ހއ. އަތޮޅު ހޮސްޕިޓަލުގެ ދިވެހި ނަރުހުން ދިއްދޫ މިސްކިތްތަކަށް އަތްދޮންނަ ފުޅި ހަދިޔާ ކޮށްފި

ހއ. އަތޮޅު ހޮސްޕިޓަލުގައި މަސައްކަތް ކުރަށްވާ ދިވެހި ނަރުހުން، ހއ. ދިއްދޫ މިސްކިތްތަކަށް އަތްދޮންނަ ފުޅި ހަދިޔާ ކޮށްފިއެވެ.
ހއ. އަތޮޅު ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލްގައި މަސައްކަތް ކުރަށްވާ ދިވެހި ނަރުހުންގެ ފަރާތުން ދިއްދޫ މިސްކިތްތަކުގައި ބޭނުން ކުރުމަށް އަތްދޮންނަ ފުޅި ހަދިޔާކޮށްފައިވާ ކަމަށެވެ.
މި ތަކެތި ހަދިޔާ ކުރުން އޮތީ މިދިޔަ ބުރާސްފަތި ދުވަހު ދިއްދޫ ކައުންސިލްގައި ބޭއްވި ބައްދަލުވުމެއްގައިއެވެ. މިބައްދަލުވުމުގައި ހއ. އަތޮޅު ހޮސްޕިޓަލް ތަމްސީލުކުރާ ދިވެހި ނަރުހުން ވަނީ ބައިވެރިވެ، މިތަކެތި ދިއްދޫ ކައުންސިލާއި ހަވާލުކޮށްފައެވެ.
ދިއްދޫ ކައުންސިލުން ވަނީ ހއ. އަތޮޅު ހޮސްޕިޓަލުގައި މަސައްކަތް ކުރަށްވާ ދިވެހި ނަރުހުން، ހއ. ދިއްދޫ މިސްކިތްތަކަށް އަތްދޮންނަ ފުޅި ހަދިޔާ ކޮށްފައިވާކަން ފާހަގަކޮށް، އެ ނަރުހުންނަށް ޝުކުރު އަދާކޮށްފައެވެ.
ކޯވިޑް-19 އާއި ގުޅިގެން ހއ. ދިއްދޫގައި ހުންނަ އެ އަތޮޅު އަތޮޅު ހޮސްޕިޓަލްގެ ފަރާތުން ވަނީ ދިއްދޫގައި ފުލޫ ކްލިނިކެއް ހުޅުވައި ޚިދުމަތް ދީފައެވެ. އަދި ކޯވިޑް-19 ބަލިމަޑުކަމާއި ގުޅިގެން ނަފްސާނީ އުނދަގޫތައް ދިމާވާ މީހުންނަށް އެހީތެރިވުމަށް ދިއްދޫގައި ކައުންސިލުން ޤާއިމު ކުރި ސައިކޯ ސޯޝިއަލް ސަޕޯޓް ޑެސްކުގައިވެސް އެ ހޮސްޕިޓަލުންވަނީ މަސައްކަތް ކޮށް، ޚިދުމަތް ފޯރުކޮށްދީފައެވެ.
އެރަށުގައި ހުންނަ އެންމެ ބޮޑު ތިން މިސްކިތަކީ މަސްޖިދުއްނޫރު (އުތުރު މިސްކިތް)، މަސްޖިދުލް ޣަފްރާން (ހުކުރު މިސްކިތް) އަދި މަސްޖިދުއްރަހްމާ (ދެކުނު މިސްކިތް) އެވެ. ކޯވިޑްގެ ފުރަބަންދުގެ ހާލަތަށްފަހު އެޗްޕީއޭގެ ހުއްދައާއިއެކު އެރަށުގެ މިސްކިތްތައް ނަމާދު ކުރަން ހުޅުވާލީ ހުސްވި މެއި މަހުގެ 24 ވަނަ ދުވަހު ފަތިސް ނަމާދުން ފެށިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ