އުއްތަމަ ފަނޑިޔާރު އަލްއުސްތާޒު އަބްދުﷲ ސައީދުގެ ޝަރީއަތް ހިންގުމަށް ނިންމާފައިވަނީ ލިޔެވިފައިވާ އެއްވެސް އުސޫލެއް ނެތި ގާޒީ ހިތުހުރި ގޮތަކަށް ކަމަށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވެއްޖެއެވެ.
ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުއްވި އަމުރަށްފަހު، ކުއްލި ނުރައްކާ އިއުލާންކޮށް، ސަލާމަތީ ޚިދުމަތްތަކުން ސުޕްރީމް ކޯޓުތެރެއަށް ވަދެ ހައްޔަރުކޮށްފައިވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ދައުލަތުން ކުރަނީ ދައުލަތުގެ އިދާރާތަކުގެ މެދުގައި ލިޔުންތައް ބަދަލުކުރަން ގާއިމުކޮށްފައިވާ ނެޓްވޯކް، ގަވަރުމެންޓް އީ ލެޓަރ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) ސުޕްރީމް ކޯޓުގައި ހުއްޓުމަކަށް ގެނައުމަށް އެމަނިކުފާނު އެންގެވި ކަމަށް ބުނެއެވެ. މިމައްސަލާގައި އުއްތަމަ ފަނޑިޔާރަށް ކުރަނީ ގާނޫނުލްއުގޫބާތުގެ 533 ވަނަ މާއްދާގެ ދަށުން، ދައުލަތުގެ މަސައްކަތަށް ހުރަސްއެޅިކަމުގެ ދައުވާއެވެ.
މިމައްސަލައިގެ ފުރަތަމަ އަޑުއެހުމަށްފަހު ކޯޓުން ނުކުމެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އުއްތަމަ ފަނޑިޔާރުގެ ވަކީލު ކުރީގެ ބަންޑާރަ ނާއިބު އަލްއުސްތާޒު ހުސްނުއްސުއޫދު ވިދާޅުވީ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން މިއަދު ދައުވާ ހުށަހަޅާފައިވާ ކަމަށެވެ.
ސުއޫދު ވިދާޅުވީ ދައުލަތުން ދައުވާ ހުށަހެޅުމުން އުއްތަމަ ފަނޑިޔާރުގެ ދިފާއީ ވަކީލުންގެ ފަރާތުން މިމައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވި ކަމަށެވެ. ސަބަބަކަށް ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނު މިވަގުތު އެއްކޮށް ސަސްޕެންޑް ކޮށްފައިވާއިރު، މައްސަލަ ހިންގާނެ ގޮތުގެ އެއްވެސް އިޖުރާއަތެއް ނެތުން ކަމަށެވެ. މައްސަލަ ކުރިއަށް ގެންދިއުމަށް ލިޔެފައިވާ އެއްވެސް އިޖުރާއަތެއް ނެތް ކަަމަށް ގާޒީވެސް އެއްބަސްވެވަޑައިގެންނެވި ކަމަށާއި ނަމަވެސް މައްސަލަ ކުރިއަށް ގެންދަވާނެ ކަމަށް ގާޒީ ވިދާޅުވި ކަމަށް ސުއޫދު ވިދާޅުވިއެވެ.
"އިއްޒަތްތެރި ފަނޑިޔާރު ވިދާޅުވީ މައްސަލަ ކުރިއަށް ގެންދާނެ ގޮތުގެ ލިޔެފައިވާ އިޖުރާއަތެއް ނެތް ކަމުގައި ވިޔަސް މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް. އަޅުގަނޑުމެން ދެންނެވިން ލިޔެވިފައިވާ އިޖުރާއަތެއް ނެތި ކުރިއަށް ގެންދާނަމަ ކުރިއަށް އެގެންދެވެނީ އާބިޓްރަރީކޮށް ކަމަށް. އެހެން ދެނެންވުމުން ގާޒީވެސް އެއްބަސްވެވަޑައިގެންނެވި އާބިޓްރަރީކޮށް ކަމަށް މިޝަރީއަތް ގެންދާނީ. އެއްވެސް ގަވާއިދެއް އިޖުރާއަތެއް ނެތި އެމަނިކުފާނު ކަނޑައަޅުއްވާ އުސޫލެއްގެ މަތިން އެމަނިކުފާނު ހިތުހުރި ގޮތަކަށް ކަމަށް މައްސަލަ ގެންދަވާނީ ވިދާޅުވި" ސުއޫދު ވިދާޅުވިއެވެ.
ސުއޫދު ވިދާޅުވީ ގާނޫނުއަސާސީގެ 142 ވަނަ މާއްދާ އޮތްގޮތުން އެއްވެސް ގާނޫނެއް ނެތި ޝަރީއަތް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. ފަނޑިޔާރުން ޝަރީއަތް ކުރަން ވާނީ ގާނޫނުއަސާސީއާއި ގާނޫނުތަކާ އެއްގޮތަށް ކަމަށް އެމާއްދާގައި ބުނާ ކަމަށާއި ހިރުހުރި ގޮތަކަށް ޝަރީއަތް ކުރަން ރާއްޖޭގެ ގާނޫނުއަސާސީން ފަނޑިޔާރުންނަށް ހުއްދަ ނުދޭ ކަމަށް ސުއޫދު ވިދާޅުވިއެވެ.
އުއްތަމަ ފަނޑިޔާރުންގެ ދިފާއީ ވަކީލުންގެ ފަރާތުން މިހެން ވިދާޅުވުމުން ވެސް ލިޔެވިފައިވާ ގާނޫނެއް ނެތި އާބިޓްރަރީކޮށް މައްސަލަ ކުރިއަށް ގެންދަން ގާޒީ ނިންމަވާފައިވާ ކަމަށް ވަކީލުން ވިދާޅުވިއެވެ. ސުއޫދު ވިދާޅުވީ ލިޔެވިފައިވާ އުސޫލެއް ނެތި ޝަރީއަތް ކުރުމަކީ ކޮޅުނެތްކޮޅަށް އަނިޔާވެރިވުން ކަމަށެވެ. މިއީ ރާއްޖޭގައި ދުވަހަކުވެސް ކަންކޮށްފައިވާ ގޮތް ނޫން ކަމަށާއި އިބްނުބަތޫތާގެ ޒަމާނުގައި ވެސް މިގޮތަށް ކަންނުކުރާ ކަމަށް ސުއޫދު ވިދާޅުވިއެވެ.
ކުއްލި ނުރައްކަލުގެ މުއްދަތު މިމަހުގެ 22 އަށް ހަމަވެ ގާނޫނުތައް ހިނގައިގަންނާނެތޯ އުއްތަމަ ފަނިޔާރުގެ ދިފާއީ ވަކީލުން ސުވާލުކުރެއްވުމުން އެގޮތަށް އެކަން ހިނގާނެ ކަމަށް ގާޒީ ވިދާޅުވިއެވެ. އެހެންކަމުން ކުއްލި ނުރައްކަލުގެ މުއްދަތުގެ ފަހުގެ ތާރީޚަކަށް މައްސަލަ ފަސްކޮށްދެއްވުމަށް ދިފާއީ ވަކީލުން ގާޒީ އަރިހު އެދިވަޑައިގަތުމުން ފަސް ދުވަސް ފަހުން މައްސަލަ ތާވަލްކޮށް، ޖަވާބުދާރީވުމަށް އަލުން ފުރުސަތު ދެއްވާނެ ކަމަށް ގާޒީ ވަނީ ވިދާޅުވެފައެވެ.
އުއްތަމަ ފަނޑިޔާރުގެ އަނެއް ވަކީލު އަލްއުސްތާޒާ ހިސާން ހުސައިން ވެސް ވަނީ މިމައްސަލަ އާބިޓްރަރީކޮށް ކުރިއަށް ގެންދިއުމަށް ކަނޑައަޅާފައިވާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެކަމަނާ ވިދާޅުވީ ފަނޑިޔާރުން އަމަލުކުރަންޖެހޭނީ ގާނޫނުއަސާސީއާއި ގާނޫނުތަކަށްކަން ގާނޫނުއަސާސީގައި ކަނޑައެޅިގެން ބަޔާންކޮށްފައި ވަނިކޮށް، އެނޫން ގޮތަކަށް ކުރިއަށްގެންދެވޭނެ ކަމަށް ކަނޑައެޅުއްވުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.
"މިހާތަނަށް ރާއްޖޭގައި ކުރެވުނު ޖިނާއީ މައްސަލަތަކުގެ ތަހުގީގާއި ޝަރީއަތްތަކަކީ ލިޔެވިފައި އޮތް އުސޫލުތަކެއް ނުވަތަ ގަވާއިދުތަކެއްގެ މައްޗަށް ކުރެވުނު ޝަރީއަތްތަކެއް. ގާނޫނުތައް ނެތްއިރުވެސް އިއުލާނުގެ ސިފައިގައި ނަމަވެސް ކޮންމެވެސް ސިފައެއްގައި ޖިނާއީ މައްސަލަތައް ކުރިއަށްގެންދާނެ އުސޫލުތައް އޮތީ ލިޔެވިފައި. އަޅުގަނޑުމެން ވަރަށް ހިތާމަކުރާ ދުވަހެއް މިއީ. ޖިނާއީ އަދުލުގެ ނިޒާމަށް ވެސް ވަރަށް ބޮޑެތި ނޭދެވޭ އަސަރުކުރާނެ ކަމެއް މިނިންމުމަކީ" ހިސާން ވިދާޅުވިއެވެ.
ހިސާން ވިދާޅުވީ ލިޔެވިފައިވާ ގާނޫނުތަކެއް ނުވަތަ ގަވާއިދުތަކެއްގެ މައްޗަށް އަމަލުނުކުރެވި އިންސާފު ކަށަވަރުވާނެ ކަމަށް ގަބޫލުނުކުރެއްވޭ ކަމަށެވެ. ކުއްލި ނުރައްކަލުގެ ދަށުން ގާނޫނުއަސާސީގެ 142 ވަނަ މާއްދާ ހިފެހެއްޓިފައި ނެތްކަމުގައި ވީނަމަވެސް އެމާއްދާގައި އޮތްގޮތަށް ކޮންމެހެން ޝަރީއަތް ގެންދިއުން ލާޒިމުނޫން ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ވެސް މިއަދު ވިދާޅުވެފައިވާ ކަމަށެވެ. އޭގެ މާނައަކީ ޖިނާއީ މައްސަލަތަކުގައި ލިޔެވިފައި އޮތް އުސޫލުތަކެއް ނެތި މީހެއްގެ މައްޗަށް ޝަރީއަތް ކުރުން އެއީ ގާނޫނުއަސާސީ ހުއްދަކުރާ ކަމެއް ކަމަށް ޕީޖީގެ ފަރާތުންވެސް ގަބޫލުކުރުން ކަމަށް ހިސާން ވިދާޅުވިއެވެ.
މިއީ ރާއްޖޭގައި އުއްތަމަ ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ދައުވާއެއް އުފުލައި ޝަރީއަތް ހިންގާ ފުރަތަމަ ފަހަރެވެ. މިއަދުގެ ޝަރީއަތުގައި، ނަމާއި އެޑްރެސް ގާޒީ އެއްސެވުމުން ޖަވާބު ދެއްވުން ފިޔަވައި އުއްތަމަ ފަނޑިޔާރު އެއްވެސް ވާހަކަފުޅެއް ނުދައްކަވައެވެ. މިމައްސަލަ ބައްލަވަނީ ކްރިމިނަލް ކޯޓަށް އެންމެ ފަހުން އައްޔަންކުރެވުނު ގާޒީ އަހުމަދު ހައިލަމެވެ.
އުއްތަމަ ފަނޑިޔާރު މިއަދު ފުލުހުންގެ ވެހިކަލެއްގައި ކްރިމިނަލް ކޯޓަށް ހާޒިރުކޮށް ކޯޓަށް ވެއްދީ ސިޔާސީ ބޭފުޅުންނާއި އާންމުން ކްރިމިނަލް ކޯޓަށް ވަނުމަށް ބޭނުންކުރާ ރަސްމީ ގޭޓަކުން ނޫނެވެ. އޭގެ ބަދަލުގައި އުއްތަމަ ފަނޑިޔާރު ކްރިމިނަލް ކޯޓަށް ވެއްދީ އެތަނުގައި ބޭނުންކުރާ ވެހިކަލްތައް ވެއްދުމަށް ޚާއްސަކޮށްފައިވާ ކްރިމިނަލް ކޯޓުގެ ނުރަސްމީ ގޭޓުންނެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ހެކި ނައްތާލުމުގެ ދައުވާ ކުރުމަށްވެސް ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. މިދައުވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ވެސް ވަނީ އުފުލާފައެވެ.
ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނިންމަވާ ފަސް ފަނޑިޔާރުން ސޮއިކުރެއްވުމަށްފަހު މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ނެރުއްވި ކޯޓު އަމުރު ތަންފީޒު ކުރުމަށް ސަރުކާރުން ދެކޮޅު ހެދުމަށްފަހު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު ހައްޔަރުކުރީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ. އުއްތަމަ ފަނޑިޔާރުގެ ޝަރީއަތް މިއަދު މިފެށީ ބަންދުކުރި ދުވަހުން ފެށިގެން މިއަދާ ހަަމައަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމެއް ނެތި ޖަލުގައި ބެހެއްޓުމަށްފަހުއެވެ.
އުއްތަމަ ފަނޑިޔާރުގެ ޝަރީއަތް ހިންގަނީ ގާޒީ ހިތުހުރި ގޮތަކަށް: ވަކީލުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ