އަބްދުﷲ ގާޒީ އިނގިރޭސި ވިލާތަށް ދާން ފުރުސަތު އޮތް ކަމަށް ތޮލްހަތު ވިދާޅުވި: ހެކިން

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) އަށް އާއިލާ އެކު އިނގިރޭސި ވިލާތަށް ބަދަލުވުމުގެ ފުރުސަތު ވެސް އޮތް ކަމަށް އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނު ވިދާޅުވި ކަމަށް ބުނެ މީހަކު މިއަދު ކްރިމިނަލް ކޯޓުގައި ހެކިބަސް ދީފި އެވެ. އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލާގައި ތޮލްހަތުގެ މައްޗަށް ހިންގާ ޝަރީއަތުގައި އެމްއެންޑީއެފްގެ ސައިކްލޮޖިސްޓް އައިޝަތު ޒީނާ ބުނީ އަބްދުﷲ ގާޒީ އަށް އާއިލާއާ އެކު އިނގިރޭސި ވިލާތަށް ވަޑައިގެންނެވިދާނެ ކަމަށް ތޮލްހަތު ވިދާޅުވީ ޒީނާގެ ފޯނަށް ފޮނުއްވި މެސެޖެއްގައި ކަމަށެވެ. އަބްދުﷲ ގާޒީ ގިރިފުށީގައި ހައްޔަރުކޮށްފައި ހުންނެވި އިރު އޭނާގެ ވެލްފެއާގެ ކަންކަމާ ހަވާލުވެ ހުރި ޒީނާ ބުނީ ތޮލްހަތު ފޮނުއްވި އެ މެސެޖް އަބްދުﷲ އޭނާ ދެއްކެވި ކަމަށެވެ. ނަމަވެސް އޭގެ ފަހުން އަބްދުﷲ ގާޒީ ދެއްކެވި ވާހަކަތައް ހަނދާން ނެތް ކަމަށް ޒީނާ ބުންޏެވެ.  އަބްދުﷲ ގާޒީ ހައްޔަރުކުރިއިރު ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މާގާމުގައި ހުންނެވި ފަރުހަތު ސަހީރު ހެކިބަސް ދެއްވަމުން ވިދާޅުވީ ފުލުހުންނަށް އެހީތެރިވާން ސިފައިން ހާއްސަ އޮޕަރޭޝަނެއް ހިންގަން އުޅޭކަމާއި އެ އޮޕަރޭޝަނުގައި އާންމުންގެ ބައެއް މީހުން ހައްޔަރުކުރަން ޖެހިދާނެކަން ސިފައިންގެ އިސް ވެރިންނާ ބައްދަލުކުރައްވާ ތޮލްހަތު ވިދާޅުވި ކަމަށެވެ. ސާކް ސަމިޓުގެ ސަލާމަތީ ކަންކަން ބެލެހެއްޓި ސިފައިންނާ ބައްދަލުކުރައްވައި ކުރީގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ފަރުހަތު ވާހަކަ ދައްކަވަނީ.--ފޮޓޯ: އެމްއެންޑީއެފް އޭނާ ވިދާޅުވި ގޮތުގައި މީހުން ހައްޔަރުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވުމުން އެ ބައްދަލުވުގައި ތިއްބެވި ހުރިހާ ސިފައިން ދެކޮޅު ހެއްދެވި އެވެ. ނަމަވެސް ސީދާ އަބްދުﷲ ގާޒީ ހައްޔަރުކުރާނެ ވާހަކަ އެދުވަހު ތޮލްހަތު ވިދާޅުނުވާ ކަމަށް ފަރުހަތު ވިދާޅުވި އެވެ. މިހާރު އައިޖީއެމްއެޗްގެ ސީއީއޯގެ މަގާމުގައި ހުންނެވި ފަރުހަތު ވިދާޅުވީ އެދުވަހުގެ ބައްދަލުވުން ނިމުނީ އެއްވެސް ކަމެއް ކުރަން ވަކި ގޮތަކަށް ނިންމައިގެން ނޫން ކަމަށެވެ.އަބްދުﷲ ގާޒީ ހައްޔަރުކޮށް، ގިރިފުށީގައި ބެހެއްޓި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަދި މިހާރުގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލާއި މާލޭ އޭރިޔާގެ ކުރީގެ ކޮމާންޑަރު އިބްރާހިމް ދީދީގެ މައްޗަށް ވެސް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ