ސަރުކާރުގެ ބަލިފައި ހޯދިއްޖެ، މިކަން ކާމިޔާބު ކުރާނަން: މައުމޫން

ސަރުކާރުގެ ބަލިފައި ހޯދިއްޖެ ކަމަށާއި އިދިކޮޅު ފަރާތްތަކުން މިހާރު ފަށާފައިވާ މަސައްކަތްތައް ކާމިޔާބު ކުރާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް، 42 މެމްބަރުންގެ ސޮޔާއެކުގައި ނޫނީ މަޖިލީހަށް ހުށަނޭޅޭ ގޮތަށް މަޖިލީހުގެ ގަވާއިދު މިއަދު ބަދަލުކުރުމާއެކު، މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުގެ ބަލިފައި ހޯދިއްޖެ ކަމަށެވެ. އަދި ސަރުކާރު ގޮސް ހުސްވެފައިވާކަން މި ވޯޓުން ހާމަވި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މައުމޫން ވިދާޅުވި ގޮތުގައި އަދި މިއީ އިދިކޮޅު ފަރާތްތަކަށް ލިބުނު ކާމިޔާބީ އެކެވެ.
މައުމޫން ވަނީ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ބައިވެރިވި އިދިކޮޅު މެމްބަރުންގެ ހިތްވަރަށް ވެސް ތައުރީފް ކުރައްވައިފަ އެވެ.
"ޖެހިލުމަކާ ނުލައި [ސަރުކާރުން] ދެއްކި މި ބިރުވެރިކަމާ ކުރިމަތިލި، އިސްލާހަށް މަސައްކަތް ކުރާ މެމްބަރުން ދެއްކި ހިއްވަރަށް ސެލިއުޓް ކުރަން،" މައުމޫން ވިދާޅުވި އެވެ.
"ﷲގެ އިރާދަފުޅުން މި ހަނގުރާމަ ކާމިޔާބު ކުރާނަން،"
މަޖިލިހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރަން ހުށަހެޅޭނީ 42 މެމްބަރުންގެ ސޮޔާ އެކު ކަމަށް ގަވައިދަށް ސަރުކާރުގެ މެޖޯރިޓީ އޮންނަ ކޮމިޓީއަކުން އިއްޔެ ކުއްލިއަކަށް ގެނައި އިސްލާހު މަޖިލިހުގެ ތަޅުމުން މިއަދު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 46 މެމްބަރުންގެ އިއްތިފާގުންނެވެ. މި ވޯޓުގައި އިދިކޮޅު އެއްވެސް މެމްބަރަކު ބައިވެރިއެއް ނުވެ އެވެ.
ގަވާއިދަށް އިސްލާހު ގެނައި އިރު ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ މައްސަލަ މާދަމާ އަށް އޮތީ އެޖެންޑާ ކޮށްފަ އެވެ. އަދި މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ، 31 މެމްބަރެއްގެ ސޮޔާ އެކު، އިއްޔެ އަލުން އޮތީ ހުށަހަޅައިފަ އެވެ. އެކަމަކު ގަވާއިދަށް މަޖިލިހުން ގަވައިދަށް އިސްލާހު ގެނައުމާއެކު، މަސީހް އާއި މޫސަ މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހެޅި މައްސަލަ ބޭރުވީ އެވެ. އެއީ އިސްލާހު ހުށަހަޅާފައި ވަނީ މިހާރު މަޖިލިހަށް ވައްދާފައިވާ އެފަދަ މައްސަލަތަކަށް ވެސް އެޕްލައިވާ ގޮތަށް ކަމަށް ވާތީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ