ކަފާލާތުގެ ދަށުން ރައީސް މައުމޫން ވެސް މިނިވަންކުރުމަށް ހައިކޯޓުން އަމުރުކޮށްފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ވެސް ކަފާލާތުގެ ދަށުން މިނިވަންކުރުމަށް ހައިކޯޓުން އަމުރުކޮށްފި އެވެ.
ކަފާލާތުގެ ދަށުން ރައީސް މައުމޫން ދޫކޮށްލަން މިއަދު ހައިކޯޓުން އަމުރުކުރީ ކޯޓުން ކަނޑައެޅި ޝަރުތުތަކަކަށް ރައީސް މައުމޫން އެއްބަސްވެވަޑައިގެން ރައީސް މައުމޫންގެ ފަރާތްޕުޅުން 60،000 ރުފިޔާ ކޯޓަށް ދެއްކުމުންނެވެ.
ކަފާލާތުގެ ދަށުން ރައީސް މައުމޫން މިނިވަންކުރުމަށް ހައިކޯޓުން އަމުރުކުރީ ދައުލަތުން އެމަނިކުފާނުގެ މައްޗަށް ދައުވާކުރި އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވެ އެއް އަހަރާއި ހަތް މަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ރައީސް މައުމޫންގެ މައްޗަށް އިއްވާފައިވާ ހުކުމް ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާތީ އިސްތިއުނާފް މައްސަލާގައި ހައިކޯޓުން ގޮތެއް ކަނޑައަޅަންދެން ކަފާލާތުގެ ދަށުން ރައީސް މައުމޫން ދޫކޮށްލާފައި ބެހެއްޓުމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުން ހައިކޯޓުގައި އެދުމުންނެވެ.
ރައީސް މައުމޫންގެ މައްޗަށް މި ދައުވާ އުފުލީ މިއަަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ރައީސް މައުމޫން ހައްޔަރުކޮށް އެމަނިކުފާނުގެ ފޯން ފުލުހުންނަށް ދިނުމަށް ދެކޮޅު ހެއްދެވި ކަމަށް ބުނުމަށްފަހު އެވެ. ސުޕްރީމު ކޯޓުގެ މިއަމުރަށްފަހު މިއަހަރުގެ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުގެ ރޭ ރައީސް މައުމޫން ހައްޔަރުކުރީ ގާނޫނީ ސަރުކާރު ގާނޫނާ ހިލާފަށް ވައްޓާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގަ އެވެ.
ރައީސް މައުމޫން މިނިވަންކުރުމާއެކު އެމަނިކުފާނު ދިރިއުޅުއްވާ އެންދެރިމާގެއަށް ވަޑައިގަތުމުން ރައީސް މައުމޫންގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ