ސުޕްރީމް ކޯޓުގެ ހުކުމަކާ މެދު ސަމީރު ދެއްކެވި ވާހަކައެއްގެ މައްސަލަ ފުލުހުން ބަލަނީ

ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު އަހުމަދު ސަމީރު ސްޕްރީމް ކޯޓުގެ އިތުބާރު ގެއްލޭ ގޮތަށް ވާހަކަ ދެއްކެވި މައްސަލައެއް ބަލައިދިނުމަށް އެދި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ޕޮލިހަށް ހުށަހަޅައިފި އެވެ.
ފުލުހުން ބުނީ މި މަހުގެ 12 ވަނަ ދުވަހު ހުށަހެޅި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށާއި އެކަމާ ގުޅިގެން ހާޒިރުކުރަން ޖެހޭ ފަރާތްތައް ވެސް ހާޒިކޮށް ބަޔާންތައް ނަގަމުން އަންނަ ކަމަށެވެ.
ޑީޖޭއޭ އިން ސަމީރުގެ މައްސަލަ ޕޮލިހަށް ހުށަހަޅާފައި މި ވަނީ މި މަހު 6 ވަނަ ދުވަހު "ހަވީރު" ނޫހުގައި "އޭސީސީ އޮތުމުގެ ބޭނުން ކެނޑުނީތަ؟" ސުރުހީގެ ދަށުން ލިޔެފައިވާ ރިޕޯޓަކަށް ސަމީރު ދެއްވި އިންޓަވިއުއެއްގައި ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ. މި މައްސަލައާ ގުޅިގެން އެ ރިޕޯޓު ލިޔުނު ނޫސްވެރިޔާ ހުސެން ފިޔާޒު މޫސާ ވެސް މިއަދު ޕޮލިހަށް ހާޒިރުކުރި އެވެ.
ފިޔާޒު ބުނީ ޕޮލިހަށް ހާޒިރުކުރީ އެ ރިޕޯޓުގައި ސަމީރާ ހަވާލާދީފައިވާ ވާހަކަތަކަކީ އޭނާ ދެއްކެވި ވާހަކަތަކެއްތޯ ބެލުމަށް ކަމަށެވެ. މި މައްސަލަ ފުލުހުން ބަލަމުންދާ އިރު މި ވަގުތު ސަމީރު ރާއްޖެއަކު ނޫޅުއްވަ އެވެ.
ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހައި ކޯޓުގައި ކުރި އިސްތިއުނާފާ ގުޅިގެން ނެރުނު ވަގުތީ އަމުރު ބާތިލުކުރުމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ ބެހޭ ގޮތުން ޝާއިއުކުރި ރިޕޯޓަށް ދެއްވި އިންޓަވިއުގައި ސަމީރު ވިދާޅުވެފައި ވަނީ ހުކުމް އައިސްފައިވާ ގޮތުން ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑަށް އެކަން ސިފަވަނީ ޒާތީ ނިންމުމެއްގެ ގޮތުގައި. ސަބަބަކީ އޭސީސީން ސުޕްރީމް ކޯޓުގެ ކޮރަޕްޝަންގެ މައްސަލަތަކުގެ ތެރެއަށް ވެސް ވަދެފައި ވަނިކޮށް، އޭސީސީގެ ފުރިހަމަ ބާރު ކެނޑޭ ގޮތަށް ހުކުމް އައުމުން،" ސަމީރު ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ