ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ޕްރައިމަރީގައިވެސް އަދި ސިޔާސީ އެހެން ކަންކަމުގައިވެސް ދަރިން ނިންމާ ނިންމުންތަކަކީ އެމީހުން އަމިއްލައަށް ނިންމާ ނިންމުންތަކެއް ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ކެމްޕެއިންގައި ރަސްމީކޮށް ރައީސް މައުމޫންގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވަން ފެއްޓެވުމާއި ގުޅިގެންނެވެ.
އެގޮތުން ރޭ ގަލޮޅު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ޣިޔާސުއްދީން ސްކޫލުގައި ކުރިއަށް ގެންދިޔަ ހަފުލާގައި ރައީސް މައުމޫންގެ ދަރިކަލުން ފާރިޝް މައުމޫނާއި ޣައްސާން މައުމޫނުގެ އިތުރުން ދަރިކަނބަލުން ދުންޔާ މައުމޫނާއި ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މައުމޫން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެމަނިކުފާނުގެ ދަރިންނަކީ ތަސައްރުފު ފުދިފައިވާ އަދި ސިޔާސީ ކަންކަމުގައި އަމިއްލަ ގޮތް ނިންމުމުގެ ހައްޤު އޮތް ބައެއް ކަމަށާއި ނަމަވެސް ދަރިފުޅު ޔުމްނާ މައުމޫން މިވަގުތު ހުރީ ޕާޓީގެ ސެކެޓްރީ ޖެނަރަލްގެ މަގާމުގައި ކަމަށްވާތީ ޔުމްނާ ވެސް ހުރީ ޕާޓީގެ މަސްލަހަތަށްޓަކައި ޕާޓީގެ ޕްރައިމަރީގައި ވަކި ފަރާތަކަށް ތާއީދު ކުރާކަން ހާމަނުކުރާ ގޮތަށް ނިންމައިގެން ކަމަށެވެ.
"އަޅުގަނޑު މިހެން ހުރި ކަމުގައިވީ ނަމަވެސް އަޅުގަނޑުގެ ދަރިންނަކީ ތަސައްރުފު ފުދިފައިވާ އަދި ސިޔާސީ ކަންކަމުގައި އަމިއްލަ ގޮތް ނިންމުމުގެ ހައްޤު އޮތް ބައެކެވެ. ވީމާ މިޕްރައިމަރީގައިވެސް އަދި ސިޔާސީ އެހެން ކަންކަމުގައިވެސް އަޅުގަނޑުގެ ދަރިން ނިންމާ ނިންމުންތަކަކީ އެމީހުން ނިންމާ ނިންމުންތަކެކެވެ." ރައީސް މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ މިމަހުގެ 30 ވަނަ ދުވަހު ބާއްވާ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ދެކެންޑިޑޭޓުންގެ ތެރެއިން ބޭފުޅަކަށް ތާއީދުކޮށް ވޯޓް ދިނުމަކީ ޕީޕީއެމްގެ އާންމު މެންބަރެއްގެ ހައިސިއްޔަތުން އެމަނިކުފާނަށް ވެސް ލިބިގެންވާ ހައްގެއް ކަމަށެވެ.
އެހެންނަމަވެސް ކުރިއަށް އޮތް ޕީޕީއެމްގެ ރިޔާސީ އިންތިހާބުގައި ވަކި ބޭފުޅަކަށް ތާއީދުކުރާކަން ހާމަކުރެއްވުމަކީ ޕާޓީގެ މަސްލަހަތަށް ބަލާއިރު އެންމެ ރަނގަޅު އަދި އެންމެ އިންސާފުވެރިގޮތަކީ ޕާޓީގެ ރައީސަކަށް ހުރި މީހެއްގެ ގޮތުން ވަކި ކެންޑިޑޭޓަކަށް ތާއީދުކުރާކަން ހާމަނުކުރުން ކަމަށް ގަބޫލުކުރެވޭތީ އަމިއްލައަށް އެގޮތަށް ނިންމެވީ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ދެ ބޭފުޅުންނަކީވެސް ޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވެވަޑައިގަންނަވާ އަދި ޕާޓީއަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އިހްލާސްތެރި ދެ ބޭފުޅުން ކަމަށެވެ. އެހެންކަމުން އެންމެ ރަނގަޅު އަދި އެންމެ އިންސާފުވެރި ގޮތަކީ އަޅުގަނޑު ވަކި ބޭފުޅަކަށް ތާއީދު ކުރާކަން ހާމަ ނުކުރުން ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވަނީ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީ ކޮންމެ ބޭފުޅަކު ކާމިޔާބު ކުރެއްވި ނަމަވެސް އެބޭފުޅަކާއިއެކު ޕީޕީއެމްއަށް މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްދިނުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެ ކަމަށް ބަޔާން ނިންމަވާލައްވަމުން ވިދާޅުވެފައެވެ.
ދަރިން ނިންމާ ނިންމުންތަކަކީ އަމިއްލައަށް ނިންމާ ނިންމުންތަކެއް - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ