އިދިކޮޅު ޕާޓީއެއް ނޯންނާނެ ކަމަށާއި، ހުރިހާ ފިކުރެއްގެ މީހުން ވެސް ރައިސް ޔާމީންގެ ފަހަތްޕުޅަށް ވަޑައިގެން އެމަނިކުފާނަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްދެއްވުމަށް މަސައްކަތް ކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް ޔާމީންގެ ރަނިންމޭޓްގެ ގޮތުގައި ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޑރ.ޝަހީމް މިހެން ވިދާޅުވީ ގއ.އަތޮޅަށް ކުރެއްވި ކެމްޕޭން ދަތުރުފުޅު ނިންމަވާލެއްވުމުގެ ގޮތުން އޭނާގެ އުފަން ރަށް ގއ.މާމެންދޫ އަށް ވަޑައިގެން އެރަށުގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޑރ.ޝަހީމް ވިދާޅުވީ ގއ.އަތޮޅުގެ ހުރިހާ ރަށަކުން ވެސް ރައީސް ޔާމީނަށާއި އޭނާ އަށް ދެއްކެވި ތާއީދަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި ހާއްސަކޮށް މާމެންދޫ އާއި ވިލިގިނލީގެ ރައްޔިތުންނަށް ޑރ.ޝަހީމް ޝުކުރު އަދާކުރެއްވެވިއެވެ.
"މިދަތުރު ނިންމާލަނީ އުފަލާއި އެކު. މާލެ މިދަނީ ވަރަށް ފުރިހަމަ އަޒުމަކާއި އެކު. ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އިންތިޚާބު ކާމިޔާބު ވާނެ. މިދަތުރުގައި ވަރަށް ގިނަ މީހުންނާއި ބައްދަލުވި. ވަރަށް ގިނަ ގޭގެއަށް ޒިއާރަތް ކުރެވުނު. ވަރަށް ގިނަ ދައްތައިންނާ. ކޮއްކޮ އިންނާއި ބައްދަލުވި. ހުރިހާ ބޭފުޅުން ރައީސް ޔާމީނަށް ދެއްވި ތާއީދަށް ޝުކުރު ދަންނަވަން." ޑރ.ޝަހީމް ވިދާޅުވިއެވެ.
ޑރ.ޝަހީމް ވިދާޅުވީ ރައީސް ޔާމީނަށް ވޯޓް ދެއްވަންވީ ރާއްޖޭގެ މުސްތަގުބަލަށްޓަކައި ކަމަށެވެ.
"ރައީސް ޔާމީނަށް ވޯޓް ދޭންވީ ގައުމުގެ މުސްތަގުބަލަށްޓަކައި. ގައުމުގެ އަމަންއަމާންކަމަށްޓަކައި. ގައުމުގެ ވަހުދަތައްޓަކައި. ރައީސް ޔާމީނަކީ ހިތްވަރުގަދަ އަޒުމް ވަރުގަދަ ބޭފުޅެއް." ޑރ.ޝަހީމް ވިދާޅުވިއެވެ.
ޑރ.ޝަހީމް ވިދާޅުވީމީގެ ކުރިން މިރާއްޖޭގެ ރައްޔިތުންނަށް ނުލިބޭ އެތައް ފުރުސަތެއް ރައީސް ޔާމީން ހޯއްދަވައި ދެއްވައިފި ކަމަށެވެ. އެގޮތުން އަރަބި އިސްލާމީ ތައުލީމް ޕީއެޗްޑީ އާއި ހަމައަށް ހާސިލް ކުރެވޭނެ ގޮތް ހައްދަވައި ދެއްވީ ރައީސް ޔާމީން ކަން ޑރ.ޝަހީމް ފާހަގަ ކުރެއްވެވިއެވެ.
ޑރ.ޝަހީމް ވިދާޅުވީ ކޮންމެ ސަރުކާރެއްގައި ވެސް އިސްލާހު ކުރަން ޖެހޭ ކަންކަން ހުންނާނެ ކަމަށާއި އެގޮތުން މިސަރުކާރު ގައި ވެސް އިސްލާހުކޮށް ރަނގަޅު ކުރަން ޖެހޭ ކަންކަން ހުންނާނެ ކަމަށެވެ. އެކަންކަން ރަނގަޅު ކުރާނެކަމުގެ ޔަގީންކަން ޑރ.ޝަހީމް ދެއްވެވިއެވެ.
"އިރާދަކުރެއްވިއްޔާ ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން މިއިންތިޚާބު ކާމިޔާބު ކުރާނަން. ބަޔަކު ކޮންމެ އެއްޗެއް ކީނަމަވެސް އަޅުގަނޑުމެން ލަކިލަކި ޖަހާލާފައި މިއިންތިޚާބު ކާމިޔާބު ކުރާނަން." ޑރ.ޝަހީމް ވިދާޅުވިއެވެ.
ޑރ.ޝަހީމް ވިދާޅުވީ ރައީސް ޔާމީނަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ރައީސެއް ކަމަށާއި އެއީ ވަކި މީހެއްގެ ރައީސެއް ނޫން ކަމަށެވެ.
އެހެނިހެން އަތޮޅުތަކަށް ވެސް ކެމްޕޭން ދަތުރުތައް ކުރައްވާނެ ކަމަށާއި، އެހެނިހެން އަތޮޅުތަކުން ވެސް ގއ.އަތޮޅުން ލިބުނު ފަދަ މެހެމާންދާރީއެއް ލިބިވަޑައިގަންނަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ޑރ.ޝަހީމް ވިދާޅުވިއެވެ.
އިދިކޮޅު ޕާޓީއެއް ނޯންނާނެ، ހުރިހާ ރައްޔިތުން ވެސް ވަޑައިގަންނަވާ – ޝަހީމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ