ރާއްޖެއިން ހޯދާ ސަނަދުތަކުގައި ތައްގަނޑު ޖެހުން އެމްކިޔުއޭއިން ހުއްޓާލަނީ

ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ކޮލެޖްތަކާއި ޔުނިވާސިޓީތަކުން ކުރިއަށް ގެންދާ ކޯސްތައް ފުރިހަމަ ކުރުމުން ދޭ ސަނަދުތަކުގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން ޖަހަމުން ދިޔަ ރިކޮގްނިޝަން ތައްގަނޑު ޖެހުން އަންނަ މަހުން ފެށިގެން ހުއްޓާލަން އެ އިދާރާއިން ނިންމައިފި އެވެ.
އެމްކިޔުއޭ އިން ބުނީ އެގޮތަށް ނިންމީ ރާއްޖޭގެ ކޮލެޖްތަކާއި ޔުނިވާސިޓީތަކުން ހިންގާ ކޯސްތަކަކީ އެ އޮތޯރިޓީން ގަބޫލުކުރާ ކޯސްތަކެއް ކަމަށްވެފައި އެ ކޯސްތައް ނިންމާ ދަރިވަރުންނަށް ސަނަދު ދިނުމުގެ ކުރިން ވެސް އެ ކޯހެއް ހިނގާފައިވާ ގޮތް އެ އޮތޯރިޓީން ބަލާތީ ކަމަށެވެ.
ތައްގަނޑު ޖެހުން އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހުއްޓާލިޔަސް އެކަމުގައި އެއްވެސް މައްސަލައެއް ދިމާވެއްޖެ ނަމަ އެ ފަރާތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެމްކިޔުއޭ އިން ބުންޏެވެ.
ރިކޮގްނިޝަން ތައްގަނޑަކީ އެ މީހަކު ހޯދާފައިވާ ސަނަދަކީ ރާއްޖެއިން ގަބޫލުކުރާ ސަނަދެއް ކަން އަންގައިދޭ ތައްގަނޑެކެވެ. މަތީ ތައުލީމް ހާސިލްކޮށްގެން ވަޒީފާތަކަށް ކުރިމަތިލާއިރު ލިބިފައިވާ ސަނަދުތަކުގައި އެ ތައްގަނޑު ޖަހަން ޖެހެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ