އަބްދުﷲ ޔާމީނަކީ ގާނޫނުއަސާސީއަށްއޮތް އެންމެބޮޑު އުދުވާނު: އިމްތިޔާޒް ފަހުމީ

އަބްދުﷲ ޔާމީން ވެފައިމިވަނީ ދިވެހިރައްޖޭގެ ގާނޫނުއަސާސީއަށް އޮތް އެންމެބޮޑު އުދުވާނަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ޕާޓީތަކުން މިއަދު މެންދުރު ކުނޫޒްގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން އިމްތިޔާޒް ފަހުމީ ވިދާޅުވީ، އަބްދުﷲ ޔާމީން ވެފައިމިވަނީ ދިވެހިރައްޖޭގެ ގާނޫނުއަސާސީއަށާއި، ދިވެހިރާއްޖޭގެ ބައިތުލްމާލަށާއި، ދިވެހިރާއްޖޭގެ ރައްޔިތުންގެ އަސާސީ ފަރުދީ ހައްގުތަކަށާއި، ދިވެހިރާއްޖެއާ ބައިނަލްއަގްވާމީ މުޖުތަމައުގެ ގުޅުމަށްވެސް އޮތް އެންމެބޮޑު އުދުވާނަށް ކަމަށެވެ. އެހެންކަމުން، ޔާމީން ހުއްޓުވަންޖެހޭ ކަމަށާއި، މިކަމަށް އެއްވެސް ރައްޔިތަކަށް ދެބަސްވެވޭކަށް ނެތްކަމަށް އިމްތިޔާޒް ވިދާޅުވިއެވެ.
އިމްތިޔާޒް ވިދާޅުވީ، ޔާމީން ގެންދަވަނީ ފާޅުކަންބޮޑު ގޮތެއްގައި ރައްޔިތުންގެ ހައްގުތަކަށާއި، ބައިތުލްމާލަށާއި، ގާނޫނުއަސާސީއަށް ބޮޑެތި އުދުވާނުތައް ދެމުން ކަމަށެވެ.
"މިދައުލަތް ސަލާމަތް ކުރުމަށްޓަކައި، އަޅުގަނޑުމެންގެ އަންނަންއޮތް ޖީލު ސަލާމަތް ކުރުމަށްޓަކައި، ގާނޫނުއަސާސީ ސަލާމަތް ކުރުމަށްޓަކައި އަބްދުﷲ ޔާމީން ހުއްޓުވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް. އެއީ އަޅުގަނޑުމެންގެ މައްޗަށް މިހާރު އޮތް ވާޖިބެއް ކަމަށް ގަބޫލުކުރާ ހިސާބަށް ހިނގައްޖެ. ވީމާ، މިރޭ ބާއްވާ ސުލްހަވެރި ބޮޑު އެއްވުމަށް މާލޭގައި ތިބި ހުރިހާ ރައްޔިތުން މަޖީދީ މަގު – ޗާންދަނީ މަގު ކަންމައްޗަށް މިރޭ 8:30 އަށް އައުމަކީ ވަރަށް މުހިންމުކަމެއް. ކޮންމެ މީހަކުވެސް އެމީހެއްގެ ޒިންމާ، މަސްއޫލިއްޔަތު އުފުލައިގެންމެނުވީ، މިގައުމާއި، ދައުލަތާއި ތިޖޫރީއާއި ހައްގުތައް ރައްކާތެރި ނުކުރެވޭނެކަމީ ހަގީގަތެއް" އިމްތިޔާޒް ވިދާޅުވިއެވެ.
އިމްތިޔާޒް ފަހުމީ ވިދާޅުވީ، މިރޭ ނުކުމެ ރައްޔިތުންގެ ބާރުވެރިކަން ދެއްކުމަކީ ކޮންމެހެންވެސް ބޭނުންތެރިކަމެއް ކަމަށެވެ.
"ގާނޫނުއަސާސީ ބުނާގޮތުން ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން. އަދި އެ ބާރުތައް ދެމިއޮންނަނީވެސް ރައްޔިތުންގެ ކިބައިން. ވީމާ، ދައުލަތް މިހިސާބަށް ގަންބާލުމުން ރައްޔިތުންގެ ބާރުވެރިކަން ދެއްކުމަކީ ކޮންމެހެންވެސް މުހިންމުކަމެއް. ހައްގުގެ ބޭނުން ހިފުމަކީ ކޮންމެ ރައްޔިތަކަށް މިއަދު ވާޖިބުވެގެންވާ ކަމެއް" އިމްތިޔާޒް ފަހުމީ ވިދާޅުވިއެވެ.
ގާނޫނުއަސާސީއަށް އަބްދުﷲ ޔާމީން ދިން އުދުވާނުގެ ތެރޭގައި، ތިންބާރު ވަކިކޮށްފައި އޮތް އޮތުމުގެ ނިޒާމު މުޅިން ކިލަނބުކޮށް ފުނޑާލާފައިވާ ކަމަށް އިންތި ވިދާޅުވިއެވެ.
ރާއްޖެއާ ބައިނަލްއަގްވާމީ މުޖުތަމައުގެ ގުޅުން ކަނޑަމުން ދިއުމާއި، މުޅި ދުނިޔޭގެ ކުރިމަތީގައި ރާއްޖޭގެ ނަން ކިލަނބުކޮށް މުޅި ދައުލަތް މިދަރަޖައަށް ގަންބާލުމުގެ ހައްގެއް އަބްދުﷲ ޔާމީނަކަށް ނޯންނާނެ ކަމަށާއި، ސިޔާސީ ހަރަކާތްތައް ހުއްޓުވުމުގެ ހައްގެއް، ސިޔާސީ ޕާޓީތަކުގެ ވެރިންނާއި، ރާއްޖޭގެ ހުރިހާ އިދިކޮޅު މީހުން ނުހައްގުން ގެންގޮސް ޖަލުގެ ބޭތިއްބުމާއި، ޖުޑިޝަރީގެ ބޭފުޅުން ކިޑްނެޕްކޮށްގެން ގެންގޮސް ޖަލުގެ ބޭތިއްބުމުގެ ހައްގެއް އަބްދުﷲ ޔާމީނަކަށް ނޯންނާނެ ކަމަށްވެސް އިމްތިޔާޒް ފަހުމީ ވިދާޅުވިއެވެ.
މިވަރުގެ ބޮޑު އުދުވާނެއް ދައުލަތަށް ދެމުންގެންދާ މީހަކު ހުއްޓުވުމަކީ އެންމެންގެ ވާޖިބެއް ކަމަށާއި، މިގާނޫނީ ވާޖިބު އަދާކުރުމަށް ހުރިހާ ރައްޔިތުން ނުކުންނަންޖެހޭ ކަމަށް އިމްތިޔާޒް ފަހުމީ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ