އިލެކްޝަންސް ކޮމިޝަނުން އިންތިހާބަށް ފުރިހަމަ އަށް ތައްޔާރުވެފައެއް ނެތް: މައުމޫން

އަންނަ މަހުގެ 7 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިހާބަށް އިލެކްޝަންސް ކޮމިޝަނުން ވާން ޖެހޭ ވަރަށް ތައްޔާރީތައް އަދިވެސް ވެފައި ނެތް ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މައުމޫންގެ ކޮއްކޯފުޅު އަބްދުﷲ ޔާމީނަށް ތާއީދު ހޯއްދެވުމުގެ ގޮތުން ގއ. އަތޮޅުގެ ރަށްތަކަށް މިރޭ ފެއްޓެވި ކެމްޕޭން ދަތުރުފުޅަށް ފުރާ ވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ ރާއްޖޭގެ ހަމަޖެހުން ބިނާވެގެން ވަނީ ރިޔާސީ އިންތިހާބުގެ މިނިވަންކަމާއި ހަމަހަމަކަމުގެ މައްޗަށް ކަމަށެވެ. އެހެންކަމުން އިލެކްޝަންސް ކޮމިޝަނުން އެ އިންތިހާބު ކުރިއަށް ގެންދަން ޖެހޭނީ ދެ ފުށް ފެންނަ، އިންސާފުވެރި ގޮތެއްގައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެކަމަށް އެ ކޮމިޝަނުން މަސައްކަތް ކުރަން ޖެހޭ ކަމަށް މައުމޫން ވިދާޅުވި އެވެ.
"އެހެން ނަމަވެސް އެތާނގެ [އިލެކްޝަންސްގެ] މަސައްކަތް ރޭވިފައި ހުރި ގޮތުން އެތަނުގައި މައްސަލަތަކެއް އެބަހުރި. އެހެން ޕާޓީތަކުން ވެސް އެކަން ފާހަގަ ކުރޭ. އަޅުގަނޑުމެން އެއްގޮތަކަށް ވެސް ނުދަންނަވަން އެބޭފުޅުން ގޯސްގޮށް ކަންތައް ކުރައްވަނިއްޔެކޭ. އެހެނެއް ނޫން އިންތިހާބަށް ކުރަން ޖެހޭ ކަންތައްތައް އިލެކްޝަނުން ފުރިހަމަކޮށް ކުރެވިފައި އޮތް ކަމަކަށް ނުފެނެޔޭ އަޅުގަނޑުމެން މިދަންނަވަނީ،" މައުމޫން ވިދާޅުވި އެވެ.
އިންތިހާބާ ދެމެދު 16 ދުވަސް އޮތްއިރު އެމަނިކުފާނު ވިދާޅުވީ އިންތިހާބާ ގުޅޭ ކަންތައްތައް ރަނގަޅު ކުރަން އަދިވެސް ވަގުތު އެބަ އޮތް ކަމަށެވެ. އަދި އެ ކޮމިޝަނަށް އެކަން ކުރެވޭނެ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އިންތިހާބުގެ ފުރަތަމަ ބުރުން ޕީޕީއެމް ކާމިޔާބު ކުރާނެ ކަމުގެ ވަރަށް ބޮޑު އުންމީދެއް އެބަ އޮތް ކަމަށެވެ. އަދި ރަށްރަށުން ވެސް އެ ޕާޓީ އަށް ބޮޑު ތާއީދެއް އޮތް ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ ނުކުންނަ ގޮތަކުން ދެވަނަ ބުރަކަށް ދާން ޖެހިއްޖެ ނަމަ ޕީޕީއެމާ ކޯލިޝަން ހަދަން ތިބި ޕާޓީތަކާ ގުޅިގެން އިންތިހާބު ކާމިޔާބު ކުރަން މަސައްކަތް ކުރާނެ ކަމަށެވެ.
"އަޅުގަނޑުމެން ބޭނުން ވަނީ ގައުމަށް ފައިދާ ހުރި ގޮތަށް މި އިންތިހާބު އެންމެންނާ ގުޅިގެން ނަމަވެސް ކާމިޔާބު ކުރަން. އަޅުގަނޑުމެންނަކީ މީގެ ކުރިން ވެސް އެހެން ޕާޓީތަކާ ވެސް ގުޅިގެން މަސައްކަތް ކުރާ ޕާޓީއެއް،" މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ