ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމްކުރުމުގެ މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިމިގްރޭޝަންގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން ހައި ކޯޓުން މައްސަލަ ބެލުމަށް އެކުލަވައިލި ފަނޑިޔާރުންގެ ބެންޗަށް ބަދަލު ގެނެސްގެން މައްސަލަ ކުރިއަށް ގެންގޮސްފައިވާތީ އެ ބެންޗުގެ ނިންމުންތައް ސުޕްރީމް ކޯޓުން ބާތިލްކޮށްފި އެވެ.
ސުޕްރީމް ކޯޓުން އިއްޔެ ނެރެފައިވާ "މެންޑަމާސް އަމުރު" ގައި ވަނީ ބޯޑާ ކޮންޓްރޯލް ޕްރޮޖެކްޓް ހުއްޓާލަން އޭސީސީ އަށް ނޭންގޭނެ ކަމަށް ސިވިލް ކޯޓުން ކުރި ހުކުމް އިސްތިއުނާފުކުރުމުން އެ މައްސަލަ ބެލުމަށް އިސް ފަނޑިޔާރު އޭޕްރީލް 12 ވަނަ ދުވަހު އެކުލަވާލެއްވި ބެންޗަށް މެއި މަހުގެ ތިން ވަނަ ދުވަހު ބަދަލު ގެނެސް، އެ ބެންޗުން އިސް ފަނޑިޔާރު އަހްމަދު ޝަރީފް ވަކިކޮށްފައިވާ ކަމަށެވެ. އެކަންކޮށްފައި ވަނީ ކޯޓްތަކުގެ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ބުނެފައިވެ އެވެ. އެހެންވެ ސުޕްރީމް ކޯޓުން ވަނީ ބެންޗަށް ބަދަލު ގެނެސްގެން ބޭއްވި ޝަރީއަތްތަކުން ނިންމާފައިވާ ނިންމުތައް ބާތިލްކޮށް، ކުރީގެ ބެންޗުން މައްސަލަ އަލުން ބެލުމަށް ހައި ކޯޓަށް އަމުރުކޮށްފަ އެވެ.
ސުޕްރީމް ކޯޓުން އިއްޔެ ނެރެފައިވާ އަމުރުގައި ބުނެފައިވަނީ ހައި ކޯޓަށް ހުށަހެޅޭ މައްސަލަތައް ބަލާނެ ފަނޑިޔާރުންގެ މަޖިލިސްތައް އެކުލަވައިލުމާއި އެ މަޖިލިސްތަކުގެ ރިއާސަތު ބަލަހައްޓާނެ ފަނޑިޔާރުން ކަނޑައެޅުމަކީ އިސް ފަނޑިޔާރުގެ މަސްއޫލިއްޔަތެއްކަން ދިވެހިރާއްޖޭގެ ކޯޓްތަކުގެ ގާނޫނުގެ 30 ވަނަ މާއްދާގެ (ހ) އިން އެނގެން އޮންނަ ކަމަށެވެ. ނަމަވެސް އިސް ފަނޑިޔާރު ރަށުގައި ނެތީސް، އޭރު ކޯޓާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ފަނޑިޔާރަކު ވަނީ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ މަޖިލިހަށް ބަދަލު ގެންނަވާފައި ކަމަށް ސުޕްރީމް ކޯޓުގެ އަމުރުގައިވެ އެވެ. އެނގިފައިވާ ގޮތުގައި އޭރު ކޯޓާ ހަވާލުވެ ހުންނެވީ ފަނޑިޔާރު ޔޫސުފް ހުސައިނެވެ.
ސުޕްރީމް ކޯޓުން ބުނީ މައްސަލަ ބަލާނެ ފަނޑިޔާރުންގެ ބެންޗް ގާނޫނުގައިވާ ގޮތުގެ މަތިން ކަނޑައަޅާފައިވަނިކޮށް އެ ބެންޗުގައި ހިމެނޭ ފަނޑިޔާރަކު ޑިސްކޮލިފައިވާ ނުވަތަ ތަނާޒުލްވާންޖެހޭ ގާނޫނީ އަދި ޝަރުއީ އެއްވެސް ސަބަބެއް ނެތި އަދި އެ ފަނޑިޔާރަކަށް ވެސް އެންގުމަކާ ނުލައި ބެންޗް ބަދަލުކުރުމަކީ ވެސް ކޯޓްތަކުގެ ގާނޫނާ ހިލާފް އަމަލެއް ކަމަށެވެ.
" 3 މެއި 2012 ގައި އެކުލަވާލި ފަނޑިޔާރުންގެ ބެންޗުން ނިންމާފައިވާ އެންމެހާ ނިންމުންތަކާއި ހިންގާފައިވާ ޝަރީއަތްތަކަކީ ބާތިލް ކަންތައްތަކެއް ކަމަށް ކަނޑައަޅައި 12 އޭޕްރީލް 2012 ވަނަ ދުވަހު ހައި ކޯޓުގެ އިސް ފަނޑިޔާރު އެކުލަވާލި ފަނޑިޔާރުންގެ ބެންޗުން ހައި ކޯޓުގެ (ނަންބަރު) ގަޒިއްޔާ އަލުން ބަލައި ނިންމުމަށް އަންގަމެވެ."
ބެންޗަށް ބަދަލުގެނައުމަށް ފަހު މައްސަލައިގެ އަޑުއެހުންތައް ވަނީ ނިންމާލައިފަ އެވެ. އެ ބެންޗުން ވަނީ ބޯޑާ ކޮންޓްރޯލް މައްސަލަ ހުއްޓާލުމުގެ ވަގުތީ އަމުރެއް ނެރުމުގެ އިތުރުން މައްސަލާގައި ދައުލަތުގެ ފަރާތުން ވަކާލާތުކުރައްވަން ވަޑައިގެންނެވި ޑެޕިއުޓީ ސޮލިސިޓަ ޖެނެރަލް އަހުމަދު އުޝާމަށް މި މައްސަލާގައި ދައުލަތް ތަމްސީލް ނުކުރެއްވޭނެ ކަމަށް ވެސް ކަނޑައަޅައިފަ އެވެ. އެގޮތަށް ކަނޑައެޅީ އުޝާމަކީ ބޯޑާ ކޮންޓްރޯލް ޕްރޮޖެކްޓުގެ ބިޑު އިވެލުއޭޓްކުރި ޓެންޑަ ބޯޑުގެ މެންބަރަކަށް ވާތީ އޭސީސީން އެ މައްސަލަ ފާހަގަކުރުމާ އެކުގަ އެވެ.
ގާނޫނާ ހިލާފަށް ފަނޑިޔާރުން ބަދަލުކޮށްގެން ހައި ކޯޓުން ބެލި މައްސަލައެއް ސުޕްރީމް ކޯޓުން ބާތިލްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ