ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމްގެ ގެއަށް ފުލުހުން ވަދެ އެގެ ބަލައި ފާސްކުރުންވީ ހައިރާން ކުރަނިވި ޚަބަރަކަށެވެ. އެއަށްވުރެ ބޮޑު ހައިރާންކަމެއް ލިބުނީ އެގެއިން ނުރައްކާތެރި ހަތިޔާރާއި ގޮވާތަކެތި ފެނިގެން ނާޒިމްގެ މައްޗަށް ދައުލަތުން ދައުވާ އުފުލުމުންނެވެ. އަދި ނާޒިމްގެ މައްޗަށް ކުރަނީ ދޮގު ތުހުމަތު ތަކެއް ކަމަށާއި ނާޒިމް ވަނީ ފްރޭމް ކޮށްފައި ކަމަށް ނާޒިމްގެ ވަކީލުން ވިދާޅުވުން ވެސް މިއީ ލިބުނު ހައިރާން ކަމެކެވެ.
ނާޒިމް އަކީ ޑިފެންސް މިނިސްޓަރުގެ މަގާމުގައި ހުންނެވިއިރު ސިޔާސީ ފިކުރަށް ބައްލަވައި ސިފައިންގެ ބައެއް ބޭފުޅުންގެ މަގާމަށް ބަދަލުގެނެސް ބައެއް ބޭފުޅުން ވަޒީފާއިން ވެސް ވަކިކުރެއްވެވި ބޭފުޅެކެވެ. ނަމަވެސް ނާޒިމް އަކީ ސިޔާސީ ވާހަކަ ދައްކަވާ ބޭފުޅެއް ނޫނެވެ. ނާޒިމް ސިޔާސީ ގޮތުން ކުރައްވަފާނެ ކަމަކަށް ބިރުން ސަރުކާރުން ނާޒިމް ފްރޭމް ކޮށްފާނެތޯ ނުވަަތަ ނޫންތޯ މިއީ ވާހަކަދެއްކުން އެންމެ ރަނގަޅު މައުޞޫ އެކެވެ. ނަމަވެސް އެވާހަކަ އިހަށް ބާއްވާފައި ފެނިގެން މިއުޅޭ ޕެންޑްރައިވް އެއްގެ ވާހަކަ ދެއްކުން މާއައުލާންކަން ބޮޑެވެ.
ލިބިފައި ހުރި މައުލޫމާތުން އެނގޭ ގޮތުގައި އެބުނާ ޕެންޑްރައިވް އެއް ފެނުނީ ނާޒިމްގެ ގެއިން ފުލުހުންނަށް ފެނުނު ދަބަހެއްގެ ތެރެއިންނެވެ. ޕެންޑްރައިވްގައި ވަރަށް ގިނަ މައުލޫމާތު ހުރިކަމަށް ބެލެވެއެވެ. މިއަދު އޮތް ނާޒިމްގެ ޝަރީއަތުގައި ދައުލަތުން ބުނެފައި ވަނީ "ރިޔާޒް" ކިޔާ މީހެއްގެ ނަން ޕެންޑްރައިވްގައި އޮތް ކަމަށެވެ.
ޕެންޑްރައިވް އިން ރިޔާޒްގެ ނަން ފެނުމާއި އެކު ކޮމިޝަނަރ އޮފް ޕޮލިސް (ރޓޑ) އަބްދުﷲ ރިޔާޒް މިވަނީ ވާހަކަފުޅު ދައްކަވާފައެވެ. ރިޔާޒް ވަނީ 378 ޑޮލަރަށް އިންޓަނެޓް އިން ލިބެން ހުންނަ ޕިސްތޯލައެއް ހޯދަން އެސްޓީއޯ އާއި ވިލާ އަދި ރާއްޖެއިން ބޭރުގެ އެހީ ހޯދަން ޖެހިދާނެތޯ ސުވާލު ކުރައްވާފައެވެ.
ރިޔާޒް ފަދަ ނާޒިމްގެ ޝަރީއަތުގެ މައުލޫމާތު އެނގިވަޑައިގަންނަވާ ނުވަތަ އެނގިވަޑައިގަންނަވަން ޖެހޭ ބޭފުޅަކު މިހެން ޓްވީޓް ކުރެއްވުމުން އެނގެނީ ޝަރީއަތުގައި ދައުލަތުން ދެއްކި ވާހަކަ ރިޔާޒް އަށް އެނގިވަޑައިނުގަންނަވަނީ އެވެ. ނުވަތަ އެނގިވަޑައިގަންނަވަން ބޭނުންފުޅު ނުވަނީ އެވެ.
ފިސްތޯލައެއް ގަންނަން އެސްޓީއޯ އާއި ވިލާ އިން ފަންޑު ކުރި ކަމަށް ދައުލަތުން ޝަރީއަތުގައި މަޖިލީހުގައި ބުނެފައެއް ނުވެއެވެ. ދައުލަތުން ބުނެފައި ވަނީ ސަރުކާރުގެ އިސްވެރިންނަށް ހަމަލާދިނުމަށް ރޭވި ޕްލޭން އަށް ވިލާ އާއި އެސްޓިއޯ އިން ފަންޑު ހޯދަން މަސައްކަތް ކުރި ވާހަކައެވެ. އެބުނާ ޕްލޭންގެ ބޮޑު ކުޑަމިނެއް ނޭނގޭ އިރު މިހާތަނަށް އެނގިފައި ހުރި މައުލޫމާތުން އެއީ ވަރަށް ބޮޑު ޕްލޭނެއް ކަމަށް ލަފާކުރެވެ އެވެ. ޕްލޭން ގައި އޮތީ ހަމައެކަނި ފިސްތޯލައެއް ގަންނަ ވާހައެއް ނޫނެވެ.
ގައިމުވެސް 387 ޑޮލަރު ޚަރަދު ކޮށްގެން ރައީސުލްޖުމްހޫރިއްޔާ އާއި ކޮމިޝަނަރ އޮފް ޕޮލިސް އާއި ޓްއަރިޒަމް މިނިސްޓަރު އަވަހާރަކޮށްލެވޭ ވަރުގެ އޮޕަރޭޝަނެއް ކުރިއަކަށް ނުގެންދެވޭނެ އެވެ. ރިޔާޒް ފަދަ ދާއިރާގެ ތަމްރީނާއި ތައުލީމާއި ތަޖުރިބާ ލިބިވަޑައިގެންހުންނެވި ބޭފުޅަކަށް އެކަން މާސާފުކޮށް އެނގިވަޑައިގަންނަވާނެ އެވެ.
ނާޒިމްގެ މައްސަލައިގެ ބޮޑު މަންޒަރުގެ ތެރެއަށް ރިޔާޒް ވަދެފައި ވާއިރު މިކަމުގައި ރިޔާޒް ޙަޤީޤަތުގައި ވެސް ބައިވެރިވެވަޑައިގަނޭތޯ މިއީ މިހާރު އުފެއްދިދާނެ ސުވާލެކެވެ.
ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި 2012 ފެބްރުއަރީ 07 ވަނަ ދުވަހު ނާޒިމް އާއި ރިޔާޒް އަދި އެފްއޭ ފަޔާޒް ފެނުނީ ވަރަށް އެކުވެރި ކޮށެވެ. އެދުވަހު އާންމުންނަށް ފެނުނީ އެބޭފުޅުންގެ މެދުގައި އޮތް ގުޅުމުގެ މިސާލެކެވެ. ޙަޤީޤަތަކީ ނާޒިމް އާއި ރިޔާޒްގެ ގުޅުން އެއަށްވުރެ މާބޮޑު ކަމެވެ. ދެބޭފުޅުންގެ ދެމެދުގައި އޮތީ ގާތް ރަޙުމަތްތެރިކަމަށް ވުރެ ބޮޑަށް ވިޔަފާރީގެ ހިއްސާދާރުންގެ މެދުގައި އޮންނަ ގުޅުމެވެ. ރިޔާޒްގެ ބައެއް ވިޔަފާރިތަކުގައި ނާޒިމްގެ ނުވަތަ ނާޒިމްގެ އާއިލާ ބޭފުޅުންގެ ހިއްސާ އޮންނަ ކަމަށް ވެއެވެ.
ރިޔާޒްގެ ސެކިއުރިޓީ ކުންފުނީގެ މޫލައި ހެދިފައިވާ އެހެން ވިޔަފާރިތަކަކީ ނާޒިމްގެ ހިއްސާ އާއި ނާޒިމްގެ އެހީތެރިކަން އަދި ނާޒިމްގެ ހިޔާލާއި މަޝްވަރާގެ މަތިން ކުރިއަށްގެންދާ ކަންކަމަށް ވާހަކަ ދެކެވެއެވެ.
ނާޒިމް އާއި ރިޔާޒްގެ ގުޅުން މިހިސާބުގައި އޮތުމުން ގަބޫލުކުރެވެނީ ނާޒިމް ބޮޑު އޮޕަރޭޝަނަކަށް ތައްޔާރުވާއިރު ރިޔާޒްގެ މަދަދާއި އެހީތެރިކަން ހޯދާނެ އެވެ. ރިޔާޒްގެ ތަމްރީނާއި ތަޖުރިބާގެ ބޭނުން ނާޒިމް އެފަދަ ކަމެއް ކުރައްވާއިރު ބޭނުން ހިފާނެ އެވެ.
ނާޒިމްގެ ޕްލޭންގައި ރިޔާޒްގެ ނަން އޮތުމުގެ ފުރުސަތު އޮތީ މިހެންވެއެވެ. ނާޒިމްގެ ދިފާއުގައި ރިޔާޒް ދައްކަވަނީ މޯރަލީ މީހަކު ދައްކާނެ ވާހަކަތަކަށް ވުރެ ބޮޑަށް ސިޔާސީ ވާހަކަތަކެކެވެ. ސިޔާސީ ހަމަލާއެކޭ ވިދާޅުވެ ނާޒިމް ސަލާމަތް ކުރެއްވުމަށް ވުރެ ބޮޑަށް ރިޔާޒް އަށް ލިބިވަޑައިގެން ހުންނެވި ތައުލީމާއި ތަޖުރިބާގެ ބޭނުން ކުރައްވައިގެން ނާޒިމް ސަލާމަތް ކުރައްވަން ރިޔާޒް މަސައްކަތް ކުރައްވާ ތަނެއް ނުފެނެއެވެ.
ނާޒިމްގެ މައްސަލައިގެ ކުޑަބޮޑުމިނަށް ބަލާއިރު އެމައްސަލައިގެ މައުލޫމާތު ފުލުހުން ހާމަކުރަމުންދާނީ ކިހާ މިންވަރަކަށްކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެއް ބޭފުޅަކީ ރިޔާޒް އެވެ. ރިޔާޒް ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނަވައިގެން ކުރިއަށްގެންދެވި ޑރ.އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގައި ވެސް އެއްވެސް މައުލޫމާތެއް ހާމަ ނުކުރައްވާ މަޑުކުރެއްވީ މައްސަލައިގެ ބާވަތުން ކަމަށް ރިޔާޒް އޭރު ވިދާޅުވެ އެވެ.
ވީއިރު ނާޒިމްގެ މައްޗަށް ތުހުމަތު ކުރެވޭ ސީރިއަސް މައްސަލައިގެ މައުލޫމާތު ފުލުހުން ހާމަނުކުރައްވައިގެން ރިޔާޒް ތެޅިފޮޅެން ޖެހެނީ ކީއްވެ ހެއްޔެވެ؟
ރިޔާޒްގެ ކިބައިގައި ހުރި ތައުލީމާއި ތަޖުރިބާއިން ނާޒިމް އަކީ ކުށްވެރިއެއްކަން ރިޔާޒް ގަބޫލު ކުރައްވަނީ ހެއްޔެވެ؟ މޯރަލް ވިސްނުމެއްގައި ވާހަކަދެއްކެވުމަށް ވުރެ ބޮޑަށް ސިޔާސީ ވަހަކަތަކާއި ދިމާއަށް ރިޔާޒްގެ ވާހަކަފުޅުތައް މިދަނީ ކީއްވެ ހެއްޔެވެ؟ ނާޒިމްގެ ޕްލޭން ރިޔާޒަށް އެނގިވަޑައިގަންނަވާތީ ދެން ސަލާމަތްވެވެން އޮތީ ސިޔާސީ ވާހަކައެއް ދައްކަވައިގެން ކަމަށް ރިޔާޒް ގަބޫލު ކުރައްވަނީ ހެއްޔެވެ؟
ނާޒިމްގެ މައްސަލައިގެ ތެރެއަށް ވަދެ ނާޒިމްގެ ދިފާއުގައި ރިޔާޒް އަޑުއުފުލަނީ ގާތް ރަޙުމަތްތެރިއަކު ކަމެއްގައި ބެދިގެން އެކަމުގެ ދިފާއުގައި މަސައްކަތް ކުރުމަށްވުރެ ބޮޑަށް ޕްލޭންކުރި ބަޣާވާތް ނާކާމިޔާބުވުމުން ބަޣާވާތުގެ ބައިވެރިޔާ ސަލާމަތް ކުރަން ހެއްޔެވެ؟ ރިޔާޒް އަށް ވެގެން މިއުޅޭ ގޮތަކީ މިސްކިތު ހުޅުޖެހި މީހާ އަށް ވީގޮތް ހެއްޔެވެ؟
ޕެންޑްރައިވް އާއި ކުރީގެ ސީޕީ އަބްދުﷲ ރިޔާޒްގެ ވާހަކަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ