ރަށުން ބޭރަށް ވަޑައިގަތުމަށް ނަޝީދާއި މޫސާ އަލީ ޖަލީލަށް ހުއްދަ ދީފި

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލާގައި ދައުވާ ލިބޭ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލު ރަށުން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ކޯޓުން ދީފި އެވެ.
އަބްދުﷲ ގާޒީ ބަންދުކުރިކަމުގެ ދައުވާލިބޭ ހުރިހާ ބޭފުޅުންގެ ޕާސްޕޯޓު ވެސް ކޯޓުން ވަނީ ހިފަހައްޓައިފަ އެވެ. އެއްވެސް މީހެއްގެ މައްޗަށް ޝަރީއަތެއް ހިންގަމުންދާ ނަމަ އެ މީހަކަށް ރަށުން ބޭރަށް ދެވޭނީ ކޯޓުގެ ހުއްދަ ލިބިގެންނެވެ.
ޖުޑީޝަރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ނަޝީދަށް ހުއްދަ ދީފައި ވަނީ މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކަމަށެވެ. އަދި މޫސާ އަލީ ޖަލީލަށް ހުއްދަ ދީފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 15 ދުވަހުގެ ނިޔަލަށް ކަމަށް އެ އޮފިޝަލް ވިދާޅުވި އެވެ.
ނަޝީދާއި މޫސާ އަލީ ޖަލީލު ވަޑައިގަންނަވަނީ ކޮން ތަނަކަށް ކަމެއް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ. ނަމަވެސް ނަޝީދުގެ މައްޗަށް ހުޅުމާލޭ ކޯޓުގައި ހިންގާ ޝަރީއަތާ ގުޅޭ ގޮތުން ނަޝީދުގެ ފަރާތުން ނެގި އިޖުރާއީ ނުކުތާތަކުގެ އިސްތިއުނާފުގެ ހުކުމް ހައި ކޯޓުން މިއަދު އިއްވަމުން ބުނެފައި ވަނީ ރާއްޖެ ތެރެއަށާއި ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ބޭނުންފުޅުވާތީ ނަޝީދު އެކަން ކޯޓަށް އަންގަވާފައިވާ ކަމަށާއި ޝަރީއަތް އެއް ދުވަސް އަވަސްކޮށް، މިއަދު ހުކުމް ކުރީ ދަތުރުފުޅަށް ދަތިނުވާނެ ގޮތަކަށް ހަމަޖެއްސުމަށް ކަމަށެވެ.
އަބްދުﷲ ގާޒީ ބަންދުކުރި މައްސަލައިގައި ދައުލަތުން ހުޅުމާލޭ ކޯޓުގައި ދައުވާކުރަނީ ނަޝީދާއި މޫސާ އަލީ ޖަލީލުގެ އިތުރުން ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނާއި ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އިބްރާހިމް މުހައްމަދު ދީދީގެ އިތުރުން ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށެވެ.
ދައުވާއާ ގުޅިގެން ހުޅުމާލޭ ކޯޓުގައި ނަޝީދުގެ ފަރާތުން ނެގި އިޖްރާއީ ނުކުތާތަކާމެދު އެ ކޯޓުން ނިންމި ނިންމުންތަކަށް ތާއީދުކޮށް ހައި ކޯޓުން މިއަދު ހުކުމް ކޮށްފައި ވާއިރު ނަޝީދުގެ ޝަރީއަތް މަޑުޖައްސާލަން ހައި ކޯޓުން ނެރުނު އަމުރަށް ނިމުމެއް އައީ އެވެ. އަދި އެ މައްސަލަ މިހާރު ހުޅުމާލޭ ކޯޓުގައި ކުރިއަށް ގެންދިއުމަށް ހުރަހެއް ނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ