ވައުދާ ހިލާފުވެ ބާ ޖަނަރޭޓަރެއް ގެންދިއުމުން ޅޮހީ ރައްޔިތުން ރަތަށް!

ނ. އަތޮޅު ޅޮހީއަށް އާ ޖަނަރޭޓަރެއް ގެންދާނެ ކަމަށް ބުނެ ރައްޔިތުންނަށް ފޮނި ހުވަފެންތަށް ދެއްކުމަށްފަހު އެރަށަށް ބާ ޖަނަރޭޓަރެއް ގެންދިޔަ މައްސަލާގައި ރައްޔިތުން ނިކުމެ އިހްތިޖާޖުކޮށް ފެނަކައިގެ ރީޖަނަލް މެނޭޖަރު އެރަށުން ބޭރުކޮށްލައިފި އެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ޅޮހީ ކައުންސިލް ރައީސް އަބްދުﷲ ސާލިމް ވިދާޅުވީ 200 ކިލޯ ވޯޓުގެ އާ ޖަނަރޭޓަރެއް އެ ރަށަށް ގެންދާނެ ކަމަށް ބުނުމަށްފަހު 160 ކިލޯ ވޯޓުގެ ބާ ޖަނަރޭޓަރެއް އެރަށަށް ގެންދިޔުމުން އެކަމާ ރައްޔިތުން ނިކުމެ އިހްތިޖާޖު ކުރި ކަމަށެވެ. އަދި ރައްޔިތުން ރުޅިގަދަވެ ފެނަކައިގެ ރީޖަނަލް މެނޭޖަރު އެރަށުން ބޭރުކޮށްލީ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ސާލިމް ވިދާޅުވީ ރަށުގެ ކަރަންޓަށް ދިމާވެފައިވާ މައްސަލަ ހައްލު ނުވުމުގެ ސަބަބުން އެކަން ފެނަކަ މެއިން ބްރާންޗަށް އެންގުމުން އެރަށަށް 200 ކިލޯ ވޯޓުގެ އާ ޖަނަރޭޓަރެއް ގެންދާނެ ކަމަށް ބުނި ކަމަށެވެ. އަދި އެކަން ފެނަކައިގެ ރީޖަނަލް މެނޭޖަރުވެސް ރަށުގެ ކައުންސިލަށް އެންގި ކަމަށްވެސް ވިދާޅުވި އެވެ. ނަމަވެސް ރަށަށް ޖަނަރޭޓަރެއް ގެނައި އިރު ގެނެސްފައިވަނީ އެ އަތޮޅުގެ އެހެން ރަށެއްގައި ބޭނުން ކޮށްފައިހުރި 160 ކިލޯ ވޯޓުގެ ބާ ޖަނަރޭޓަރެއް ކަމަށްވެސް ވިދާޅުވި އެވެ.
ސާލިމް ވިދާޅުވީ ޅޮހީ އަށް އެ ޖަނަރޭޓަރު ގެނައިކަން ރައްޔިތުންނަށް އެނގުމުން ރައްޔިތުން ނިކުމެ ރަށުގައި އިހުތިޖާޖުކޮށް ޖަނަރޭޓަރު އިންސްޓޯލް ނުކުރުމަށް ނިންމާފައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ