އަބްދުﷲ ގާޒީ ހުންނެވީ ގިރިފުށީގައި ކަމަށް އާއިލާއަށް އަންގައިފި

އެމްއެންޑީއެފުން ހައްޔަރުކޮށްފައިވާ ކުރިމިނަލްކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހުންނެވީ ކ. ގިރިފުށީގައި ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އަބުދުﷲ ގާޒީ ހައްޔަރުކުރިތާ 48 ގަޑިއިރު ފަހުން އިސް ގާޒީއާ ބެހޭ ގޮތުން ރަސްމީ މައުލޫމާތެއް ފުރަތަމަ ފަހަރަށް އެމްއެންޑީއެފުން މީޑިއާ ހިއްސާކުރަމުން ބުނެފައި ވަނީ އަބްދުﷲ ގާޒީ ދިރިއުޅުއްވާ މ. ލިންކްހައުސް އަށް މިރޭ 9:15 ހާއިރު، އެމްއެންޑީއެފްގެ ޓީމެއް ދިޔަ ކަމަށެވެ.
އަދި އެމްއެންޑީއެފްގެ ބެލުމުގެ ދަށުގައި މިވަގުތު ހުރި އަބްދުﷲ ގާޒީގެ އާއިލާގެ ފަރާތުން ފޮނުވަން ބޭނުންވާ ތަކެތި ފޮނުވުމުގެ ފުރުސަތު އޮތްކަން އާއިލާއަށް އަންގާފައިވާނެ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ. އަދި ގިރިފުށީގައި ހެޔޮ ހާލުގައި ޢަބްދުﷲ ގާޒީ ހުންނެވިކަން އަނބިކަނބަލުންނަށް ދަންނަވާފައިވާ ކަމަށް ވެސް އެމްއެންޑީއެފުން މިރޭ އާންމު ކުރި މައުލޫމާތުގައި ބުނެފައި ވެއެވެ.
އެމްއެންޑީއެފުން އަދި ބުނީ އަބުދުﷲ ގާޒީ ގިރިފުއްޓަށް ގެންދިޔަ ދުވަހު ވެސް ފޯނުކުރުމުގެ ފުރުސަތު ދިނުމުން ފޯނުކުރެއްވެވި ކަމަށާއި އަދި މިރޭވެސް ޢަބްދުﷲ ގާޒީއަށް ފޯނުން ވާހަކަ ދެއްކުމުގެ ފުރުސަތު އަނބިކަނބަލުންނަށް ތަނަވަސްކޮށްދިން ކަމަށެވެ. ނަމަވެސް އަބުދުﷲ ގާޒީ ފޯނުން ވާހަކަދެއްކެވުމަށް ބޭނުންފުޅު ނުވިކަން އަނބިކަނބަލުންނަށް ދަންނަވާފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
އަދި އާއިލާގެ ފަރާތުން އަބުދުﷲ ގާޒީއަށް ފޮނުވަން ބޭނުންވާތަކެތި އެމްއެންޑީއެފްގެ ޓީމާ ހަވާލުކޮށްފައިވާ ކަމަށާއި އެތަކެތި މިރޭގެ ވަގުތެއްގައި ޢަބުދުﷲ ގާޒީއާ ހަވާލުކުރާނެ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
މިލިޓަރީ ސިފައިން އިސް ގާޒީގެ ގެއަށް ވަދެ، ހައްޔަރުކޮށްގެން ގެންދިއުމާ ގުޅިގެން ސުޕްރީމް ކޯޓުން ނެރުނު އަމުރެއްގައި ބުނެފައި ވަނީ އިސް ގާޒީ ވަގުތުން މިނިވަން ކުރުމަށެވެ. އަދި ހައި ކޯޓުން ވެސް ވަނީ އިސް ގާޒީ ވަގުތުން މިނިވަން ކުރުމަށް ގޮވާލައި އަމުރެއް ނެރެފަ އެވެ.
އިސް ގާޒީ ހައްޔަރުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށާއި ގާނޫނާ ހިލާފަށް އިސް ގާޒީ ހައްޔަރު ކުރި ފަރާތްތަކާ ދޭތެރޭގައި ދައުވާ ކުރައްވާނެ ކަމަށް ޕްރެސިކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ