މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ސްކޫލު ވަޒީފާގައި ނެތް މުވައްޒަފެއްގެ މުސާރައިގެ ގޮތުގައި ފަންސާސް ހާހަށް ވުރެ ގިނަ ދިވެހި ރުފިޔާ ނެގި ސްކޫލް އިސްވެރިއެއްގެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް (ޕީޖީ) ފޮނުވައިފިއެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕީޖީއަށް ފޮނުވާފައި ވަނީ ލ.ގަމު ތުނޑީ ޕްރީސްކޫލުގެ ހިންގުމާ ހަވާލުވެ ހުންނެވި ލ. ގަމު ތުނޑި ފޮތިވެލި، އަހުމަދު ފަހީމުގެ ޚިޔާނާތުގެ މައްސަލައެކެވެ.
ފަހީމުގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން މަކަރާއި ހީލަތް ހެދި ކަމަށް ތުހުމަތުކޮށް ދައުވާ ކުރުމަށް ފޮނުވާފައި ވަނީ އޭނާ ސްކޫލާއި ހަވާލުވެ ހުރި އިރު، އެ ސްކޫލުގެ ވަޒީފާގައި ނެތް މުވައްޒަފެއްގެ ނަމުގައި މަހެއްގެ މައްޗަށް 7520 ރުފިޔާ ނެގި މައްސަލައަކާއި ގުޅިގެންނެވެ.
މިއީ އެރަށު ކައުންސިލްގެ ފަރާތުން އެރަށު ޕްރީސްކޫލަށް ދޭ ފައިސާގެ އެހީގެ ތެރޭގައި ސްކޫލްގައި ވަޒީފާ އަދާކުރަމުންގެންދާ ތަމްރީން ލިބިފައިވާ ކޮންމެ ޓީޗަރަކަށް ދޭ މުސާރައެވެ.
މިގޮތަށް މުސާރަ ނަގަމުން ގޮސް، މުޅި ޖުމުލަ 52،640 ރުފިޔާ ނަގާފައިވާ ކަމަށް ވެއެވެ.
ފަހީމް މުސާރަ ނަގާފައި ވަނީ އެ ސްކޫލުގައި ކިޔަވައިދިން އަންހެން ޓީޗަރެއްގެ ނަން މަތީގައެވެ. ނަމަވެސް 2012 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި އެ ޓީޗަރު ވިހެއުމަށްފަހު ނެގި ޗުއްޓީއަށް ފަހު އޭނާ އަލުން ވަޒީފާއަށް ނުކުމެފައެއް ނުވެއެވެ. އަދި ޗުއްޓީގައި ހުރި އިރުވެސް އަދި އޭގެ ފަހުންވެސް އޭނާއަށް މުސާރަ ދީފައި ނުވާކަން ވަނީ އެނގިފައެވެ.
އެހެން ނަމަވެސް 2012 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން އެ އަހަރުގެ ޑިސެމްބަރު މަހާ ހަމައަށް ސްކޫލުން ގަމު ކައުންސިލަށް ފޮނުވާފައިވާ މުސާރަ ޝީޓުގައި ތަމްރީންވެފައިވާ ޓީޗަރެއްގެ ގޮތުގައި އޭނާގެ ނަން ވަނީ ހިމަނާފައެވެ. އަދި މިޝީޓުގައި ސޮއި ކޮށްފައި ވަނީ ފަހީމްއެވެ.
ނަމަވެސް މި ފައިސާއަށް ވީގޮތެއް ނުވަތަ، ފައިސާ ޚަރަދު ކުރި ގޮތުގެ ލިޔެކިޔުމެއްވެސް ނެތެވެ. އަދި ފައިސާއާއި ހަވާލުވި ފަހީމާއި ސުވާލު ކުރުމުންވެސް އެކަށީގެންވާ އެއްބާރުލުމެއް އޭސީސީގެ ތަހުޤީޤަށް ވަނީ ނުލިބިފައެވެ.
އެހެންކަމުން މިއީ އޭނާ މަގާމުގެ ނުފޫޒު ބޭނުންކޮށް މަކަރާއި ހީލަތުން ނާޖާއިޒު ފައިސާއެއް ހޯދުމަށް ކޮށްފައިވާ ކަމެއް ކަމަށް އޭސީސީން ބުނެއެވެ. ޕިޖީއަށް ފޮނުވި ދައުވާގައި މި ފައިސާ ފަހީމްގެ އަތުން ހޯދުމަށްވެސް އޭސީސީން ވަނީ އެދިފައެވެ.
މަގާމުގެ ނުފޫޒު ބޭނުންކޮށްގެން 50 ހާހަށް ވުރެ ގިނަ ފައިސާ ނެގި ސްކޫލް ވެރިއެއްގެ މައްސަލަ ޕީޖީއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ