ދިއްގަރު ދާއިރާގެ ގުރުއަތު ނެގުން ބާއްވައިފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރަން ހަތަރު ބޭފުޅުންގެ މެދުގައި ގުރުއަތު ނަގައިފިއެވެ.
ދިއްގަރު ދާއިރާގެ ހުސްވެފައިވާ މަޖިލީހުގެ ގޮނޑިއަށް ވާދަ ކުރައްވާ ހަތަރު ބޭފުޅުންނަކީ އެމްޑީޕީގެ ކެންޑިޑޭޓް އަހުމަދު ރާޒީ އާއި ޕީޕީއެމްގެ ކެންޑިޑޭޓް ފާރިޝް މައުމޫންގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރާ ދެ ބޭފުޅުން ކަމަށް ވާ މޫސާ ނަސީރު އަހުމަދާއި ޝަމީމް އަލީއެވެ.
ހަތަރު ބޭފުޅުންގެ މެދުގައި ގުރުއަތު ނެގުމަށްފަހު ކެންޑިޑޭޓް ނަމްބަރު ތަރުތީބު ކޮށްފައި ވާއިރު، އެއްވަނަ ކެންޑިޑޭޓަކީ ޝަމީމްއެވެ. މޫސާ ނަސީރު އަހުމަދަށް ކެންޑިޑޭޓް ނަމްބަރު 2 ލިބިފައި ވާއިރު، އެމްޑީޕީގެ ކެންޑިޑޭޓް ރާޒީއަށް ލިބުނީ ކެންޑިޑޭޓް ނަމްބަރު 3 އެވެ. ޕީޕީއެމްގެ ކެންޑިޑޭޓް ފާރިޝަށް ލިބުނީ ކެންޑިޑޭޓް ނަމްބަރު 4 އެކެވެ.
ދިއްގަރު ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެމްބަރު އަހްމަދު ނާޒިމު 25 އަހަރަށް ޖަލަށްލުމަށް ހުކުމްކުރުމާ ގުޅިގެންނެވެ.
ދިއްގަރު ދާއިރާއަށް މެމްބަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަން އޮންނާނީ ޖޫން މަހުގެ 6 ވަނަ ދުވަހުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ