އިސްރާއީލު ސިފައިން ފަލަސްތީނުގެ ޒުވާން ކުއްޖަކު ޝަހީދު ކޮށްލައިފި

އިސްރާއީލުގެ އުދުވާނީ ސިފައިން ބަޑިޖަހައި ފަލަސްތީނުގެ ޒުވާން ކުއްޖަކު ޝަހީދު ކޮށްލައިފިއެވެ.
އުމުރުން 17 އަހަރުގެ މުސްއަބް ފިރާސް އައްތަމީމީ ޝަހީދު ކޮށްލާފައިވަނީ ހިފާފައިވާ ހުޅަނގު އައްސޭރީގެ ރާމަﷲގެ އުތުރުގެ ދީރް ނިޒާމްގައި މިއަދު ހިނގި ކުރިމަތިލުންތަކުގެ ތެރޭގައި ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.
މިއީ، ގުދުސްއަކީ އިސްރާއީލުގެ ވެރިރަށް ކަމަށް އެމެރިކާގެ ރަސްމީގޮތުން ބަލައިގަނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހު އެކަން އިޢްލާން ކުރެއްވިފަހުން، އެކަމާ ދެކޮޅަށް ފަލަސްތީނުގެ ރަށްތަކުގައި ފަށާފައިވާ މުޒާހަރާތަކުގައި އިސްރާއީލުގެ އުދުވާނީ ބާރުތަކުން ބަޑިޖަހައި މިހާތަނަށް ޝަހީދުކޮށްލި ފަލަސްތީނުގެ 14 ވަނަ މީހާއެވެ.
އިސްރާއީލުގެ އަސްކަރިއްޔާގެ ތަރުޖަމާނު ބުނެފައިވަނީ، ދީރް ނިޒާމްގައި އިސްރާއީލު ސިފައިންނާ ކުރިމަތިލުމުގައި ފަލަސްތީނުގެ އެތައްބަޔަކު މިއަދު އުޅުނު ކަމަށެވެ. އަދި އެތަނުން އެކެއްގެ އަތުން ބަޑިއެއް ފެނުމުން އެދިމާއަށް ސިފައިން ބަޑިޖެހީ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ