އދ އިން ނެރޭ ރިޕޯޓްތައް ހަޤީގަތާއި ޚިލާފު - ތުރުކީ

އދގެ އިންސާނީ ހައްޤުތަކާބެހޭ ކައުންސިލުން ނެރޭ ރިޕޯޓްތަކަކީ ހަޤީޤަތާއި ޚިލާފު، ވަކި ކޮޅަކަށް ޖެހިފައިވާ ރިޕޯޓްތަކެއްކަމަށް ތުރުކީވިލާތުން ބުނެފިއެވެ.
އދގެ އިންސާނީ ހައްޤުތަކާބެހޭ ކައުންސިލަށް ތުރުކީވިލާތުން ފާޑުކިޔާފައި މިވަނީ 2016 ވަނަ އަހަރު އެޤައުމަށް ގެންނަން މަސައްކަތްކުރި ނާކާމިޔާބު ބަޣާވާތަށްފަހު އެޤައުމުގައި އިޢުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލުމަށް އދގެ ހިއުމަން ރައިޓްސް ކައުންސިލުން ގޮވާލާ، ރިޕޯޓެއް ނެރެފައިވަނިކޮށެވެ.
އދގެ ރިޕޯޓަށް ރައްދު ދެމުން ތުރުކީގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުއްލި ޙާލަތު އުވާލުމަށް އދ އިން ގޮވާލާއިރު، ބަޣާވާތުގެ ސަބަބުން ތުރުކީއަށް ކުރިމަތިވި ނުރައްކަލާއި ގެއްލުމާއިމެދު އދ އިން އަޅާލާފައިނުވާކަމަށެވެ. އަދި ރިޕޯޓް ތައްޔާރުކޮށްފައިވަނީ ތުރުކީގައި ހަމަނުޖެހުން އުފައްދަން މަސައްކަތްކުރާ ޓެރަރިސްޓް ޖަމާޢަތްތަކުގެ ވާހަކަތަކަށް ބިނާކޮށްކަމަށެވެ. އަދި ރިޕޯޓް ތައްޔާރުކުރުމުގެ ކުރިން ތުރުކީއަށް ޒިޔާރަތްކުރުމަށް ދެއްވި ދަޢުވަތު ގަބޫލުނުކޮށް، ވަކި ކޮޅަށް ބުރަވެގެން ރިޕޯޓް ތައްޔާރުކޮށްފައިވާކަމަށް ބުނެ ތުރުކީގެ ޚާރިޖީ ވުޒާރާއިން ވަނީ އދގެ ހިއުމަން ރައިޓްސް ކޮމިޝަނަރ ޒައިދު އަލް ހުސެއިންއަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.
ތުރުކީގެ ޚާރިޖީ ވުޒާރާގެ ބަޔާނުގައި، ކުއްލި ޙާލަތުގެ ދަށުން ހައްޔަރުކުރަމުންދާ ފަރާތްތަކަކީ ބަޣާވާތާ ގުޅުންހުރި ފަރާތްތައްކަމަށާއި، އެފަރާތްތަކާމެދު އަމަލުކުރަނީ އިންސާނީ ހައްޤުތަކަށް އިޚްތިރާމްކުރުމާއެކުކަމަށް ބުނެފައިވެއެވެ. އަދި ތުރުކީއާ ގުޅޭގޮތުން ހަޤީޤަތާ ޚިލާފު ވާހަކަތައް ހިމަނައިގެން ނެރުނު ރިޕޯޓްގެ މައްސަލަ ރަސްމީކޮށް އދގެ ކަމާބެހޭ އިދާރާތަކަށް ހުށަހަޅާނޭކަމަށްވެސް ތުރުކީގެ ޚާރިޖީ ވުޒާރާއިން ބުނެއެވެ.
އެމެރިކާގައި އަމިއްލައަށް އަރުވާލެވިގެން ހުންނަ ތުރުކީގެ އިދިކޮޅު ލީޑަރަކު 2016 ވަނަ އަހަރު އިސްވެ ހުރެ ތުރުކީއަށް ގެންނަން އުޅުނު ބަޣާވާތުގެ ތެރެއިން ހިނގި ހަމަނުޖެހުންތަކުގައި 250 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ