ހަތަރު އަހަރު ކުރިން އިއްވި މަރުގެ ހުކުމެއް ބަލަން ހައި ކޯޓުން އަންގައިފި

މީގެ ހަތަރު އަހަރު ކުރިން ކްރިމިނަލް ކޯޓުން މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމެއް ބާތިލްކޮށް އެ މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް އަމުރުކޮށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ގއ. ވިލިނގިލީ ކަނޑުއޮޅި މުހައްމަދު ޝިހާބު މެރުމުގެ ކުށް ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި ގއ. މާމެންދޫ ތަރިވިދާގޭ މުހައްމަދު ގާސިމް މަރަން ހުކުމްކޮށްފައިވާއިރު ޝިހާބު މަރުވެފައި ވަނީ 2006 ވަނަ އަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހު އޭނާ މާމެންދޫއަށް ގޮސް އެ ރަށު އަތިރިފިނިވާގޭގައި ހުއްޓާ ބަޔަކު ގޮސް ލަކުޑި ފަތި ބުރިންނާއި އެމީހުންގެ އަތުންނާއި ފައިން ތަޅައި ހިންގި މާރާމާރީގައި ލިބުނު އަނިޔާތަކަށް އިއިޖީއެމްއެޗްގައި ފަރުވާ ހޯދަމުން ދަނިކޮށެވެ.
ޝިހާބަށް ހަމަލާދީ މަރާލި މައްސަލައިގައި ގާސިމްގެ އިތުރުން އެހެން ތިން މީހަކު މެރުމަށް ވެސް ހުކުމްކޮށްފައިވެ އެވެ. އެއީ މާމެންދޫ މާސް، އަލީ މަސްދޫއު ސައީދާއި އެރަށު ޖަވާހިރުވާދީ، ފަރިޔާޒް އަހުމަދާއި އެރަށު ޕިންކްލައިޓް، މުހައްމަދު ޝިފްރާޒްގެ މައްޗަށެވެ.
ހައިކޯޓްގެ މިއަދުގެ ހުކުމުގައި ބުނަނީ އެ މީހުންގެ މައްޗަށް ދައުވާ ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަސް ނަގާފައި ވަނީ އިސްލާމީ ޝަރީއަތާއި ގާނޫނު އަސާސީގެ 51 ވަނަ މާއްދާގައި ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށް ކަމަށެވެ.
ހެކީން ޝަރީއަތަށް ހާޒިރުކޮށް އެފަރާތްތަކާ ސުވާލުކުރުމަށާއި ދިފާއު ބިނާކުރުމަށް އެކަށީގެންވާ ފުރުސަތު މުހައްމަދު ގާސިމަށް ދެވިފައިވާ ކަމަށް ބެލެވެން ނެތްކަމަށާއި އެހެންކަމުން ގާސިމުގެ މައްޗަށް ކުރި ހުމުގެ މައްސަލަ އަލުން ބަލަން އަންގާ ކަމަށް ވެސް ހައި ކޯޓުން ކުރި ހުކުމުގައި ބުނެފައިވެ އެވެ.
"މުހައްމަދު ގާސިމަކީ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އުފުލިފައިވާ މީހެއްކަމުގައިވާތީ، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން މުހައްމަދު ގާސިމްގެ ބަންދާ މެދު ގޮތެއް ނިންމުމަށްޓަކައި، ލަސްނުކޮށް ކަމާބެހޭ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހަޅާ މުހައްމަދު ގާސިމްގެ ބަންދާމެދު ގޮތެއް ނިންމުމަށް އަމުރުކޮށް އެގޮތުގެމަތިން ހުކުމް ކޮށްފީމެވެ،" ހައިކޯޓުގެ ހުކުމްގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ