މައުމޫން ކުށެއް ނުކުރައްވާ، އެމަނިކުފާނު ހައްޔަރުކޮށްފާނެކަމުގެ ބިރު އަބަދުވެސް އޮތް: ދުންޔާ

ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް ގާނޫނު އަސާސީއާއި ގާނޫނުތަކާއި ޚިލާފަށް އެެއްވެސްކަމެއް ކުރައްވާފައިނުވާނެކަމަށް އެމަނިކުފާނުގެ ދަރިކަނބަލުން އަދި މިސަރުކާރުގެ ފުރަތަމަ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.
ދުންޔާ މައުމޫން މިހެން ވިދާޅުވީ ބޮޑުބޭބޭފުޅު ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރާއި ފެއަށްޖެހިވަޑައިގަތުމަށްފަހު މީޑިއާއަށް ދެއްވި ފުރަތަމަ ބަސްދީގަތުން މިރޭ ވީޓީވީއަށް ދެއްވަމުންނެވެ.
"ދުންޔާއާއިއެކު" މިނަމުގައި ވީޓީވީން މިރޭ ގެނެސްދިން ޕްރަގްރާމްގައި ވާހަކަފުޅު ދައްކަވަމުން ދުންޔާ މައުމޫން ވިދާޅުވީ ރައީސް މައުމޫން ހައްޔަރުކޮށް ޖަލުގައި ބަންދުކުރުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު ހިތާމައެއްކަމަށާ އެކަމާއިމެދު ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާކަމަށެވެ.
ރައީސް މައުމޫންގެ މައްޗަށް މިސަރުކާރުން ކިތަންމެ ގިނަ ތުހުމަތުތަކެއް ކުރެއްވިނަމަވެސް ގާނޫނު އަސާސީއާއި ގާނޫނުތަކާއި ޚިލާފަށް ރައީސް މައުމޫން އެެއްވެސްކަމެއް ކުރައްވާފައިނުވާނެކަމަށް ދުންޔާ މައުމޫން ވިދާޅުވިއެވެ.
"އަޅުގަނޑު ގަބޫލުކުރަނީ އަޅުގަނޑުގެ ބައްޕަ ގާނޫނު އަސާސީއާއި ގާނޫނުތަކާއި ޚިލާފަށް އެެއްވެސްކަމެއް ކުރައްވާފައިނުވާނެކަމަށް. އެކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވަން." ދުންޔާ މައުމޫން ވިދާޅުވިއެވެ.
ދައުލަތުން ރައީސް މައުމޫންގެ މައްޗަށް މިހާރު ވަނީ ޓެރަރިޒަމްގެ ދައުވާވެސް އުފުލާފައެވެ. މިވަގުތުވެސް އެމަނިކުފާނު ޖަލުގައި ހުންނެވިއިރު، ކޯޓުން ވަނީ ދައުލަތުން އެދިގެން ޝަރީއަތް ނިމެންދެން ރައީސް މައުމޫން ޖަލުގައި ބަންދުކުރުމަށް އަމުރުކޮށްފައެވެ. މިހާރުވެސް ރައީސް މައުމޫން ޖަލުގައި ހުންނަވާތާ 45 ދުވަސްވަނީވެފައެވެ.
ދުންޔާ މައުމޫން ވިދާޅުވީ ރައީސް މައުމޫންގެ އިތުރަށް އެތަށް ސިޔާސީ ލީޑަރުންނެއް ހައްޔަރުކޮށް ޖަލުގައި ބަންދުކޮށްފައިވާއިރު، އެއީ ކަންބޮޑުވާކަމެއްކަމަށެވެ. އަދި ރާއްޖޭގެ ޝަރުއީ ނިޒާމާއިމެދު ބައިނަލްއަގުވާމީ ދުނިޔެއާއި، ރާއްޖޭގެ ރައްޔިތުންގެވެސް ބޮޑެތި ކަންބޮޑުވުންތަކެއް ހުރިއިރު ކޮންމެ ބޭފުޅެއްގެ މައްޗަށްވެސް "ޑިއު ޕްރޮސެސް" ހިނގަންވާނެކަމަށް ގަބޫލުކުރައްވާކަމަށް ދުންޔާ ވިދާޅުވިއެވެ.
އެކަމަނާ ވިދާޅުވީ އެއްވެސް މީހެއްގެ މައްޗަށް ޝަރީއަތެއް ހިންގޭނަމަ އަދުލުވެރި ޝަރީއަތެއް ލިބުމަކީ ހައްގެއްކަމަށާ ރައްޔިތުންގެ ހިތްތަކުގައި އަދުލްއިންސާފު ގާއިމުކުރާކަމުގެ ޔަގީންކަން އޮންނަންޖެހޭކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ