ސޫދާންގެ އާންމު ފަތުވާދިނުމާ ބެހޭ ދާއިރާގެ ރައިސް ރާއްޖެ ވަޑައިގެންފި

ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންނަށާއި, ދަޢުވަތުގެ މައިދާނުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ދީނީ މަޢުލޫމާތުއދެއްވުމަށް ސޫދާނުގެ ޢާންމު ފަތުވާދިނުމާބެހޭ ދާއިރާގެ ރައީސް ރާއްޖެއަށް ވަޑައިގެންފިއެވެ.
ސޫދާނުގެ ޢާންމު ފަތުވާދިނުމާބެހޭ ދާއިރާގެ ރައީސް އަދި ސޫދާނުގެ ޢިލްމުވެރިންގެ މަޖިލީހުގެ ނާއިބް ރައީސްކަންވެސް ކުރައްވަމުން ގެންދަވާ ޑރ. ޢަބްދުލްޙައްޔު ޔޫސުފް ޢަބްދުއްރަހީމް ރާއްޖެ ވަޑައިގަތީ މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. އަޙްމަދު ޒިޔާދުގެ ދަޢުވަތަކަށެވެ. އަދި އެމަނިކުފާނަށް ވެލޭނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ވިދާޅުވީ ވެސް އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދުއެވެ.
މިމަހުގެ ނުވަވަނަ ދުވަހު ޑރ. އަބްދުލްޙައްޔު ޔޫސުފް ޢަބްދުއްރަހީމްގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު, އިސްލާމިކް މިނިސްޓްރީއިން ވިދާޅުވިގޮތުގައި އެމަނިކުފާނުގެ މިދަތުރުފުޅުގައި، ރާއްޖޭގެ ދީނީ ޢިލްމުވެރިންނަށާއި، ދަޢުވަތުގެ މައިދާނުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ދީނީ މަޢުލޫމާތު ދެއްވުމާއި ދީނީ ތަޤްރީރުދެއްވުމަށް ހަމަޖެހިފައިވެއެވެ.
ސޫދާންގެ ޢާއްމު ފަރުވާދިނުމާބެހޭ ދާއިރާގެ ރައީސާ ރާއްޖޭގެ އިސްލާމިކް މިނިސްޓަރ ވަނީ ބައްދަލުކުރައްވާފައެވެ. އަދި އެމަނިކުފާނު، ރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި، ޢިމާމުންނާއި ޚަތީބުންނާއި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރުންނާވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮގްރާމަކީ ދިވެހި ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރައްވައި، އިސްލާމްދީނާބެހޭ ޞައްޙަ މަޢުލޫމާތު ރައްޔިތުންނަށް ދެއްވުމުގެ މަޤްޞަދުގައި ރާއްޖޭގެ އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދަވާ ޕްރޮގްރާމްތަކުގެ ދަށުން ހިންގަވާ ޚާއްޞަ ޕްރޮގްރާމެކެވެ.
ޑރ. އަބްދުލްޙައްޔު ޔޫސުފް ޢަބްދުއްރަހީމަކީ، ސޫދާނުގެ ޢާއްމު ފަތުވާދިނުމާބެހޭ ދާއިރާގެ ރައީސްގެ އިތުރުން، ޢިލްމުވެރިންގެ މަޖީލީހުގެ ނާއިބް ރައީސް ކަމާއި، ސޫދާނުގެ މުޖުތަމަޢުގެ ޚާތަމުލް މުރުސަލީން މިސްކިތުގެ އިމާމުކަމާއި ޚަތީބުކަންވެސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ