ތިޖޫރީގައި ޗެކެއް ބޭއްވުމަށް ފަހު އޭގެ ބަދަލުގައި ފައިސާ ނެގި މީހަކު އަރުވާލުމަށް ހައި ކޯޓުން ތާއީދުކޮށްފި

ޑިފެންސް މިނިސްޓްރީގެ ތިޖޫރީގައި ޗެކެއް ބޭއްވުމަށް ފަހު އެ ޗެކުގައިވާ އަދަދަށް އެ ތިޖޫރީން ފައިސާ ނެގި މީހަކު ތިން އަހަރާއި ހަ މަސް ދުވަހަށް އަރުވާލުމަށް ދަށު ކޯޓުން ކުރި ހުކުމަށް ތާއީދުކޮށް ހައި ކޯޓުން ވެސް ހުކުމްކޮށްފި އެވެ.
މި މައްސަލާގައި ދަފްތަރު ނަމްބަރު 5258 އިބްރާހިމް އަހުމަދުގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ ހިޔާނާތުގެ ކުށް ސާބިތުވާ ކަމަށެވެ. އެ ހުކުމް އިސްތިއުނާފު ކުރުމުން ހައި ކޯޓުން ވަނީ އެ ހުކުމް ރަނގަޅު ކަމަށް ކަނޑައަޅައިފަ އެވެ.
އޭނާގެ މައްޗަށް އެ ހުކުމްކޮށްފައި ވަނީ އޭނާ ޑިފެންސް މިނިސްޓްރީގެ ބަޖެޓް ސެކްޝަންގެ ވެރިއަކަށް ހުރެ އޭނާގެ ބެލުމުގެ ދަށުގައިވާ ތިޖޫރީން 5706.55ރ. ނެގުމަށް ފަހު އެ އަދަދަށްވާ ފައިސާގެ ޗެކެއް އެ ތިޖޫރީގައި ބޭއްވިކަން ސާބިތުވެގެންނެވެ.
ހައި ކޯޓުގެ ހުކުމުގައި ވަނީ ޑިފެންސް މިނިސްޓްރީގެ ތިޖޫރީން ފައިސާ ނެގުމަށް ފަހު އެ އަދަދަށްވާ ފައިސާ ހިމެނޭ ޗެކެއް ތިޖޫރީގައި ބޭއްވި ކަމަށް އިބްރާހިމް އަހުމަދުގެ އިއުތިރާފުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ. އަދި ޗެކަކީ ފައިސާއަށް ބަދަލުކުރެވޭ ލިޔުމެއްކަމަށް ވިޔަސް އެއީ އޭގެ ޒާތުގައި ފައިސާ ނޫން ކަމަށާއި އަދި ޗެކަކީ ބައުންސްވުމުގެ ފުރުސަތު އޮތް އެއްޗެއް ކަމަށް އެ ހުކުމުގައިވެ އެވެ.
މީގެ އިތުރުން މީހަކު ކުރާ އަމަލާއި އެ އަމަލާ ގުޅުންހުރި އެންމެހައި ކަންކަމުން އެ މީހެއްގެ ނިޔަތް ދެނެގަނެވޭނެ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ. އެހެންވެ، އެގޮތަށް ފައިސާ ނެގުމަކީ މަނާކަމެއްކަން އެނގިހުރެ އެ ފައިސާ އެގޮތަށް ނެގުމަކީ އިބްރާހިމް އަހުމަދުގެ ނިޔަތް ރަނގަޅު ނޫން ކަން ދަލީލުކުރާ ކަމެއްކަމުން އެކަމުގައި އޭނާގެ ނުބައި ނިޔަތެއް ނެތް ކަމަށް ބެލެވެން ނެތް ކަމަށް ހުކުމުގައިވެ އެވެ.
އެހެންކަމުން ދަށު ކޯޓުގެ އެ ހުކުމަށް ބަދަލު ގެންނަން ނުޖެހޭ ކަމަށް ހައި ކޯޓުން އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ހުކުމްކޮށްފަ އެވެ.
އެ މައްސަލައިގައި ދަށު ކޯޓުން އޭނާގެ މައްޗަށް ހުކުމްކޮށްފައި ވަނީ ހިޔާނާތުގެ ކުށް ސާބިތުވާތީ ހަ މަހަށް އަދި އޭނާ ހިޔާނާތްތެރިވެފައި ވަނީ ސަރުކާރުގެ ފައިސާ އަށް ކަމަށް ވާތީ ދެ އަހަރަށް އަދި ހިޔާނާތްތެރިވެފައި ވަނީ އޭނާ ބަލަހައްޓަމުންދިޔަ ފައިސާ އަށް ކަމަށް ވުމުން އެއް އަހަރަށް އަރުވާލުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ