ޓީޗަރުންނަށް ހިތްވަރުދިނުމުގެ ގޮތުން އުތީމުގެ ފަސް ޓީޗަރެއްގެ ކޯސް ފީ މެމްބަރު ސުޖާއު ދައްކަވައިފި

ހއ. އުތީމުގެ ފަސް ޓީޗަރެއްގެ ކޯސްތަކުގެ ފީތައް ދެއްކުމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ސުޖާއު ދީލަތި އެހީތެރިކަމެއް ފޯރުކޮށްދެއްވައިފި އެވެ.
އުތީމުގައި ކިޔަވައިދެމުންދާ ފަސް ޓީޗަރުންނަށް އެހީތެރިވުމުގެ ގޮތުން މެމްބަރު ސުޖާއު ވަނީ އެ ޓީޗަރުން ކިޔަވަމުންދާ ޑިޕްލޮމާ ކޯހުގެ ފީއަށް ވާ ފައިސާ އެއްކޮށް ދައްކަވައިދެއްވައިފަ އެވެ.
އުތީމު ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ ރަޝީދު 'ވަގުތު' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެ ޓީޗަރުންގެ ކޯސް ފީ ސުޖާއު ދައްކަވައިދެއްވީ އަންނަ އަހަރުން ފެށިގެން ޑިޕްލޮމާ ފާހެއް ނެތި ޓީޗިންގް ދާއިރާގައި މަސައްކަތް ނުކުރެވޭތީ ކަމަށެވެ.
 
"މިއީ އަންނަ އަހަރުން ފެށިގެން ޓީޗަރުންނަށް ޑިޕްލޮމާ ފާހެއް ނެތި ކިޔަވައިނުދެވޭތީ ޓީޗަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން މެމްބަރު ސުޖާއު ދެއްވި އެހީތެރިކަމެއް. އެ ޓީޗަރުންނަކީ ކޯސް ހެދުމަށްޓަކައި ކޮންމެ ދުވަހަކުވެސް ހދ. ކުޅުދުއްފުށްޓަށް ދާން ޖެހޭ ޓީޗަރުން،" އޭނާ ވިދާޅުވި އެވެ.
އަބްދުﷲ ރަޝީދު ވިދާޅުވީ، މިމަހު އުތީމުގައި ބޭއްވި ގުރުއާން މުބާރާތަށް ވެސް ސުޖާއުގެ އެހީތެރިކަން ލިބިވަޑައިގެންނެވި ކަމަށާއި، ސުޖާއުއަކީ ދާއިރާގެ ރައްޔިތުންގެ އިހުސާސްތައް ވަރަށް ރަނގަޅަށް އެނގޭ ބޭފުޅެއް ކަމަށެވެ.
"އަޅުގަނޑުމެން މިމަހު ބޭއްވި ގުރުއާން މުބާރާތަށް ސުޖާއު 5000 ރުފިޔާގެ ފައިސާގެ އެހީތެރިކަމެއް ދެއްވި. ސުޖާއުއަކީ ދާއިރާގެ ރައްޔިތުންގެ އިހުސާސްތައް ވަރަށް ރަނގަޅަށް އެނގޭ ހީވާގި މެމްބަރެއް. އެ ބޭފުޅާ އެކިގޮތްގޮތުން އުތީމަށް އެހީތެރިކަން ފޯރުކޮށްދެއްވަމުން ދޭ،" އޭނާ ވިދާޅުވި އެވެ.
ދާދި ފަހުން އުތީމު ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި ފުޓްސަލް މުބާރާތަކަށް ވެސް ސުޖާއު ވަނީ އެހީތެރިކަން ފޯރުކޮށްދެއްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ