޑުމެންގެ ޕާޓީއިން ނިކުންނަ މީޙަކީ އަޅުގަނޑުމެންގެ ޕާޓީގެ ސަތޭކައިން ސަތޭކަ ވޯޓުގެ އިތުރަށް ދިވެހި ރައްޔިތުންގެ ތެރެއިން އިތުރު 77،000 ވޯޓު ހޯދުމުގެ ގާބިލުކަން ހުރި މީހަކަށް ވާންޖެހޭނެ." ޔާމީން ވިދާޅުވި އެވެ.
އަޅުގަނޑު ނުދަންނަން ރައްޔިތުން ކުރިމަތީ ދޮގު ހަދާކަށް - ޔާމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ