ވަކި ބޭފުޅަކު މިނިވަންކުރުމަށް ނުވަތަ ބަދަލުހިފުމުގެ ރޫހުގައި ވަކި ބޭފުޅަކާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ހުއްޓުމަކަށް ގެނެއުމަށް އެދި ވަކިފަރާތަކަށް ސިޓީ ލިޔަން ޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން މިހެން ވިދާޅުވެފައި މިވަނީ ޓެރަރިޒަމްގެ ކުށުގައި 13 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރަން ބޭނުންވާނަަމަ ގުޅިފައިވާ ޕާޓީ ތަކުގެ ލީޑަރުން އެކަން ބަޔާންކޮށް ރައީސް އަބްދުﷲ ޔާމީނަށް ސިޓީއަކުން ހުށަހެޅުމަށް ރައީސް ޔާމީން އެދިވަޑައިގެންފައިވަނިކޮށެވެ.
ރައީސް ޔާމީން މިދިޔަ ހަފްތާގެ ތެރޭގައި ވިދާޅުވީ ނަޝީދު މިނިވަންކޮށްދެއްވުމަށް އެދިވަޑައިގެން ސިޔާސީ ލީޑަރުން އެމަނިކުފާނަށް ސިޓީ ފޮނުއްވައިފިނަމަ އެކަން ކޮށްދޭން ކުރެވެން ހުރި މަސައްކަތެއް ކޮށްދެއްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.
"ރައީސް ނަޝީދު ވެސް މިނިވަންކުރަން ބޭނުމިއްޔާ، އަޅުގަނޑަށް އިދިކޮޅުގައި ތިއްބެވި ހުރިހާ ލީޑަރުން ވަކިވަކިން ސިޓީ ފޮނުއްވާ. ރައީސް މައުމޫން ވެސް ފޮނުއްވައި ދެއްވާ، އިމްރާން ވެސް ފޮނުއްވައިދެއްވާ، ރައީސް ނަޝީދު ވެސް ފޮނުއްވައިދެއްވާ، އަދި ގާސިމް އިބްރާހީމް ވެސް ވަކިން ޕާޓީ ނަމުގައި ސިޓީއެއް ފޮނުއްވައިދެއްވާ، ސޮއިކުރައްވާފައި. ތިމަންނަމެން ކޮންމެ މީހަކު ބޭނުމޭ ރައީސް ނަޝީދު މިނިވަންވާން. އަދި މިކަން ކުރަން ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސްދޭށޭ... އޭރަށް އަޅުގަނޑު، އަޅުގަނޑުގެ ޕީޖީ ލީޑަރަށް ހުށަހަޅައިގެން މަޖިލިސްގެ ތެރެއިން ކިހާވަރެއްގެ ރުހުމެއްތޯ މިއަށް ހޯދޭނީ ކުރިއަށް ގެންދާނަން. އެހެންވީމަ މި މަގު ވެސް އެބަ އޮތް،" ރައީސް ޔާމީން ވިދާޅުވެފައިވެ އެވެ.
ރައީސް ޔާމީންގެ މިވާހަކަތާއި ގުޅިގެން އެހެންނަމަވެސް އެކަން ސާފު އިބާރާތުން ފާހަގަނުކޮށް ރައީސް މައުމޫން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ރައްޔިތުން ސަރުކާރެއް ހޮވަނީ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށްދީ، ރައްޔިތުންނާމެދު ހަމައާއި އިންސާފުން އަމަލުކޮށް، ރައްޔިރުންގެ ލާބަޔާއި މަންފާއަށްޓަކައި މަސައްކަތް ކުރުމަށް ކަމަށެވެ. މިކަން ކުރުމަކީ ރައްޔިތުން އެންމެން ވަކިވަކިން އާދޭސް ނުކުރި ނަމަވެސް ސަރުކާރުގެ ޒިންމާއެއް ކަމަށާއި މިކަންކަން އެހެން ކޮށްނުދެވޭ ނަމަ ސަރުކާރެއް އޮތުމުގެ ބޭނުމެއް ނެތެް ކަމަށެވެ.
"މިކަން މިހެން އޮތްއިރު އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ގާނޫނާއި ހަމަޔާއި އިންސާފުގެ ބޭރުން ސަރުކާރުން ސިޔާސީ ވާދަވެރިންނަށް އެކި ގޮތްގޮތުން ދަތިކޮށް، ފުލުސް އޮފީހަށާއި ކޯޓުތަކަށް ރެއާއި ދުވާލު ގެންގޮސް، ގޭގައި ނުވަތަ ޖަލުގައި ބަންދުކޮށް، އެކިއެކި ބޮޑެތި އަނިޔާތައް ދެމުން ގެންދާތަނެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގެ އިމްތިޔާޒާ ބެހޭ ގާނޫނާ ހިލާފަށް މެމްބަރުންގެ ގެތައް ފާސްކޮށް، ފޯނުތައް އަތުލައި، ރޭގަނޑު ދަންވަރު ވަގުތުތަކުގައި އެބޭފުޅުން ހައްޔަރުކޮށް ގެންދާތަނެވެ. އަދި މީގެ ދިހަ ބާރަ އަހަރު ކުރިން ހިނގާފައިވާ ކަމަށް ބުނެ އެއްވެސް އަސާސެއް ނެތް ހިޔާލީ ތުހުމަތުތަކެއް ކޮށްގެން އެބޭފުޅުންގެ އަބުރަށް އަރައިގަނެ، އެކިއެކި މުއައްސަސާތަކުން ސުވާލުކުރާތަނެވެ،" މައުމޫންގެ ބަޔާނުގައިވެ އެެވެ.
ރައީސް މައުމޫން ވިދާޅުވީ މިހުރިހާ ގާނޫނާ ހިލާފު، އަދި މާތްވެގެންވާ އިސްލާމްދީނުގެ އުސޫލުތަކާއި ތައާރުޒުވާ އަދި ޑިމޮކޮރެޓިކް ހަމަތަކާ ފުށުއަރާ ނާއިންސާފު އަމަލުތައް ވަގުތުން ހުއްޓާލުމަށް ތަކުރާރުކޮށް އެމަނިކުފާނު ވާނީ ގޮވާލާފައި ކަމަށެވެ. އެގޮތުން އެމަނިކުފާނު ފޮނުއްވާފައިވާ ސިޓީތަކާއި ނެރުއްވާފައިވާ ބަޔާންތަކުންނާއި ދައްކަވާފައިވާ ވާހަކަތަކުން އެކަން ފެންނާން ހުންނާނެ ކަމަށްވެސް ބަޔާނުގައި ފާހަގަކުރައްވާފަ އެވެ. މީގެތެރޭގައި ސިޔާސީ ކުށްވެރިން ވަގުތުން ދޫކޮށްލުމަށާއި، ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގާނޫނާއި ގަވާއިދާ ހިލާފަށް ހައްޔަރުނުކުރުމަށާއި، ޝަރީއަތައް ނުގެންދިއުމަށާއި، ކޮންމެ މީހަކަށްވެސް އިންސާފުވެރި ޝަރީއަތެއްގެ ފުރުސަތު ހޯދައިދިނުމަށް ގޮވާލާފައިވާނެ ކަމަށްވެސް ވިދާޅުވި އެވެ. އެހެންކަމުން ވަކި ބޭފުޅަކު މިނިވަންކުރުމަށް ނުވަތަ ބަދަލު ހިފުމުގެ ރޫހުގައި ވަކި ބޭފުޅަކާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ހުއްޓުމަކަށް ގެނެއުމަށް އެދި ވަކިފަރާތަކަށް ސިޓީ ލިޔަން ޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށްވެސް މިބަޔާނުގައި ވަނީ ފާހަގަކުރައްވާފަ އެވެ.
ރައީސް މައުމޫން އިތުރަށް ވިދާޅުވީ ވޭތުވެ ދިޔަ ދެތިން އަހަރުގެ ތެރޭގައި އެކިއެކި ބޮޑެތި ގައުމީ މައްސަލަތަކާ ބެހޭގޮތުން ރައީސް ޔާމީނަށް ސިޓީ ފޮނުއްވާފައިވާނެ ކަން ދިވެހި ރައްޔިތުންގެ މައުލޫމާތައްޓަކައި ދަންނަވާ ކަމަށެވެ. އެއިން އެއްވެސް ސިޓީއަކަށް މިހާތަނަށް ޖަވާބެއް ލިބިފައި ނުވާ ކަން ފާހަގަކުރައްވާ މިބަޔާނުގައި ވިދާޅުވެފައިވަނީ އެ ސިޓީތަކުގައިވާ މުހިއްމު މައްސަލަތަކަށް ވިސްނާވަޑައިގަންނަވާ ކަމުގެ އެއްވެސް ހެއްކެތްވެސް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ.
"މިކަން މިހެން އޮތުމާއެކު ކޮންމެ ފަރާތަކުން އެދިވަޑައިގަތަކަސް އެއްވެސް ކަމަކާބެހޭގޮތުން އެ ފަރާތަށް އިތިރު ސިޓީއެއް ފޮނުވަން އަޅުގަނޑު ގަސްތުނުކުރާ ވާހަކަ ދެންނެވީމެވެ،" ރައީސް ޔާމީންގެ ނަން ވިދާޅު ނުވެ ނެރުއްވާފައިވާ ބަޔާން ނިންމާލައްވަމުން ރައީސް މައުމޫން ވިދާޅުވެފައިވެ އެވެ.
އެއްވެސް ކަމެއްގައި ރައީސް ޔާމީނަށް ސިޓީ ނުފޮނުއްވާނެ ކަމަށް ރައީސް މައުމޫން ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ